ފުރަތަމަ ސަފްޙާ / ޚަބަރު / ކޮވިޑް-19 އާ ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ލުކާކޫ މާފަށް އެދިއްޖެ

ކޮވިޑް-19 އާ ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ލުކާކޫ މާފަށް އެދިއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 23 އެޕްރީލް 2020

އިންޓަ މިލާނުގެ 23 ކުޅުންތެރިއަކު މިދިޔަ ޖެނުއަރީ މަހު ބަލިވި ކަމަށާއި، އެކަމަކު އޭރު ކޮވިޑް-19 އަށް ޓެސްޓް ނުކުރާކަމަށް ބުނެ ފޯވާޑް ރޮމެލޫ ލުކާކޫ މީޑިއާގައި ދެއްކި ވާހަކަތަކާއި ގުޅިގެން ކްލަބުގެ ކިބައިން އޭނާ މާފަށް އެދިއްޖެ އެވެ.

މިދިޔަ ސީޒަނަށް ފަހު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް އިންޓަ އަށް ބަދަލުވި ބެލްޖިއަމްގެ ފޯވާޑް ލުކާކޫ މިދިޔަ އަންގާރަ ދުވަހު ބެލްޖިއަމްގެ ޓީވީ ޕްރެޒެންޓަރަކާއެކު އޮތް އިންސްޓަގްރާމް ލައިވް އިންޓަވިއުއެއްގައި ބުނެފައިވަނީ ޖެނުއަރީ މަހު ލީގުގައި ކަލިއާރީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރުން އިންޓަގެ ކުޅުންތެރިން ތިބީ ރޯގާ ޖެހިފައި ކަމަށެވެ.

“އަހަރެމެންނަށް ޑިސެމްބަރުގަ ހަފްތާއެއްގެ ޗުއްޓީއެއް ލިބުނު. އެނބުރި ޓީމާ ގުޅުނުއިރު 25 ކުޅުންތެރިންގެ ތެރެއިން 23 ކުޅުންތެރިން ތިބީ ބަލިކޮށް. އަހަރެންނަށް ވަރަށް ޔަގީންކަމާއެކު ބުނަކެރޭ މިހެން. މިއީ މަޖަލަށް ދައްކާ ވާހައެއް ނޫން” ލުކާކޫ ބުނިކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ލުކާކޫ އެހެން ބުނިއިރު ޖެނުއަރީ މަހުގެ ހުރިހާ މެޗެއް ވެސް އިންޓަ އިން ވަނީ ފުރިހަމަ ސްކޮޑާއެކު ކުޅެފަ އެވެ. އެހެންވެ އެ ވާހަކަތައް ކްލަބުގެ ސަމާލުކަމަށް އައުމުން ލުކާކޫއާ ކްލަބުން ވާހަކަދައްކައި މައްސަލަ ހައްލުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި، ލުކާކޫ ވަނީ އެ ވާހަކަތައް އެގޮތަށް އާއްމުކުރެވުމުން ކްލަބުގެ ކިބައިން މާފަށް އެދިފަ އެވެ.

“ކަލިއާރީއާ ކުޅުނު މެޗުގައި 25 މިނެޓު ފަހުން އަހަރެމެންގެ ޑިފެންޑަރެއް ޖެހުނު ދަނޑުން ފައިބަން. ކުޅުން ކުރިއަށް ނުގެންދެވިގެން އޭނާ ހީވީ ވެއްޓެން އުޅުނުހެން. އެންމެންވެސް ކެއްސި އަނެއްކާ ހުންވެސް ހުރި. މެޗަށް ތައްޔާރުވިއިރު އަހަރެންގެ ހަށިގަނޑު ވެސް އާއްމުކޮށް ހުންނަ ވަރަށް ވުރެ ހޫނުހެން ހީވި. މިދިޔަ އަހަރުތަކުގައި ނުވާ ވަރު އަހަރެންނަށް އެދުވަހު ވި” ލައިވް އިންޓަވިއުގައި ލުކާކޫ ބުނެފައިވެ އެވެ.

ލުކާކޫ ބުނީ މެޗަށް ފަހު ޕޫމާގެ ގެސްޓުންނާ އެކު ރޭގަނޑުގެ ކެއުމެއް އޮތްކަމަށާއި އެހެންނަމަވެސް ދައުވަތު ލިބުމުން ޝުކުރު އަދާކުރުމަށް ފަހު އެރޭ ނިދަން ދިޔައީ ކަމަށެވެ. އެދުވަސްވަރު އިންޓަގެ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ނުކުރާތީ ހާލަތު ނޭނގޭ ކަމަށް ލުކާކޫ ވަނީ ބުނެފަ އެވެ. ލުކާކޫގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އޭނާ އަށް އަމާޒުވި އެވެ.

ޔޫރަޕްގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބައެއް ތަޖުރިބާކާރުން ބުނެފައިވަނީ ކްލަބް ފުޓްބޯޅަ މެޗުތަކެވެ. މިގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އިޓަލީގެ އެޓަލާންޓާ އިން މިލާންގެ ސެންސީރޯ ގައި ސްޕެއިންގެ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗަކީ ވައިރަސް ފެތުރުމަށް ހުޅުވުނު ދޮރެއް ކަމަށް ބެލެވެ އެވެ.

ޔޫރަޕްގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު އިޓަލީ އަކީ އެންމެ އުނދަގޫ ހާލަތުގައި އޮތް އެއް ގައުމެވެ. ކޮވިޑް-19 ޖެހިގެން އެގައުމުން 25،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މަރުވާ ރޭޓް މިހާރު އަންނަނީ ދަށްވަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!