ފުރަތަމަ ސަފްޙާ / ޚަބަރު / ހާލަތު ރަނގަޅު ނުވަނީސް ޕްރިމިއާ ލީގު އަލުން ނުފަށަން ނިންމައިފި

ހާލަތު ރަނގަޅު ނުވަނީސް ޕްރިމިއާ ލީގު އަލުން ނުފަށަން ނިންމައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 6 އެޕްރީލް 2020

ކޮރޯނާވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑް-19 ގެ ހާލަތު އިނގިރޭސި ވިލާތުގައި އެއްކޮށް ރަނގަޅު ނުވަނީސް އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން އަލުން ނުފަށަން ނިންމައިފި އެވެ. ޕްރިމިއާ ލީގުން މިގޮތަށް ނިންމީ މިއަދު ކްލަބްތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު އެވެ.

ކޮރޯނާވައިރަހުގެ ނުރައްކާ ދުނިޔެއަށް ބޮޑުވުމުން މާޗް 12 ވަނަ ދުވަހުން ފެށިގެން ޔޫރަޕްގެ ގިނަ ލީގުތަކުގެ ކުޅުން ވަނީ މެދުކަނޑާލައިފަ އެވެ. އިނގިރޭސި ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު އަލުން ފަށަން އެންމެ ފުރަތަމަ ތާވަލު ކުރީ އޭޕްރީލް ހަތަރު (މާދަމާ) ވަނަ ދުވަހު އެވެ. އެކަމަކު އެގައުމުގައި ވައިރަސް ފެތުރޭ އަދަދު އިތުރުވާން ފެށުމުން ފަހުން ވަނީ މި މަހުގެ ނިޔަލަށް ލީގުގެ ކުޅުން ކުރިއަށް ނުގެންދާގޮތަށް ނިންމައިފަ އެވެ.

ސްޕެއިން އާއި އިޓަލީގައި ފެތުރޭ ވަރަށް އިނގިރޭސި ވިލާތުގައި މިދިޔަ ދުވަސްތަކުގައި ކޮރޯނާވައިރަސް ނުފެތުރުނަމަވެސް މިހާރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. އެހެންވެ މިއަދު އޮތް މަޝްވަރާތަކުގައި ޕްރިމިއާ ލީގުން ކްލަބްތަކާއި ވާހަކަދެއްކުމަށް ފަހު ނިންމީ ސަރުކާރުން ހާލަތު ރަނގަޅުވީކަމަށް އިއުލާން ނުކުރާހާ ހިނދަކު ލީގުގެ ކުޅުން ކުރިއަށް ނުގެންދިއުމަށެވެ.

“ލީގުގެ ކުޅުން އަލުން ފެށޭނީ ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ލިބިގެން އަދި ސިއްހީ އުސޫލުތައް ތަންދޭނަމަ” މިއަދު އޮތް ބައްދަލުވުމަށް ފަހު ޕްރިމިއާ ލީގުން ބުނެފައިވެ އެވެ.

ލީގުގައި ގިނަ ޓީމުތަކަށް ބާކީ ނުވަ މެޗު އޮތްއިރު ލީގުގެ އިތުރުން އެފްއޭ ކަޕް ނިންމާލުމަށް ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ބޭނުންވާނެ އެވެ. ޕްރިމިއާ ލީގުން ބުނީ އަންނަ މަހުގެ ކުރީކޮޅު ލީގުގެ ކުޅުން އަލުން ނުފެށޭނެ ކަމަށާއި، އެކަން ކުރެވޭނީ ހާލަތު ރަނގަޅުވީ ދުވަހަކުން ކަމަށެވެ.

ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު އެއް ވަނައިގައި ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑެއްގަ އެވެ. 30 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ. ލީގުގެ ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އޮތްއިރު ތިން ވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. މިވަގުތު ހަތަރު ވަނައިގައި އޮތީ ޗެލްސީ އެވެ.

ޔޫއެފާއިން މިހާރު ވަނީ ޖޫން 30 ގެ ކުރިން ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ނިންމާލުމަށް އެދިފަ އެވެ. އެހެންނަމަވެސް މިހާރު ގައުމުތަކުގައި ބަލި ފެތުރޭ ނިސްބަތަށް ބަލާއިރު މިއީ ވުމަށް ވުރެ ނުވުން ކައިރިކަމެކެވެ. އެހެންވެއްޖެ ނަމަ ޔޫއެފާއިން މި އަހަރުގެ ސީޒަން އިތުރަށް ދިގުދެންމުމުގެ ފުރުސަތު ވެސް އެބައޮތެވެ. ޔޫއެފާއިން މިހާރު ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔޫރޮޕާ ލީގުގެ ބާކީ މެޗުތައް ވެސް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ.

މިއަދު އޮތް ބައްދަލުވުމުގައި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވަނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ ކުޑަކުރަން ހުށަހަޅަން ވެސް އެއްބަސްވެފަ އެވެ. ހުރިހާ ކްލަބަކުން މިގޮތަށް އެއްބަސްވެފައިވާއިރު ކްލަބްތަކުން ހުށަހެޅިޔަސް އެގޮތަށް އެއްބަސްނުވަން ކުޅުންތެރިންގެ ކިބައިން ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން އެދިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. މުސާރަ ކުޑަކުރަން ހުށަހަޅަން ކްލަބްތަކުން މިއަދު އެއްބަސްވުމުގެ ކުރިން ނިއުކާސަލް ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ ކުޅުންތެރިންނާއި ސްޓާފުންގެ މުސާރަ 20 އިންސައްތަ ކުޑަކުރަން ނިންމައިފަ އެވެ.

ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމުމުގެ އިތުރުން ޕްރިމިއާ ލީގުން މިއަދު ވަނީ 125 މިލިއަން ޕައުންޑް އިނގިރޭސި ޗެމްޕިއަންޝިޕް ފުޓްބޯޅައަށާއި ނެޝަނަލް ލީގަށް ދިނުމަށް އެއްބަސްވެފަ އެވެ. އަދި، 20 މިލިއަން ޕައުންޑް ގައުމީ ސިއްހީ ހިދުމަތަށް ދިނުމަށް ވެސް ޕްރިމިއާ ލީގުން މިއަދު ނިންމި އެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް ވުރެ ގިނަވެފައިވާއިރު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 52 ހާހަށް އަރައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!