މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަހާ ގުޅިގެން ޖަރުމަނުގެ ލީގު މެދުކަނޑާލިފަހުން ފުރަތަމަ ފަހަރަށް ބެޔާން މިޔުނިކްގެ ފަރިތަކުރުންތައް ބާއްވަން އެ ކުލަބުން ތައްޔާރުވެއްޖެއެވެ. ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތް ބެޔާން މިޔުނިކުން އަލުން ފަރިތަކުރުންތައް ފަށަން ހަމަޖައްސައިފައިވަނީ މިއަދު އެވެ.
ކޮރޯނާވައިރަހާއި ގުޅިގެން ޖަރުމަނު ލީގު މެދުކަނޑާލައިފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. ބެޔާން މިޔުނިކުން ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަން ނިންމާފައިވާއިރު ޖަރުމަނުގެ ފުޓްބޯޅަ ލީގުން އޮތީ އޭޕްރީލް މަހުގެ 05 ވަނަ ދުވަހުގެ ކުރިން ކްލަބްތަކުގެ ފަރިތަކުރުންތައް ނުފަށަން އަންގައިފައެވެ.
ބެޔާން މިޔުނިކުން ބުނެފައިވާ ގޮތުގައި އެ ކްލަބްގެ ފަރިތަކުރުންތައް ހޯމަ ދުވަހު ފެށި ނަމަވެސް ފަރިތަކުރުންތައް ކުރިއަށްގެންދާނީ ކުދިކުދި ގްރޫޕްތަކުގެ މެދުގައެވެ.
“ފަރިތަކުރުންތައް ކުރިއަށްގެންދާއިރު އާއްމުންގެ އެއްވެސް ފަރާތަކަށް ނުވަދެވޭނެ. ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުގެގެ ފަރާތުން ދޭ އިރުޝާދުތަކަށް ތަބާވުމަށް ކްލަބްގެ ސަޕޯޓަރުންގެ ކިބައިން އެދެން. އެހެންވީމަ ކުލަބުން އެދެނީ ފަރިތަކުރުންތައް ކުރިއަށްދާއިރު ސަޕޯޓަރުން އެތަނަށް ނައުމަށް.” ބެޔާން މިޔުނިކުން ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައިވެއެވެ.
ޖަރުމަނު ލީގުގެ ކުޅުން މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް މެދުކަނޑާލާފައި ބޭއްވުމަށް މިދިޔަ އަންގާރަ ދުވަހު ބުންޑަސް ލީގާ ގެ ކްލަބްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާއިރު ޖަރުމަނުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް ވަނީ ލައްކައަކަށް އަރައިފައެވެ. މިހާތަނަށް ކޮރޯނާވައިރަހުގެ ސަބަބުން ޖަރުމަނުގައި 1،584 މީހުން މަރުވެފައިވާއިރު އިއްޔެ އެކަނިވެސް އެ ގައުމުން 4031 މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.