ފުރަތަމަ ސަފްޙާ / ޚަބަރު / ފުރަބަންދުކޮށްފައި އޮއްވައި ދަރިފުޅަށް އެހީވާން ދިޔަ ބޯޓެންގް ޖޫރިމަނާކޮށްފި

ފުރަބަންދުކޮށްފައި އޮއްވައި ދަރިފުޅަށް އެހީވާން ދިޔަ ބޯޓެންގް ޖޫރިމަނާކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 3 އެޕްރީލް 2020

ކޮރޯނާވައިރަހާ ގުޅިގެން ޖަރުމަނުގެ މިޔުނިކް ފުރަބަންދަކަށް ގެނެސްފައިވަނިކޮށް ބަލި ދަރިފުޅާ ބައްދަލުކުރުމަށް މިޔުނިކުން ބޭރަށް ދިއުމުން ޖަރުމަނުގެ އެންމެ މަޝްހޫރު ކްލަބް ކަމަށްވާ ބެޔާން މިޔުނިކްގެ ޑިފެންޑަރު ޖެރޯމް ބޯޓެންގް އެ ކުލަބުން ޖޫރިމަނާކޮށްފިއެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށުމާއި ގުޅިގެން މެދުކަނޑާލައިފައިވާ ޖަރުމަނު ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ބެޔާން މިޔުނިކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯޓެންގް ދިރިއުޅެމުން އައި ގެއާ މާ ދުރު ހިސާބަކަށް ގޮސްފައިވުމުން ކްލަބުން އެކުލަވާލައިފައިވާ ގައިޑްލައިނާއި އޭނާ ހިލާފްވެފައިވާ ކަމަށެވެ.

ބެޔާން މިޔުނިކް ނިސްބަތްވާ ބަވޭރިއާ ސްޓޭޓަކީ ޖަރުމަނުގައި ކޮރޯނާވައިރަސް ފެތުރެންފެށި ފަހުން އެ ވައިރަހުން ރައްކާތެރިވުމަށްޓަކައި އެންމެ ފުރަތަމަ އެ ގައުމުން ފުރަބަންދަކަށް ގެނައި ސްޓޭޓެވެ. ބެޔާން މިޔުނިކުން ބޯޓެންގް ޖޫރިމަނާ ކުރުމުން އޭނާ ބުނެފައިވަނީ ކްލަބުގެ ނިންމުމާ މެދު ހިތާމަކުރާ ކަމަށާއި އެހެން ނަމަވެސް އެ ނިންމުމަށް އޭނާ އިހުތިރާމްކުރާ ކަމަށެވެ.

“އަހަރެން ގަބޫލުކުރަން އަހަރެން ދާން އުޅޭކަން ކްލަބަށް ނޭންކުމަކީ އަހަރެން ހެދި ގޯހެއް ކަން. އެކަމަކު އެ ވަގުތު އަހަރެންގެ ސިކުނޑީގައި ހަމައެކަނި އެނބުރުނީ އަހަރެންގެ ފިރިހެން ދަރިފުޅު. ދަރިފުޅު އޭރު އުޅުނީ ވަރަށް ބަލިކޮށް. ދަރިއަކު އޭނާގެ ބައްޕަ ގާތު އައިސްދޭން އެދުނީ. އެފަދަ ހާލަތެއްގައި ކޮންމެ ގޮތެއް އަހަރެންނަށް ވިޔަސް އަހަރެން ދާނަން.” ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި 31 އަހަރުގެ ބޯޓެންގް ބުންޏެވެ.

“ދަރިފުޅުގެ ހައްގުގައި އަހަރެން ކޮންމެ އަދަބަކާއިވެސް ކުރިމަތިލާން މިހިރީ ތައްޔާރަށް” އަހަރެން ބަލާލަން ބޭނުން ހަތަރު އަހަރުގެ ކުއްޖަކު ބަލިވުމުން އެ ކުއްޖަކު އޭނާގެ ބައްޕަ ގާތު އަންނަން އެދުމުން ނުދާނެ ބައްޕައަކު ހުރެދާނެތޯ. އެކަމަށް އަދަބެއް ދެންޏާ އެއީ ހިތާމަހުރި ކަމެއް. އެކަމަކު އަހަރެން އެ އަދަބަށް އިހުތިރާމްކުރަން.” ބޯޓެންގް ބުންޏެވެ.

ބެޔާން މިއުނިކުން އެކުލަވާލައިފައިވާ ގައިޑްލައިނާ ހިލާފުވުމުގެ ސަބަބުން ބޯޓެންގް ޖޫރިމަނާކޮށްފައިވަނީ ކިހާވަރަކުން ކަމެއް އެ ކުލަބުން ހާމައެއް ނުކުރެއެވެ. އެކަމަކު އެ ކުލަބުން ހާމަކޮށްފައިވާ ގޮތުގައި ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ ހަވާލުކުރެވޭނީ ޖަރުމަނުގެ ކޮންމެވެސް ހޮސްޕިޓަލަކާއެވެ.

ބެޔާން މިޔުނިކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކްލަބުން އެކުލަވާލައިފައިވާ ގައިޑްލައިންގެ ބޭނުމަކީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށްޓަކައި ބަވޭރިއާގެ ސްޓޭޓް ސަރުކާރުންނާއި، ސިއްހީ އިދާރާތަކުން ކަނޑައޅައިފައިވާ މިންގަނޑުތަކާއި، އަޅައިފައިވާ ފިޔަވަޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބެޔާން މިއުނިކްގެ ކުޅުންތެރިން އަމަލުކުރަމުން ގެންދާކަން ކަށަވަރުކުރުމެވެ. ބެޔާން މިއުނިކުން ގަބޫލުކުރާ ގޮތުގައި މިވަގުތަކީ އެފަދަ ކަންކަމުގައި ކްލަބުން ނަމޫނާ ދައްކަންޖެހޭ ވަގުތެވެ.

ޖަރުމަނަކީ ޔޫރަޕްގައި ތިންވަނަ އަށް އެންމެ ބޮޑަށް ކޮރޯނާވައިރަސް ފެތުރިފައިވާ ގައުމެވެ. އިއްޔެ އާ ހަމައަށް އެގައުމުން 84،000 އަށްވުރެ ގިނަ މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު އެގައުމުން އިއްޔެގެ ނިޔަލަށް 1107 މީހަކު ވަނީ އެ ވައިރަހުގެ ސަބަބުން މަރުވެފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!