ފުރަތަމަ ސަފްޙާ / ޚަބަރު / ބެލްޖިއަމްގެ ލީގު ކެންސަލްކޮށް ޗެމްޕިއަންކަން އެއް ވަނައިގައި އޮތް ބްރޫޖަށް

ބެލްޖިއަމްގެ ލީގު ކެންސަލްކޮށް ޗެމްޕިއަންކަން އެއް ވަނައިގައި އޮތް ބްރޫޖަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 3 އެޕްރީލް 2020

ކޮރޯނާވައިރަހުގެ ސަބަބުން ބެލްޖިއަމްގެ އެއް ވަނަ ޑިވިޝަނުގެ ބެލްޖިއަން ޕްރޯ ލީގު ކެންސަލްކުރަން ނިންމުމުން ލީގު ޗެމްޕިއަންކަން އެއް ވަނައިގައި އޮތް ކްލަބް ބުރޫޖަށް ލިބިއްޖެ އެވެ.

ބެލްޖިއަމްގެ ލީގަކީ ހުއްޓާލާފައިވާ ޔޫރަޕްގެ ލީގުތަކުގެ ތެރެއިން ސީޒަނުގެ ބާކީބައި ކެންސަލްކުރަން ނިންމި ޔޫރަޕްގެ ފުރަތަމަ ލީގެވެ. ބެލްޖިއަމްގެ މަތީ ފަންތީގެ ލީގުގައި 16 ޓީމުން ވާދަކުރާއިރު ކޮންމެ ޓީމަކުން މިހާރު ވަނީ 29 މެޗު ކުޅެފަ އެވެ. އެހެންވެ ލީގުގައި ބާކީ ކޮންމެ ޓީމަކަށް އޮތީ އެންމެ މެޗެކެވެ. ބުރޫޖުން ވަނީ ލީގުގެ ކުޅުން މިދިޔަ މަހު ކުރީކޮޅު ހުއްޓާލިއިރު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. އެހެންވެ ލީގު ކެންސަލް ކުރުމުން އެޓީމަށް ޗެމްޕިއަންކަން ހަވާލުކުރާގޮތަށް ނިންމީ އެވެ. ބެލްޖިއަމްގެ ލީގު ސަސްޕެންޑް ކުރުމުގެ ކުރިން މާޗް ހަތް ވަނަ ދުވަހު ކުޅުނު މެޗުން ބުރޫޖް ވަނީ 2-1 އިން މޮޅުވެފަ އެވެ.

ލީގުގެ އެއް ވަނައިގައި ބުރޫޖް އޮތީ 70 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ގެންޓް އަށް 55 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ޓީމާއި ހަތަރު ވަނައިގައި އޮތް ޓީމުތަށް އޮތީ ޕޮއިންޓެއް ފަހަތުގަ އެވެ.

ކްލަބް ބުރޫޖަށް އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބޭއިރު ދެ ވަނަ ޓީމު ޖެހޭނީ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ކުޅޭށެވެ. އަދި، ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމަށް ލިބެނީ ޔޫއެފާ ޔޫރޮޕާ ލީގުގެ ކޮލިފައިން ފުރުސަތެކެވެ. ލީގުން ރެލިގޭޓް ވަނީ ފުލަށް ދާ ޓީމެވެ. އެކަމަކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ވެސް މިހާރު މެދުކަނޑާލާފައި ވާތީ އަންނަ ސީޒަނުގައި މުބާރާތް އޮންނާނެ ގޮތެއް އަދި ނޭނގެ އެވެ.

ބެލްޖިއަމް ލީގުގެ ކުޅުން ކެންސަލްކުރަން ނިންމިއިރު ކަށަވަރުވެފައިވަނީ ހަމައެކަނި ޗެމްޕިއަން ޓީމެވެ. އެހެންވެ ލީގުގެ ބޯޑް އޮފް ޑައިރެކްޓާސްގެ ބައްދަލުވުމަކަށް ފަހު ނިންމީ ބާކީ ޖާގަތައް ކަށަވަރުކުރަން ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ.

ޗެމްޕިއަންކަން ބުރޫޖަށް ލިބުނުކަން ރަސްމީކޮށް ހާމަކުރާނީ ލީގުގެ ނިންމުންތައް ހާމަކުރަން ހަމަޖެހިފައިވާ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެކަމަކު ލީގުގެ ޕްލޭއޮފް މެޗުތައް ޖޫން 30 ގެ ކުރިން ކުޅުމަށް އެގައުމުގެ އެފްއޭ އިން ވަނީ ނިންމައިފަ އެވެ.

ޔޫރަޕްގެ ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާއިރު ބެލަރޫސް ނޫން ހުރިހާ ގައުމެއްގެ ލީގުތައް ވަނީ ހުއްޓާލައިފަ އެވެ. ޔޫރަޕްގެ އެންމެ ވަރުގަދަ ލީގުތައް ހިމެނޭ އިނގިރޭސިވިލާތާއި، ޖަރުމަނު، ފްރާންސް، އިޓަލީ އަދި ސްޕެއިންގައި ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވެފައިވާއިރު އެ ލީގުތަކުގެ ކުޅުން އަލުން ފެށޭނެ ދުވަހެއް ނޭނގެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!