އޭނާ އުފަންވި ހޮސްޕިޓަލަށް އެހީގެ ގޮތުގައި ހަ ލައްކަ ޑޮލަރުގެ އެހީއެއް ވޭލްސްގެ ގަރެތު ބޭލް ދީފި އެވެ. ޔުނިވަރސިޓީ ހޮސްޕިޓަލް އޮފް ވޭލްސް އަށް އުފަންވި ބޭލް އެ ހޮސްޕިޓަލަށް ދީލަތީ އެހީއެއް ވެދިނީ ކޮވިޑް-19 އިން ސަލާމަތްވުމަށް ވޭލްސް އިން ކުރަމުންގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
އެ ހޮސްޕިޓަލަށް ބޭލް ވަނީ 500،000 ޕައުންޑް (615،000 ޑޮލަރު) ހަދިޔާކޮށްފަ އެވެ. ފައިސާގެ އެހީ ހަދިޔާކުރިކަން ބޭލް ހާމަކުރީ އިއްޔެ އާއްމުކުރި ޓްވިޓާ ޕޯސްޓެއްގަ އެވެ.
“އަހަރެންގެ މި ވީޑިއޯގެ މަގްސަދަކީ ކޮވިޑް-19 ގެ އުނދަގޫ ހާލަތުގައި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތާއި ވާ ގުރުބާނީ ފާހަގަކޮށް ޝުކުރުއަދާކުރުން” ޓްވީޓްކުރި ވީޑިއޯގައި ބޭލް ބުނެފައިވެ އެވެ.
އެހީ ދިނުމަށް ފަހު ބޭލް އިތުރަށް ބުނީ އޭނާ އާއި އޭނާގެ އާއިލާއިން ސިއްހީ ހިދުމަތްތެރިންގެ އަގު ވަޒަންކުރާ ކަމަށާއި އެ ހިދުމަތް އުފަލާއެކު ބަލައިގަންނަ ކަމަށެވެ.
“ޔުނިވަރސިޓީ ހޮސްޕިޓަލަށް އަހަރެންގެ ހިތުގައި ހާއްސަކަމެއް އޮވޭ. އެއީ އަހަރެން އުފަންވި ހޮސްޕިޓަލް އަދި އަހަރެންގެ ރައްޓެހިންނަށް، އާއިލާ އަށް އަދި މުޅި މުޖުތަމައަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ހޮސްޕިޓަލެއް” ކާޑިފްގައި ހުންނަ ހޮސްޕިޓަލަށް ފައިސާ ހަދިޔާކުރުމަށް ފަހު ބޭލް ބުނެފައިވެ އެވެ.
ބުދަ ދުވަހުގެ ނިޔަލަށް ވޭލްސް އިން 8000 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ބަލީގައި 624 މީހުން ވަނީ މަރުވެފަ އެވެ.
ބޭލްގެ އިތުރުން ޔުވެންޓަސް އަށް ކުޅޭ ވޭލްސްގެ ތަރި އާރޯން ރަމްސީ ވެސް ވަނީ ވޭލްސްގެ ހިއްސީ ހިދުމަތަށް 10،000 ޕައުންޑުގެ އެހީއެއް ދީފަ އެވެ. ރަމްސީ ހަދިޔާކުރި ފައިސާގެ ތެރެއިން އެއްބައި ވަނީ އޭނާ އުފަންވި ވޭލްސްގެ ކާފިލީ ސަރަހައްދަށް ހަދިޔާކޮށްފަ އެވެ.
2013 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އިން ރެއާލް މެޑްރިޑަށް ބަދަލުވުމަށް ފަހު 30 އަހަރުގެ ބޭލް ވަނީ އެ ކްލަބުގައި ހަތަރު ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ރެއާލް މެޑްރިޑް މިވަގުތު ސްޕެނިޝް ލީގުގެ ދެ ވަނައިގައި އޮތްއިރު ލީގު ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފަ އެވެ. އެގައުމުގެ ލޮކްޑައުން މެއި ނުވަ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާއިރު ލީގުގެ ކުޅުން އަންނަ މަހު އަލުން ފަށަން ސްޕެއިން އެފްއޭ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.