އިޓާލިއަން ލީގުގެ ކްލަބްތަކުގެ ކުޅުންތެރިން އިންޑިވިޖުއަލް ތަމްރީނުތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފެށުމަށާއި ޓީމު ތަމްރީނުތައް އަންނަ މަހުގެ 18 ވަނަ ދުވަހު ފެށުމުގެ ހުއްދަ އިޓަލީ ސަރުކާރުން ދީފި އެވެ. ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލުމަށް ފަހު އިޓަލީގެ ބޮޑުވަޒީރު ޖިސެއްޕޭ ކޮންޓޭ ވިދާޅުވީ އިޓަލީ މިހާރު ތައްޔާރުވަމުން އަންނަނީ ލޮކްޑައުނަށް ލުއިތަކެއްދީ ފުޓްބޯޅަ އަލުން ފެށުމަށް ކަމަށެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ޔޫރަޕްގެ ހުރިހާ ލީގެއްހެން ވަނީ މެދުކަނޑާލާފަ އެވެ. އިޓާލިއަން ލީގުގެ މެޗުތައް މާޗް ނުވަ ވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައިވާއިރު ބަލީގައި އެގައުމުން ވަނީ 27,000 މީހުން މަރުވެފަ އެވެ. ރިޕޯޓުތައް ބުނާގޮތުން ކުޅުންތެރިންނާއި ޓީމުތަކުން ފަރިތަކުރުންތައް ފެށުމަށް ފަހު މެއި 27 އާއި ޖޫން 02 އަކާ ދެމެދު އިޓަލީ ލީގުގެ ކުޅުން އަލުން ފެށޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. މެއި ފަހުކޮޅު ފަށައިފި ނަމަ އިޓަލީ ލީގުގެ ކުޅުން އޮގަސްޓް މަހުގެ ކުރީކޮޅު ނިންމާލެވޭނެ އެވެ. އެކަމަކު ލީގު އަލުން ފެށުމާމެދު މިހާތަނަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމާކޮށްފައެއްނުވެ އެވެ. ލީގު އަލުން ކުޅޭނަމަ އެކަން ކުރާނީ ސަޕޯޓަރުންނަށް ނުވަދެވޭ ގޮތަށް ހަރުކަށި އުސޫލަކާއެކު އެވެ.
އިޓަލީގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ބޮޑުވަޒީރު ކޮންޓޭ ވިދާޅުވީ އެގައުމުގެ ކުޑަކުދިންގެ ޕާކުތައް ވެސް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިދިޔަ އާދީއްތަ ދުވަހު ކޮރޯނާވައިރަސްގެ ސަބަބުން އިޓަލީގައި މަރުވީ 260 މީހުންނެވެ. މިއީ މާޗް 14 ގެ ފަހުން އެގައުމުން މި ވައިރަހުގައި މީހުން އެންމެ މަދުން މަރުވި ދުވަހެވެ.
“އިންޑިވިޖުއަލް ތަމްރީނުތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފެށޭނެ. އަދި ގްރޫޕްތަކަށް ބަހާލައިގެން މެއި 18 ވަނަ ދުވަހު ތަމްރީނުތައް ކުރިއަށް ގެންދެވޭނެ. އެއަށްފަހު ބަލާނީ ސީޒަން ފުރިހަމަ ކުރެވޭނެ ހާލަތެއް އޮތްތޯ” ކޮންޓޭ ވިދާޅުވި އެވެ.
ކޮންޓޭ ވިދާޅުވީ ސީޒަން ފަށާނީ ރައްކާތެރިކަމާއި ސަލާމަތަށް ބަލައިގެން ކަމަށެވެ. އަދި، ކުޅިވަރު ހުއްޓި އެތުލީޓުން ބަލިވާން ނޭދޭ ކަމަށް ކޮންޓޭ ވިދާޅުވި އެވެ.
“އިޓަލީގެ އެހެން އެންމެންނެކޭ އެއްގޮތަށް އަހަރެންގެ ހިތުގައިވެސް ފުޓްބޯޅަ އަށް ލޯބި އޮވޭ. ސީޒަން ހުއްޓާލުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު ސަޕޯޓަރުން ވެސް ގަބޫލުކުރާނެ މިވަގުތު މެޗުތައް ކުޅޭނެ އިތުރު ގޮތެއް ނެތްކަން” ފުޓްބޯޅަ އަލުން ފަށަން ބޭނުންވާކަމަށް ހާމަކުރައްވަމުން ކޮންޓޭ ވިދާޅުވި އެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ކުރަމުން އަންނަނީ ފަރިތަކުރުންތަކަށް ކުޅުންތެރިން ނުކުތުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށެވެ. ފަރިތަކުރުންތައް ފެށުމަށް ކޮންމެ ޓީމަކުން ވަކިވަކި ގްރޫޕްތައް ހެދުމުގެ އިތުރުން ޑޮކްޓަރުންނާއި ފިޒިއޯތެރަޕިސްޓުން ހިމެނޭނެ އެވެ.
އިޓަލީ ލީގުގެ މެޗުތައް މެދުކަނޑާލިއިރު ޕޮއިންޓެއްގެ ތަފާތުން އެއް ވަނައިގައި އޮތީ ޔުވެންޓަސް އެވެ. ދެ ވަނައިގައި އޮތީ ލާޒިއޯ އެވެ. ލީގުގައި 12 ޓީމަކަށް ބާކީ 12 މެޗު އޮތްއިރު ބާކީ އަށް ޓީމަށް 13 މެޗު އެބައޮތެވެ.
އިޓަލީގެ ފެޑެރޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ބުނީ ޖޫން 30 ގެ ނިޔަލަށް ސީޒަން ނިންމާލުމަށް ޝެޑިއުލް ކުރިނަމަވެސް އެ މުއްދަތު އޮގަސްޓް ދެ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.
އިޓަލީ ލީގު އަލުން ފެށުމުގެ މަޝްވަރާތައް ކުރިނަމަވެސް އެކަމާ ދެކޮޅަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ އަޑު އުފުލަމުންނެވެ. މިވަގުތު ލީގުގެ ފުލުގައި އޮތް ބްރެޝިއާގެ ރައީސް މަސިމޯ ކެލީނޯ ވިދާޅުވީ އަލުން މެޗުތައް ފެށިޔަސް އެޓީމުގެ މެޗުތައް ދޫކޮށްލަން ތައްޔާރަށް ހުރިކަމަށެވެ.
ޔޫރަޕްގެ ގިނަ ލީގުތައް ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ނެތްއިރު ނެދަލެންޑްސްގެ ޑަޗް ލީގު ދާދިފަހުން ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު ޖަރުމަނުން މަސައްކަތް ކުރަމުން އަންނަނީ އެގައުމުގެ ލީގު އަންނަ މަހުގެ ނުވަ ވަނަ ދުވަހު ފެށުމެވެ. ސަޕޯޓަރުން ނުވައްދައި ޖަރުމަނު ލީގު ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު ވައިރަހުގެ ނުރައްކާ ކުޑަނުވާކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ޖަރުމަނު އެފްއޭ އަށް ފާޑުކިޔަމުންނެވެ.