އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްގެ ބައެއް މުވައްޒަފުން މުސާރަ ނުލިބޭގޮތަށް މަސައްކަތަށް ނުނުކުމެ ތިބެން އެ މުވައްޒަފުންނަށް މިދިޔަ ހޮނިހިރު ދުވަހު އެންގި އެންގުން ބާތިލްކޮށް ކްލަބްގެ ސަޕޯޓަރުންގެ ކިބައިން ލިވަޕޫލުން މާފަށް އެދިއްޖެ އެވެ.
ލިވަޕޫލްގެ ސަޕޯޓަރުންނަށް އެ ކްލަބްގެ ޗީފް އެގްޒެކިއުޓިވް ޕީޓަރ މޯރ ފޮނުވި ހުޅުވާލެވިފައިވާ ސިޓީއެއްގައި ބުނެފައިވަނީ ކްލަބްގެ މުވައްޒަފުންނާ ގުޅޭގޮތުން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށާއި، އެކަމަށްޓަކައި ކްލަބްގެ ފަރާތުން ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ. އަދި، އެ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި އެހެން ގޮތްތަކެއް ކުލަބުން މިހާރު ހޯދަމުން އަންނަ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
ލިވަޕޫލުން އެ ކްލަބްގެ ބައެއް މުވައްޒަފުންނަށް ވަގުތީ ގޮތުން ގޭގައި މަޑުކުރުމަށް އެންގި އެންގުން ބަދަލުކޮށްފައި މިވަނީ އެ ނިންމުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ކްލަބްގެ ވެރިންނަށް އަމާޒުވެފައި ވަނިކޮށެވެ.
ލިވަޕޫލްގެ ނިންމުމާ ގުޅިގެން އެ ކްލަބްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ޖެމީ ކަރޭގާ އާއި ސްޓާން ކޮލީމޯ ވެސް ވަނީ އެކަމަށް ފާޑުކިޔައިފައެވެ.
ލިވަޕޫލްގެ ސީނިއަރ ޓީމަށް 16 އަހަރު ވަންދެން ކުޅުމަށްފަހު 2013 ވަނަ އަހަރު ރިޓަޔަރ ކުރި އެ ޓީމްގެ ކުރީގެ ކެޕްޓަން ކަރޭގާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަން ފެށުނުތާ ކުރީކޮޅު ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް އެންމެންނާ މެދުވެސް ވަރަށް އޯގާތެރިކަން ދެއްކި ކަމަށާއި، އަދި ޕްރިމިއަރ ލީގުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ވަކާލާތުކުރުމުގައި ލިވަޕޫލްގެ ކުޅުންތެރިން ނަމޫނާ ދެއްކި ކަމަށާއި އެހެންނަމވެސް ލިވަޕޫލުން ކްލަބްގެ މުވައްޒަފުންނާ ދޭތެރޭ އަމަލުކުރި ގޮތުން އެ ހުރިހާ ކަމެއް ނެތިގެން ހިނގައްޖެ ކަމަށެވެ.
ލިވަޕޫލްގެ ކުރީގެ ފޯވާޑް ކޮލީމޯ ސޯޝަލް މީޑިއާ ގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ލިވަޕޫލްގެ މި ނިންމުމާ މެދު ހިތްހަމަޖެހޭނެ އެއްވެސް ސަޕޯޓަރުގެ ހުންނާނެކަމަށް ގަބޫލުނުކުރާ ކަމަށާއި، އެއީ ވަރަށް ގޯސް ނިންމުމެއް ކަމަށެވެ.
“ފުޓްބޯޅަ ސަޕޯޓަރުންނޭ. މުސާރަ ނުލިބޭ ގޮތަށް ގެއަށް ފޮނުވާލުމަކީ ކުދިކުދި ވިޔަފާތރިތަކުން އެ ވިޔަފާރިތައް ބަންގުރޫޓްވުމުން ސަލާމަތްކުރުމަށްޓަކައި ކުރާ ކަމެއް. ޕްރިމިއަރ ލީގުގެ ހުރިހާ ކްލަބްތަކެއްގެ ވެރިން އަތުގައި ބައިވަރު ފައިސާ ހުންނާނެ. އަދި އެ މީހުންނަކީ ކުލަބްގެ އެކި ކަންކަމުން އެތައް ފައިސާ އެއް ހޯދާ ބައެއް. އެހެންވީމަ ކީއްވެ އެ މީހުންނަށް އެވަރުގެ ހަރަދެއް ނުކުރެވެންވީ.” ކޮލީމޯގެ ޕޯސްޓްގައި ލިޔެފައިވެއެވެ.
މިދިޔަ ފެބްރުއަރީ މަހު ލިވަޕޫލުން ހާމަކުރި އެ ކްލަބްގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކްލަބަށް އެ މަހު ފައިދާގެ ގޮތުގައި 42 މިލިއަން ޕައުންޑް ލިބިފައިވެއެވެ.
ކޮރޯނާވައިރަހާ ގުޅިގެން އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ވަނީ މެދުކަނޑާލައިފައެވެ. އަދި، މިހާރު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ލީގުގެ ކުޅުން ފެށުން ފަސްކޮށްފައެވެ.