ފުރަތަމަ ސަފްޙާ / ޚަބަރު / ގައުމީ ޓީމުގެ އުއްމީދީ ޑިފެންޑަރު ހައިޝަމްގެ ކަކޫ އޮޕަރޭޝަންކޮށްފި

ގައުމީ ޓީމުގެ އުއްމީދީ ޑިފެންޑަރު ހައިޝަމްގެ ކަކޫ އޮޕަރޭޝަންކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 15 އެޕްރީލް 2020

ރާއްޖޭގެ ސީނިއަރ ގައުމީ ފުޓްބޯޅަ ޓީމްގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އިއްޔެ އޭނާގެ ކަކޫ އޮޕަރޭޝަންކޮށްފިއެވެ. ކްލަބް އީގަލްސް އަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ހައިޝަމްގެ ކަކުލަށް މިއަހަރުގެ ޖެނުއަރީ މަހު ލިބުނު އަނިޔާއާ ގުޅިގެން އިއްޔެ އޭޑީކޭ ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަން ކާމިޔާބުކަމަށް ގައުމީ ޓީމުންނާއި ކްލަބް އީގަލްސްގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

ކްލަބް އީގަލްސްގެ ފަރާތުން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ކްލަބްގެ ޒުވާން ޑިފެންޑަރު ހައިޝަމްގެ ކަކުލުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު އިއްޔެ އޭޑީކޭ ހޮސްޕިޓަލުގައި ކޮށްފައިވާ ކަމަށާއި ހައިޝަމްއަށް އަވަސް ރިކަވަރީ އަކަށް އެދޭ ކަމަށެވެ.

ހައިޝަމްގެ ކަކުލުގެ އޮޕަރޭޝަން އާ ގުޅޭގޮތުން ގައުމީ ފުޓްބޯޅަ ޓީމުގެ ފަރާތުން ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓްގައި ބުނެފައިވަނީ ހައިޝަމް އަކީ ގައުމީ ޓީމުގައި ހިމެނޭ ވަރަށް އުއްމީދީ ޑިފެންޑަރެއް ކަމަށާއި، އޭނާ ވީހާވެސް އަވަހަކަށް ރަގަޅުވެގެން ޓީމާއި ގުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ހައިޝަމްގެ ކަކުލަށް އަނިޔާވީ މި ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގައި މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އީގަލްސް އިން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗްގައެވެ. ހައިޝަމްގެ އާއިލާގެ ފަރާތުން “ފަހުމިނެޓް” އަށް މައުލޫމާތުދިން ގޮތުގައި އަނިޔާގެ ސަބަބުން ހަ މަސްދުވަހުގެ މުއްދަތަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ކުރިން ލަފާކުރެވިފައި އޮތްނަމަވެސް އެއަށްވުރެ އަވަހަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށް މިހާރު ލަފާކުރެވިފައިވާ ކަމަށެވެ.

ހައިޝަމް އެންމެ ފުރަތަމަ ފާހަގަކުރެވެން ފެށީ 2017 ވަނަ އަހަރު އޮތް މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށީ ޓީމުންނެވެ. އޭގެފަހުން ހައިޝަމް ވަނީ އެފްއޭއެމްގެ “ޓުވާޑްސް ފިއުޗާ” ޕްރޮގްރާމްގެ ދަށުން އެކުލަވާލި 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން އައްޑޫގައި ކުޅުނު މެޗެއްގައި ބައިވެރިވެފަ އެވެ. ޒުވާން އުމުރުގައި ގައުމީ ޓީމުގައި ހިމެނުމަށްފަހު ހައިޝަމް ވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑޮނީޝިއާ ގައި އޮތް އޭއެފްސީ 19 އަހަރުން ދަށުގެ ކޮލިފައިންގައި ގައުމީ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ. ހަމަ އެ އަހަރު ކްލަބް އީގަލްސްގެ ޒުވާން ޓީމާއެކު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ހައިޝަމް ވަނީ މިދިޔަ ސީޒަނުގައި އީގަލްސްގެ ސީނިއަރ ޓީމުގައި ހިމެނި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ހައިޝަމްއަށް ސީނިއަރ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ޖާގަ ލިބުނީ މިދިޔަ އަހަރުގެ ޖުލައި މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައެވެ. ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ހައިޝަމް އަށް ފުރުސަތު ލިބުމަށް މަގުފަހިވީ މިދިޔަ އަހަރުގެ މާޗް މަހު ސައުދީ އަރަބިއާގައި އޮތް އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ދެއްކި ކުޅުމާއެކުއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް އެކުލަވާލި ގައުމީ ޓީމުގައި ހައިޝަމް ހިމެނުނު ފަހުން އޭނާ ވެފައިވަނީ އޭރުގެ ކޯޗް ކްރޮއޭޝިއާގެ ޕީޓަރ ސެގާޓް އެންމެ އިތުބާރުކުރި އެއް ޑިފެންޑަރަށެވެ. ނަތީޖާ އެއްގެ ގޮތުން ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި މިދިޔަ އަހަރު ރާއްޖެ ކުޅުނު ގިނަ މެޗްތަކުގެ ފުރަތަމަ އެގާރައިން ހައިޝަމްއަށް ފުރުސަތު ލިބިފައިވެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!