ފުރަތަމަ ސަފްޙާ / ޚަބަރު / ނެދަލެންޑްސްގެ ލީގު ކެންސަލް ކުރަނީ!

ނެދަލެންޑްސްގެ ލީގު ކެންސަލް ކުރަނީ!

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 އެޕްރީލް 2020

ސެޕްޓެމްބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް ނެދަލެންޑްސްގައި ބޮޑެތި ހަރަކާތްތައް ކުރިއަށް ނުގެންދަން އެގައުމުގެ ސަރުކާރުން އިއުލާން ކުރުމުން ޑަޗް ލީގު ހުއްޓާލުމުގެ މަޝްވަރާތައް ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން ފަށައިފި އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ޔޫރަޕްގެ ބައެއް ލީގުތައް ފުރިހަމަ ކުރެވޭނެކަމުގެ ޔަގީންކަން ލިބިފައި ނުވާއިރު، ޔޫއެފާއިން ވަނީ ބައެއް ލީގުތައް ކެންސަލް ކުރަން ޖެހިދާނެކަމަށް މިދިޔަ ހަފްތާ ބުނެފަ އެވެ. ނެދަލެންޑްސްގައި ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން އެގައުމުގެ ސަރުކާރުން އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން މީހުން އެއްވެ އުޅޭގޮތަށް ކުރިއަށްގެންދާ ބޮޑެތި އިވެންޓުތައް ސެޕްޓެމްބަރު އެކެއްގެ ކުރިން ނުބޭއްވުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ނެދަލެންޑްސްގެ ލީގު ކެންސަލް ކުރުމަށް އެފްއޭ އިން މަޝްވަރާތައް ފެށި ނަމަވެސް މިކަމުގައި ގޮތް ނިންމާނީ ޔޫއެފާއިން ކަމަށް ލީގުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޑަޗް ލީގުގައި މިހާތަނަށް 26 މެޗު ކުޅެފައިވާއިރު އޭޒެޑު އަލްކަމާއާ ޕޮއިންޓުގެ ގޮތުން އެއްވަރުގެ ގޯލުގެ ތަފާތުން އެއް ވަނައިގައި އޮތީ އަޔަކްސް އެވެ. ލީގު ކެންސަލްކޮށްފިނަމަ އަމަލު ކުރާނެ ގޮތް ޑަޗް އެފްއޭ އިން ހާމަކޮށްފައެއްނުވެ އެވެ.

“ވިސްނުން ހުރީ މި ސީޒަން އިތުރަށް ކުރިއަށް ނުގެންދަން” ޔޫއެފާގެ ފަހުގެ ނިންމުމަށް މަޑުކުރާނެކަމަށް ބަޔާންކުރަމުން ޑަޗް ލީގުން ބުނެފައިވެ އެވެ.

ޑަޗް ލީގު ކެންސަލް ކުރުމުގެ މަޝްވަރާތައް ފެށިއިރު އަންނަ ހުކުރު ދުވަހު ލީގުގެ ހުރިހާ ކްލަބަކާ އެކު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ލީގު ކެންސަލް ކުރަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ޑަޗް ލީގުން ބުނެފައިވަނީ ހަރުކަށި ފިޔަވަޅުތަކަކާއެކު ކުޅުންތެރިންގެ ފަރިތަކުރުންތައް ކުރިއަށް ގެންދަން ފުރުސަތު ދޭނެކަމަށް ބުނެފަ އެވެ.

“މިއީ އެންމެ މަތީ ފަންތީގައި ކުޅޭ ކްލަބްތަކަށް ލިބޭނެ ބޮޑު ގެއްލުމެއް. ޑަޗް ލީގުން އުއްމީދުކޮށްގެން ތިބީ މެޗުތައް އަލުން ކުޅެވޭނެގޮތް ވާނެކަމަށް. އެކަމަކު ސަޕޯޓަރުންނަށް ވަދެވޭ ގޮތަށް މެޗުތައް އިންތިޒާމު ނުކުރެވޭނެކަން ވަނީ ޔަގީންވެފަ. އަދި، މިގައުމުގެ ބޮޑުވަޒީރު ބޭނުންފުޅެއްނުވޭ ސަޕޯޓަރުން ނެތި މެޗުތައް ކުރިއަށް ގެންދާކަށް” ނެދަލެންޑްސްގެ ކުޅިވަރު ޖާނަލިސްޓަކު ބުނެފައިވެ އެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުން އަންނައިރު ނެދަލެންޑްސް އިން މި ބަލި ފެނިފައިވަނީ ފެބްރުއަރީ 15 ވަނަ ދުވަހު އެވެ. މިހާރު ކޮރޯނާވައިރަސް އެގައުމުގައި ހަލުވި ކަމާއެކު ފެތުރެމުންދާއިރު މިހާތަނަށް ވަނީ 34134 މީހުންގެ ގަޔަށް ވައިރަސް އަރައި 4000 އެއްހާ މީހުން މަރުވެފަ އެވެ.

ނެދަލެންޑްސް އިން ލީގު ހުއްޓާލުމަށް މަޝްވަރާކުރަމުން އަންނައިރު ބެލްޖިއަމުން ވަނީ އެގައުމުގެ އެންމެ މަތީ ފަންތީގެ ޕްރޯ ލީގު ކެންސަލްކުރަން ނިންމައިފަ އެވެ. ޔޫރަޕްގައި އަދިވެސް މި ބަލި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ބޮޑެތި ބައެއް ލީގުތައް ކުރިއަށް ގެންދެވޭނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. އޭގެތެރޭގައި ސްޕެއިން އާއި އިޓަލީ ލީގު ހިމެނެއެވެ. އެހެންނަމަވެސް ޖަރުމަނުން ބަލި ކޮންޓްރޯލް ކުރުމުގައި ކުރި ހޯދަމުން އަންނާނީ އެގައުމުގެ ލީގު އަންނަ މަހު ފަށާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!