ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ޖަލުން ސަލާމަތްކުރުމަށްޓަކައި އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ލިއޮނަލް މެސީ ހަރަދުކުރި ކަމަށާއި، އިޓަލީގެ އިންޓަ މިލާނަށް މެސީ ބަދަލުވާން އުޅޭކަމަށް ބުނެ އާޖެންޓީނާގެ ނޫހަކުން ފެތުރި ވާހަކަތައް މެސީ ރުޅިވެރިކަމާއެކު ދޮގުކޮށްފިއެވެ.
އާޖެންޓީނާގެ ނޫހެއް ކަމަށްވާ ޓީއެންޓީ ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ މި ދެވާހަކައާ ގުޅިގެން މެސީ އޭނާގެ އިންސްޓަގްރާމްގައި އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއީ “އަސްލެއް ނެތް ހަބަރު” ތަކެއް ކަމަށެވެ. ޓީއެންޓީ ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާސެލޯނާގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ކަފާލާތުގެ ދަށުން ޕެރަގުއޭގެ ޖަލަކުން މިނިވަންކޮށް ގެއަށް ބަދަލުކުރުމަށްޓަކައި މެސީ ހަރަދުކޮށްފައިވާ ކަމަށެވެ.
ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ މިޑްފީލްޑަރު ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އަސިސް ޕެރަގުއޭގެ ޖަލެއްގައި 32 ދުވަހު ބަންދުކުރުމަށްފަހު ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ޕެރަގުއޭގެ ޖަލެއްގައި ބަންދުކުރީ ވަގު ޕާސްޕޯޓެއްގައި އެގައުމަށް އެތެރެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މިދިޔަ މަހުގެ ކުރީކޮޅުއެވެ. އެ ދެ މީހުން ކަފާލާތުގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްފައި މިވަނީ 1.6 މިލިއަން ޑޮލަރު ދައްކައިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ޖަލުން ގެއަށް ބަދަލުކުރުމަށް ދައްކާފައިވާ އަދަދަކީ ބޮޑު އަދަދަކަށް ވެފައި އެ ފައިސާ އެހާ އަވަހަށް ދެއްކުނު ގޮތަކާއި މެދު އެކި ފަރާތްތަކުން އަންނަނީ ސުވާލު އުފައްދައި ތަފާތު ވާހަކަތައް ފަތުރަމުންނެވެ. އިންސްޓަގްރާމްގައި ރޭ މެސީ ރޭ އާއްމުކުރި ޕޯސްޓްގައި ބުނެފައިވަނީ އެކަމާއި އޭނާ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ޓީއެންޓީ ސްޕޯޓްސް އިންކޮށްފައިވާ ޓްވީޓްގެ ސްކްރީން ޝޮޓެއް ޝެއާރ ކުރަމުން އޭނާ ބުނެފައި ވަނީ އެއީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ފުރަތަމަ ދޮގަކީ މެސީ އިންޓަރ އަށް ބަދަލުވާން އުޅޭ ވާހަކަ ކަމަށާއި، ދެވަނަ ދޮގަކި ޖަލުން ސަލާމަތްވާން ރޮނާލްޑޯ އަށް ފައިސާ ދިން ވާހަކަ ކަމަށް މެސީ ލިޔެފައިވެއެވެ. އޭގެ އިތުރުން އެ ޕޯސްޓްގައި އޭނާ ވަނީ ޓީއެންޓީ ސްޕޯޓްސް އިން އޭނާ އާ ގުޅޭ ގޮތުން ކުރިން ފަތުރާފައިވާ އެހެން ހަބަރަކާ ގުޅޭ ގޮތުންވެސް ވާހަކަދައްކައިފައެވެ.
“މީގެ ދުވަސްކޮޅެއް ކުރިން އަހަރެންނާއި ނެވެލްސް އޯލްޑް ބޯއިސް އާ ގުޅުވައިގެން އެ މީހުން ފެތުރި ވާހަކަތަކަކީ ވެސް ދޮގެއް. އެ ވާހަކަތައް އެއްވެސް މީހަކު ގަބޫލުނުކުރި ކަމަށްޓަކައި ޝުކުރުކުރަން.” މެސީ ލިޔެފައިވެއެވެ.