ފުރަތަމަ ސަފްޙާ / ޚަބަރު / ސްޕެއިން ލީގު އެންމެ އަވަހަށް ވެސް ފެށޭނީ އަންނަ މަހު ފަހުކޮޅު

ސްޕެއިން ލީގު އެންމެ އަވަހަށް ވެސް ފެށޭނީ އަންނަ މަހު ފަހުކޮޅު

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 8 އެޕްރީލް 2020

ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލާފައިވާ ސްޕެނިޝް ލަލީގާ އެންމެ އަވަހަށް ވެސް ފެށޭނީ މެއި މަހުގެ 28 ވަނަ ދުވަހު ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ސްޕެއިންގައި ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާއިރު ހާލަތު އަދިވެސް ރަނގަޅެއް ނޫނެވެ. ސްޕެނިޝް ލީގުގެ ޓީމެއް އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. އެއީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑުން ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލި މެޗެވެ. ޓެބާސް ވިދާޅުވީ މިހާރު މަސައްކަތްކުރަމުން އަންނަނީ ލީގު އަލުން ފެށޭނެ ތާރީހަކާމެދު މަޝްވަރާކުރަމުން ކަމަށެވެ.

ސްޕެއިންގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓައިފަ އެވެ. ޓެބާސް ވިދާޅުވީ އެދުވަހުގެ ކުރިން ސްޕެނިޝް ލީގުގެ އެއްވެސް ޓީމަކުން ފަރިތަކުރުންތައް އަލުން ފެށުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

ސްޕެނިޝް ލަލީގާ އިން އަންނަނީ ތިން ތާރީހެއްގައި މެޗުތައް އަލުން ފެށުމަށް ޔޫއެފާއާ މަޝްވަރާކުރަމުންނެވެ. އެއީ މެއި 28 ގެ އިތުރުން ޖޫން 6 އަދި ޖޫން 28 އެވެ. ޓެބާސް ވިދާޅުވީ އެތަނުން ސީދާ ތާރީހް ބުނަން ނޭނގޭ ކަމަށާއި އަލުން ލީގު ފަށާނީ ސްޕެއިންގެ އިދާރާތަކުން ނުރައްކަލެއް ނެތްކަމަށް އެންގުމުން ކަމަށެވެ. އެކަމަކު އެ ތާރީހުތަކުގެ ކުރިން ޓީމުތަކަށް ފަރިތަކުރުންތަށް ފެށޭނެ ކަމަށް އުއްމީދު ކުރާކަމަށް ޓެބާސް ވިދާޅުވި އެވެ.

ލަލީގާ މެދުކަނޑާލިއިރު އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. ބާކީ ކޮންމެ ޓީމަކަށް 11 މެޗު އޮތް އިރު ޓެބާސް ވިދާޅުވީ ލީގާއި ކަޕް ފައިނަލް މެޗު ކެންސަލް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ.

ލީގު ކެންސަލްކޮށްފި ނަމަ ކްލަބްތަކަށް އެއް ބިލިއަން ޔޫރޯގެ ގެއްލުން ވާނެކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ޓެބާސް ވިދާޅުވީ ސަޕޯޓަރުން ވައްދައިގެން ކައިރި މުސްތަގްބަލެއްގައި މެޗުތައް ކުޅުމަކީ ދުރު ކަމެކެވެ.

“ސީޒަން ކެންސަލްކޮށްފި ނަމަ ޔޫރަޕްގެ މުބާރާތްތަކުން ލިބޭ ފައިސާއާ އެއްކޮށް ސްޕެނިޝް ކްލަބްތަކަށް އެއް ބިލިއަން ޔޫރޯގެ ގެއްލުމެއް ލިބޭނެ. އެކަމަކު ސަޕޯޓަރުން ނުވައްދައި ވެސް މެޗުތައް ކުޅެވިއްޖެ ނަމަ އެ އަދަދު އަރާނީ 300 މިލިއަނަށް. ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅެން ލިބުނަސް މިހާރުވެސް 150 މިލިއަން ޔޫރޯގެ ގެއްލުމެއް ލިބޭނެ ކަމަށް ބެލެވޭ” ޓެބާސް ވިދާޅުވި އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ޔޫރަޕްގެ ހުރިހާ ލީގެއްހެން ހުއްޓާލާފައިވާއިރު ޔޫއެފާއިން އަންނަނީ ގައުމުތަކުން ލީގުތައް ކެންސަލް ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ. އަދި، ލީގު ކެންސަލްކުރާ ގައުމުތަކުން އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތްތައް އެ ލަނީ ރިސްކަކަށް ކަމަށް ޔޫއެފާއިން ކްލަބްތަކަށް ފޮނުވި ލިޔުމެއްގައި ވަނީ ބުނެފަ އެވެ. ޔޫރަޕުން ލީގު ކެންސަލް ކުރަން ނިންމި ފުރަތަމަ ގައުމަކީ ބެލްޖިއަމް އެވެ. ބެލްޖިއަމްގެ ޕްރޯ ލީގުން ނިންމާފައިވަނީ އެއް ވަނައިގައި އޮތް ކްލަބް ބުރޫޖަށް ލީގު ތަށި ދޭށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!