ފުރަތަމަ ސަފްޙާ / ޚަބަރު / ފުޓްބޯޅަ އަލުން ފެށޭނެ ދުވަހެއް އެކަކަށް ވެސް ބުނާކަށް ނޭނގޭ: އިންފަންޓީނޯ

ފުޓްބޯޅަ އަލުން ފެށޭނެ ދުވަހެއް އެކަކަށް ވެސް ބުނާކަށް ނޭނގޭ: އިންފަންޓީނޯ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 3 އެޕްރީލް 2020

މާދަމާ ވެސް ފުޓްބޯޅަ އަލުން ފަށަން ސަޕޯޓަރުން ބޭނުންވާނެ ކަމަށާއި، އެކަމަކު ފުޓްބޯޅަ އެނބުރި އަންނާނެ ތާރީހެއް ބުނެދެވޭނެ އެކަކު ވެސް މިވަގުތު ނެތްކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ. އިންފަންޓީނޯ މިހެން ވިދާޅުވީ ދެކުނު އެމެރިކާގެ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަން ތަކާއި ފެޑެރޭޝަން (ކޮންމެބޮލް) ގެ 72 ވަނަ އޯޑިނަރީ ކޮންގްރެސްގައި ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން މުޅި ދުނިޔޭގައި ފުޓްބޯޅަ ހުއްޓިފައިވާއިރު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި އޮންނަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އަދި، ޔޫރަޕާއި ދުނިޔޭގެ އެކި ހިސާބުތަކުގެ ހުރިހާ ލީގެއްހެން ހުއްޓިފައިވާ މި ދަނޑިވަޅުގައި މެޗުތައް އަލުން ކުޅެން ފެށޭނެ ކަމުގެ ޔަގީންކަމެއް ގައުމުތަކަށް ލިބިފައެއްނުވެ އެވެ.

“މާދަމާ ވެސް އަހަރެމެން އެންމެން ބޭނުންވާނެ ފުޓްބޯޅަ ކުޅޭތަން ބަލަން. އެކަމަކު ފުޓްބޯޅަ އަލުން ކުޅެވޭނެ ދުވަހެއް ނޭނގޭ. އަދި ކުރިން ކުޅުނު ގޮތަށް ފުޓްބޯޅަ އަލުން ފެށޭނެ ތާރީހު ބުނަން އެނގޭ އެކަކު ވެސް ނެތް. މުޅި ދުނިޔެ ވެސް މިދަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލަމުން. އަހަރެމެންނަށް އޮތީ އެންމެން އެކުގައި މަސައްކަތްކޮށްގެން ފުޓްބޯޅައިން ރަނގަޅު މެސެޖެއް ދުނިޔެއަށް ދިނުން” އިންފަންޓީނޯގެ ވީޑިއޯ މެސެޖުގައި ވިދާޅުވި އެވެ.

އިންފަންޓީނޯ ވިދާޅުވީ މިވަގުތު އެންމެ މުހިއްމީ ފުޓްބޯޅަ ނޫންކަމަށާއި އެންމެ ފުރަތަމަ އަންނާނީ ސިއްހަތު ކަމަށެވެ. އެހެންވެ މިކަމުން އަރައިގަންނަން ފުޓްބޯޅައިން ވެސް ސިއްހަތު އިދާރާތަކާއި ދައުލަތުގެ އެނގުންތަކަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.

ފުޓްބޯޅަ ހުއްޓުމާއެކު ކްލަބްތަކަށް މިހާރު ވަނީ މާލީ ބޮޑެތި މައްސަލަތައް ކުރިމަތިވެފަ އެވެ. ސަޕޯޓަރުން ދަނޑަށް ވަދެގެން ލިބޭ ފައިސާ އާއި ސްޕޮންސަރުންގެ އެހީތައް ހުއްޓިފައިވާތީ ބައެއް ކްލަބްތައް އަލުން ކޮޅަށް ޖަހަން ޖެހޭނެކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މިލިއަނަކަށް ވުރެ ގިނަ މީހުނަށް ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ޖެހިފައިވާއިރު މި ބަލީގައި މުޅި ދުނިޔެއިން 52،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރުވެފަ އެވެ. ފުޓްބޯޅަ އަލުން ފެށޭނެ ތާރީހެއް ލަފާކޮށްލަން ނޭނގޭތީ އެކި ގައުމުތަކުން އަންނަނީ ލީގުތަކުގެ ސަސްޕެންޝަނުގެ މުއްދަތު އިތުރުކުރަމުންނެވެ.

އިންފަންޓީނޯ ވިދާޅުވީ ފުޓްބޯޅަ އަލުން ފަށާއިރު ބަދަލުތަކެއް ފެންނާނެ ކަމަށެވެ. ކޮރޯނޯވައިރަހުގެ ސަބަބުން އިގްތިސާދީގޮތުން މުޅި ދުނިޔެއަށް ލިބެމުންއަންނަ ގެއްލުމުގެ އަސަރު ކްލަބްތަކަށް ކުރާނެކަމަށް އިންފަންޓީނޯގެ ވާހަކައިގައި ފާހަކުރިއެވެ.

“ހުރިހާ ކަމެއް ނޯމަލްވާއިރު މުޅި ދުނިޔެ އާއި ފުޓްބޯޅަ އަށް ބޮޑު ބަދަލެއް އަންނާނެ. އެންމެންގެ ޒިންމާއެއް އެއީ ފުޓްބޯޅަ ސަލާމަތްކުރުމަށް މަސައްކަތްކުރުން. މިކަމުން އެނބުރި އަންނަ ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން” އިންފަންޓީނޯ ވިދާޅުވި އެވެ.

ކޮރޯނާވައިރަހުގެ އަސަރު މިވަގުތު އެންމެ ބޮޑީ ޔޫރަޕާއި އެމެރިކާގަ އެވެ. އިނގިރޭސިވިލާތާއި ސްޕެއިން އަދި އިޓަލީގައި ކޮވިޑް-19 ޖެހިގެން ގިނަ ބަޔަކު މަރުވަމުންދާއިރު އެގައުމުތަކުގެ ލީގުތައް ކުރިއަށް ގެންދެވޭނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

އިޓަލީ އާއި ސްޕެއިން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާއިރު އިނގިރޭސި ލީގު މިވަގުތު ސަސްޕެންޑް ކޮށްފައިވަނީ މި މަހުގެ ނިޔަލަށެވެ. އެހެންނަމަވެސް އިނގިރޭސި ލީގުގެ ކްލަބްތަކާއެކު މިއަދު ބާއްވާ މަޝްވަރާ ބައްދަލުވުމަށް ފަހު މި މުއްދަތު އަންނަ މަހަށް ފަސްކުރާނެކަން ވަރަށް ޔަގީނެވެ.

ޔޫރަޕްގެ ލީގުތަކުގެ ތެރެއިން ބެލްޖިއަމްގެ އެންމެ މަތީފަންތީގެ ޕްރޯ ލީގުގެ ކުޅުން މިހާރު ވަނީ ކެންސަލްކުރަން ނިންމައިފަ އެވެ. ލީގުގެ ކުޅުން ކެންސަލްކުރަން ނިންމައި ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ކްލަބް ބުރޫޖަށް ތަށި ދޭން ނިންމާފައިވާއިރު ބާކީ ޖާގަތައް ކަށަވަރުކުރާނީ ޕްލޭއޮފް މެޗުތަކެއް ކުޅެގެންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!