ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަންސް ލީގު ފައިނަލް އޮގަސްޓް މަހަށް ޝެޑިއުލްކުރަނީ

ޗެމްޕިއަންސް ލީގު ފައިނަލް އޮގަސްޓް މަހަށް ޝެޑިއުލްކުރަނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 23 އެޕްރީލް 2020

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލް އޮގަސްޓް މަހު ކުޅެވިދާނެކަމަށް ޔޫއެފާއިން ބުނެފި އެވެ. ޔޫއެފާއިން މިހެން ބުނީ 55 މެމްބަރު އެސޯސިއޭޝަނާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.

ހުއްޓިފައިވާ ޔޫރަޕްގެ ފުޓްބޯޅައިގެ ލީގުތަކާއި ޔޫރަޕްގެ ކްލަބް މުބާރާތްތައް ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް ޔޫއެފާއިން އަންނަނީ ކޮންމެ ހަފްތާއަކު ވެސް ކުރަމުންނެވެ. މެމްބަރު ގައުމުތަކާއެކު އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސިން ބައްދަލުވުމުގައި ޔޫއެފާއިން ބުނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ޖޫން، ޖުލައި އަދި އޮގަސްޓް މަހު ކުޅުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ޔޫރަޕްގެ ކްލަބް މުބާރާތްތައް އޮގަސްޓް މަހާއި ހަމައަށް ދިގުދަންމަން މަޝްވަރާތައް ކުރިނަމަވެސް ޔޫއެފާއިން ޔޫރަޕްގެ އެސޯސިއޭޝަންތަކަށް އަންގާފައިވަނީ ޖޫން 30 ގެ ކުރިން އެގައުމެއްގައި އޮންނަ ލީގާއި މުބާރާތްތައް ނިންމުމަށެވެ. ރިޕޯޓުތައް ބުނާގޮތުން އިއްޔެ ބޭއްވި މަޝްވަރާތަކުގައި ލީގުތައް ނިންމުމަށް ޔޫއެފާއިން މިހާރު ހުށަހަޅާފައިވާ އާ ތާރީހަކީ ޖުލައި 31 އެވެ.

ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ފައިނަލް އޮގަސްޓް މަހަށް ޝެޑިއުލްކޮށް ޖުލައި 31 ގެ ކުރިން ލީގުތައް ނިންމާލަން ޔޫއެފާއިން އެސޯސިއޭޝަންތަކާއި މަޝްވަރާ ކުރިނަމަވެސް ޝެޑިއުލާ އެއްގޮތަށް މެޗުތައް ކުޅެވޭނީ ކޮވިޑް-19 ގެ ހާލަތަށް އަންނަ ބަދަލާއި ގުޅިގެންނެވެ. އެކަމަކު ޔޫއެފާއިން ބުނެފައިވަނީ އޮގަސްޓް މަސް އަންނައިރު ދަތުރުފަތުރު ކުރުމުގައި ލުއިތަކެއް ލިބޭނެތީ މެޗުތައް ކުޅެވިދާނެކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އިއްޔެގެ ބައްދަލުވުމުގައި ޔޫއެފާއިން ބުނެފައިވަނީ އޮގަސްޓް 11 އިން އޮގަސްޓް 22 އާ ދެމެދު ޔޫއެފާ ކްލަބް މުބާރާތްތަކުގެ ދެ ލެގުގެ މެޗުތައް ކުޅެން ޝެޑިއުލްކުރާނެ ކަމަށެވެ. އެހެންނަމަވެސް އެ މެޗުތައް އެއް ލެގަށް ވެސް ބަދަލުކުރުމުގެ ފުރުސަތު ބޮޑެވެ. މިގޮތަށް ކުޅޭނަމަ އެއް ލެގުގެ މެޗު ކުޅޭނީ ދެޓީމަށް ވެސް ހަމަހަމަ ވާނޭހެން ނިއުޓްރަލް ދަނޑެއްގަ އެވެ.

މިހާރު މަޝްވަރާކޮށްފައިވާ ޝެޑިއުލްގައި ބުނާގޮތުން ޖުލައި މަހުގެ ނިޔަލަށް ޔޫރަޕްގެ ލީގުތަކާއި ކަޕް މުބާރާތްތައް ނިންމާ ނުލެވިއްޖެ ނަމަ އޮގަސްޓް މަހު ވެސް އެ މެޗުތައް ކުޅެން ފުރުސަތު ދޭނެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ގިނަ ޓީމުތަކަށް ބާކީ ނުވަ މެޗު އޮތްއިރު ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ ގައުމުތައް ކަމަށްވާ އިޓަލީ ލީގުގައި ކޮންމެ ޓީމަކަށް ބާކީ 11 މެޗު އަދި ސްޕެއިން ލީގުގައި ކޮންމެ ޓީމަކަށް ބާކީ 12 މެޗު އެބައޮތެވެ. އެކަމަކު އިނގިރޭސި ކްލަބްތަކާ ހިލާފަށް އިޓަލީ އާއި ސްޕެއިންގައި ބާކީ އޮތް ކަޕް މެޗުތައް މަދެވެ.

ޔޫއެފާއިން ބުނީ ހާލަތު ރަނގަޅުވެ މެޗުތައް ފުރިހަމަކުރަން ބޭނުންވާ ކަމަށާއި އެހެންނަމަވެސް ޔޫރަޕްގެ ކްލަބް މުބާރާތްތައް ފަސްކުރުމުން ކުރިއަށް އޮތް ސީޒަނުގެ ކޮލިފިކޭޝަނަށް ބުރޫ އަރާނެ ކަމަށެވެ. ޔޫރޮޕާ ލީގުގެ ކޮލިފައިން ބުރު އާއްމުކޮށް ޖުލައި މަހު ފަށާއިރު ޔޫއެފާއިން މިހާރު ވަނީ ކުރިއަށް އޮތް ސީޒަނުގެ ކޮލިފައިން މެޗުތައް ފަސްކޮށްފަ އެވެ.

ޔޫރަޕްގައި ކޮވިޑް-19 ޖެހިގެން އެތައް ހާސް ބަޔަކު މަރުވަމުންދާއިރު ފުޓްބޯޅަ ހުއްޓާލާފައި އޮންނަތާ ހަ ހަފްތާއަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ކޮވިޑް-19 ގެ ސަބަބުން މެޗުތައް ފަސްކޮށްގެން ނަމަވެސް ލީގުތައް ނިންމާލުމަށް ޔޫއެފާއިން ވަނީ މެމްބަރު އެސޯސިއޭޝަންތަކަށް ބާރު އަޅައިފަ އެވެ. ޔޫރަޕްގެ ލީގުތަކުގެ ތެރެއިން ބެލްޖިއަމްގެ ޕްރޯ ލީގު ކެންސަލް ކުރުމަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފަ އެވެ. އަދި، މި ހަފްތާ ނެދަލެންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެގައުމުގައި ކުޅޭ އެންމެ މަތީ ފަންތީގެ ލީގު ކަމަށްވާ ޑަޗް ލީގު ކެންސަލް ކުރަން ވިސްނާކަމަށް ބުނެފަ އެވެ. ނެދަލެންޑްސް އެފްއޭ އިން ބުނެފައިވަނީ ޑަޗް ލީގު ކެންސަލް ކުރުމާމެދު ފަހު ބަސް ބުނާނީ ޔޫއެފާއިން ކަމަށެވެ. ނެދަލެންޑްސް އިން އެގައުމުގެ ލީގު ކެންސަލް ކުރުމުގެ މަޝްވަރާތައް ފެށީ ސެޕްޓެމްބަރު އެއް ވަނަ ދުވަހުގެ ކުރިން ބޮޑެތި ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އެގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ބެލްޖިއަމާއި ނެދަލެންޑްސްގެ އިތުރުން ސްކޮޓްލެންޑުން ވެސް ވަނީ ފުޓްބޯޅަ ލީގު ނިންމާލުމުގެ މަޝްވަރާތައް ކުރަމުންނެވެ. ސްކޮޓްލެންޑުގައި ކުޅޭ ދަށް ލީގުތައް ނިންމާލަން މިހާރު ވަނީ ނިންމައިފަ އެވެ. އެކެމަކު ފުރަތަމަ ޑިވިޝަނުގެ ލީގު ނިންމާލާނީ ޔޫއެފާއާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!