މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ މަންމަ އަށް ކޮވިޑް-19 ޖެހިގެން މިއަދުގެ ވަގުތެއްގައި މަރުވެއްޖެ އެވެ. ގާޑިއޯލާގެ 82 އަހަރުގެ މަންމަ މަރުވިކަން މެންޗެސްޓަރ ސިޓީން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އިއުލާންކޮށްފަ އެވެ.
ގާޑިއޯލާގެ މަންމަ، ޑޮލޯސް ސަލާ ކަރިއޯ މަރުވީ ބާސެލޯނާގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ސިޓީން ދެންމެ އާއްމުކުރި ޓްވީޓްތަކެއްގައި ބުނީ ގާޑިއޯލާގެ މަންމަ މަރުވުމުން އެކަމުގެ ތައުޒިއާ އާއިލާ އަށް ރައްދުކުރާކަމަށާއި ޓީމުގެ އެންމެން ގާޑިއޯލާގެ ހިތާމައިގައި ބައިވެރިވާ ކަމަށެވެ.
The Manchester City family are devastated to report the death today of Pep’s mother Dolors Sala Carrió in Manresa, Barcelona after contracting Corona Virus. She was 82-years-old .
— Manchester City (@ManCity) April 6, 2020
ގާޑިއޯލާގެ ބައްޕަ ވެލެންޓީއާ އެކު ޑޮލޯސް ސްޕެއިންގައި ދިރިއުޅުނީ ބާސެލޯނާ ނިސްބަތްވާ ކެޓަލާންގެ މަންރެސާ ސަރަހައްދުގަ އެވެ. ގާޑިއޯލާގެ އިތުރުން އޭނާގެ މަންމަ އަށް ވަނީ ތިން ކުދިން ލިބިފަ އެވެ. އެއީ ދެ ދައްތަ އާއި ފިރިހެން ކޮއްކޮ އެވެ. ގާޑިއޯލާގެ ފިރިހެން ކޮއްކޮ ޕެރޭ އަކީ ފުޓްބޯޅަ އޭޖެންޓެކެވެ.
ބާސެލޯނާގައި ކުޅުންތެރިއެއްގެ ގޮތުގައި ގާޑިއޯލާ 6 ލީގު ތައްޓާއި ޔޫރަޕިއަން ކަޕް ކާމިޔާބު ކުރިއިރު އޭނާގެ މަންމަ ވަނީ ގާޑިއޯލާއާ އެކު އުފާވެރި ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އަދި، ކޯޗެއްގެ ގޮތުގައި ގާޑިއޯލާ ބާސެލޯނާގައި ހޯދި ގިނަ ކާމިޔާބީތަކުގައި މަންމަ ޑޮލޯސް ވަނީ ބައިވެރިވެފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލުމުން ގާޑިއޯލާ ވަނީ އެނބުރި ސްޕެއިން އަށް ގޮސްފަ އެވެ. އަދި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ގާޑިއޯލާ ވަނީ އެއް މިލިއަން ޔޫރޯގެ އެހީއެއް ވެސް ބާސެލޯނާއަށް ވެދީފަ އެވެ. ގާޑިއޯލާގެ އެއް މިލިއަން ޔޫރޯ ހަދިޔާކުރީ ބާސެލޯނާގައި ސިއްހީ ހިދުމަތް ދޭތާ 100 އަހަރު ވެފައިވާ ހޮސްޕިޓަލަކަށެވެ.
ސްޕެއިން އަކީ ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމެވެ. އެގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 135 ހާހަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު 13 ހާހަށް ވަނީ އަރައިފަ އެވެ. އިއްޔެ އެގައުމުން 4273 މީހަކަށް ކޮވިޑް-19 ޖެހުނުއިރު 637 މީހުން ވަނީ މަރުވެފަ އެވެ. އެހެންނަމަވެސް ބަލި ޖެހޭ ނިސްބަތް މިހާރު އަންނަނީ މަދުވަމުންނެވެ.