އިންގްލެންޑާއި މެންޗެސްޓަރ ޔުނައިޓެޑްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތްނަމަވެސް ގޯލު ޖެހުނު އަދަދު މަދުކަމަށް ވޭން ރޫނީ ބުނެފި އެވެ.
ޔުނައިޓެޑްގައި ހޭދަކުރި 13 ސީޒަނުގައި ރޫނީ ވަނީ އެ ކްލަބަށް ކުޅުނު 559 މެޗުގައި 253 ގޯލު ޖަހައި ކްލަބް ރެކޯޑް ގާއިމްކޮށްފަ އެވެ. އިނގިރޭސި ގައުމީ ޓީމުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް ރޫނީ ހެދީ 120 މެޗުން 53 ގޯލު ޖަހައިގެންނެވެ.
ސަންޑޭ ޓައިމްސްގައި ރޫނީ ބުނެފައިވަނީ އޭނާއަކީ “ނެޗުރަލަ ފިނިޝާ” އެއް ނޫން ކަމަށާއި އެކަމަކު އެދުވަސްވަރު އިތުރަށް ގޯލު ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
“އަހަރެން ތެދަށް ބުނަން ބޭނުން. ފަހަރެއްގަ މިހެން ބުނީމަ މީހުންނަށް ހައިރާންކަން ލިބިދާނެ. އަހަރެންނަކީ ނެޗުރަލް ގޯލްސްކޯރާއެއް ނޫން. އަހަރެންނަކީ ގެރީ ލިނެކާ އަދި ރޫޑް ވަން ނިސްޓެލްރޫއީ ގޮތަށް ގޯލް ޖަހާ ކުޅުންތެރިއެއް ނޫން. އަހަރެން އެފަދަ ގޮތަކަށް ނުވެސް ވިސްނަން” ރޫނީ ބުންޏެވެ.
ރޫނީ ބުނީ އިންގްލެންޑާއި ޔުނައިޓެޑްގެ ގޯލް ރެކޯޑް އޮތުމަކީ ފަހުރެއް ކަމަށާއި، އެކަމަކު އޭނާ ގަބޫލުކުރާ ގޮތުގައި އިނގިރޭސި ފުޓްބޯޅައިގެ ދިގު ތާރީހުގައި އޭނާއަށް ވުރެ މޮޅަށް ފޯވާޑަށް ކުޅުނު ކުޅުންތެރިން އެބަތިބި ކަމަށެވެ.
އެވަޓަން އިން ވިދާލުމުން ރޫނީގެ އުމުރުން 18 އަހަރުގައި 2004 ވަނަ އަހަރު ޔުނައިޓެޑުން ވަނީ އޭނާގެ ސޮއި ހޯދާފަ އެވެ. އެ ކްލަބަށް ބަދަލުވުމަށް ފަހު 2017 ވަނަ އަހަރު ޔުނައިޓެޑް ދޫކޮށްލުމުގެ ކުރިން ރޫނީ ވަނީ ސާ ބޮބީ ޗާލްޓަން ހަދާފައިވާ ލަނޑު ޖެހުމުގެ ދެ ރެކޯޑް މުގުރާލާފަ އެވެ. ސާ ބޮބީ ޗާލްޓަން އަކީ 1966 ވަނަ އަހަރު އިނގިރޭސިވިލާތާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ހުނަރުވެރި ފޯވާޑެކެވެ.
ޔުނައިޓެޑްގައި ހޭދަކުރި ފަހު އަހަރުތަކުގައި ރޫނީ ބޮޑަށް ފެނުނީ ގޯލު ޖެހުމަށް ވުރެ ޓީމު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. މިގޮތުން ފޯވާޑުންނަށް ބޯޅަ ފޯރުކޮށްދިނުމުގެ އިތުރުން މެދުތެރޭގައި ވެސް ރޫނީ ވަނީ ކުޅެފަ އެވެ. އެހެންވެ ޔުނައިޓެޑްގައި ހޭދަކުރި ފަހު ސީޒަންތަކުގައި އޭނާގެ ގޯލު ޖެހުމުގެ ރެކޯޑް ދަށެވެ.
“ނެޗުރަލް ގޯލް ސްކޯރާއަކަށް ނުވެ އަހަރެންނަށް ރެކޯޑް ހެދުނީ ކިހިނެއް؟ އަހަރެން ޔުނައިޓެޑަށް ކުޅުނު 13 އަހަރާއި އިންގްލެންޑަށް ކުޅުނު 15 އަހަރުގައި ރެކޯޑް މުގުރާލާން އެކަށީގެންވާ ވަގުތު ލިބުނު. އެކަމަކު އަހަރެން މިހާރު ހިތަށްއަރާ އިތުރަށް ގޯލް ޖެހެން ވާނެޔޭ” ރޫނީ ބުންޏެވެ.
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ރޫނީ ވަނީ ކުރީގެ ކްލަބް އެވަޓަން އަށް ވެސް ކުޅެފަ އެވެ. އޭގެފަހުން އެމެރިކާ ލީގުގައި ކުޅުމަށްފަހު 34 އަހަރުގެ ރޫނީ މިހާރު ކުޅެނީ ޗެމްޕިއަންޝިޕް ކްލަބް ޑާބީ ކައުންޓީއަށެވެ. އެ ކްލަބުގައި ރޫނީ އަދާކުރަނީ ޕްލެޔާސް ކޯޗެއްގެ ރޯލެވެ.
ރޫނީ ބުނީ އިންގްލެންޑުގައި އޭނާ ހަދާފައިވާ ރެކޯޑް ޓޮޓެންހަމް ހޮޓްސްޕާސްގެ މިހާރުގެ ފޯވާޑް ހެރީ ކޭން މުގުރާލާނެ ކަމަށެވެ. އޭނާގެ ރެކޯޑް މުގުރާލުމަކީ އެދޭ ކަމެއް ކަމަށާއި ލަސްތަކެއް ނުވެ ކޭން އެ ރެކޯޑް މުގުރާލަން ބޭނުންވާކަމަށް ރޫނީ ބުނެފައިވެ އެވެ. 26 އަހަރުގެ ކޭން ވަނީ މިހާތަނަށް އިންގްލެންޑަށް ކުޅެދިން 42 މެޗުގައި 32 ލަނޑު ޖަހައިފަ އެވެ.
“އަހަރެންނަށް ހިއެއްނުވޭ އަހަރެންގެ ރެކޯޑް މުގުރާލަން ހެރީ ކޭން އަށް މާގިނަ ދުވަސް ނަގާނެހެން. އެއީ އަހަރެންނަށް ފަހުރުވެރި ވަގުތަކަށް ވާނެ (ރެކޯޑް މުގުރާލާ މެޗު). ޗާލްޓަންގެ ރެކޯޑު އަހަރެން މުގުރާލަން 50 އަހަރު ނެގި. މިފަހަރު އެހާ ދުވަސް ނުނަގާނެކަމަށް އުއްމީދުކުރަން” ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ރޫނީ ބުންޏެވެ.
ގައުމީ ޓީމުގެ ލަނޑު ޖެހުމުގެ ރެކޯޑް ކޭން މުގުރާލި ނަމަވެސް ރޫނީ ގަބޫލުކުރާ ގޮތުގައި އޭނާ ޔުނައިޓެޑްގައި ގޯލު ޖެހި އަދަދާ ހަމަކުރަން އަހަރުތަކެއް ނަގާނެ އެވެ. ރޫނީ ބުނީ ކްލަބް ރެކޯޑް ހަދަން އުނދަގޫ ވާނެ ސަބަބީ އެއް ކްލަބެއްގައި މަޝްހޫރު ކުޅުންތެރިން ގިނަ ދުވަސްވަންދެން މިހާރު ނުތިބުމެވެ.
“މެސީ ނޫނީ ރޮނާލްޑޯ އޯލްޓް ޓްރެފޯޑުގައި ކެރިއަރު ނިމެންދެން ތިބި ނަމަ ތިނެއް ނޫނީ ހަތަރު އަހަރުތެރޭ އަހަރެން ޔުނައިޓެޑްގައި ހެދި ރެކޯޑް މުގުރާލަފާނެ” ރޫނީ ބުންޏެވެ.