ފުރަތަމަ ސަފްޙާ / ޚަބަރު / ފަސްކުރި ޓޯކިޔޯ އޮލިމްޕިކްސް އަންނަ އަހަރުގެ ޖުލައި މަހަށް ތާވަލްކޮށްފި

ފަސްކުރި ޓޯކިޔޯ އޮލިމްޕިކްސް އަންނަ އަހަރުގެ ޖުލައި މަހަށް ތާވަލްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 31 މާރޗް 2020

ކޮރޯނާވައިރަހުގެ ސަބަބުން ފަސްކޮށްފައިވާ އޮލިމްޕިކްސް ކުޅިވަރު ގޭމްސް އޮންނާނީ އަންނަ އަހަރުގެ ޖުލައި/އޮގަސްޓް މަހުގައި ކަމަށް އޮލިމްޕިކްސް ކޮމިޓީގެ އޯގަނައިޒިން ކޮމިޓީން ބުނެފި އެވެ.

މިއަހަރުގެ ޖުލައި މަހުގެ 24 އިން އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ޖަޕާނުގެ ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކޮރޯނާވައިރަހުގެ ސަބަބުން ފަސްކުރިކަން އިދާރާތަކުން ހާމަކުރީ މިދިޔަ ހަފްތާގަ އެވެ. ދުނިޔޭގައި އޮންނަ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ފަސްކުރިކަން ހާމަކުރަމުން އޭރު އިދާރާތަކުން ބުނެފައިވަނީ އަންނަ އަހަރުގެ ހޫނު މޫސުން ނިމުމުގެ ކުރިން ގޭމްސް އަލުން ބާއްވާން އެދޭ ކަމަށެވެ. ގޭމްސް ބާއްވަން އިއްޔެ އާއްމުކުރި އާ ތާރީހަކީ އަންނަ އަހަރުގެ ޖުލައި 23 އިން އިން އޮގަސްޓް 8 އަށެވެ. އަދި، ޕެރަލިމްޕިކްސް ބާއްވާގޮތަށް މިހާރު ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 24 އިން ސެޕްޓެމްބަރު 5 އަށެވެ.

The Olympic Games #Tokyo2020 will be held from 23 July until 8 August 2021.

More information here: https://t.co/ST25uXKglE pic.twitter.com/sQo1TIcH5O

— #Tokyo2020 (@Tokyo2020) March 30, 2020

އޮލިމިކްސް ގޭމްސް އަންނަ އަހަރަށް ފަސްކުރީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ، އައިއޯސީގެ ރައީސް ތޯމަސް ބަޗް އަދި އޯގަނައިޒިން ކޮމިޓީގެ ރައީސް ޔޮޝީރޯ މޯރީއާ އެކު ކޮންފަރެންސް ފޯން ކޯލެއް ބާއްވައި މަޝްވަރާކުރުމަށް ފަހު އެވެ.

ގޭމްސް ފަސްކުރިކަން އިއުލާންކުރަމުން އައިއޯސީ އާއި ޓޯކިޔޯގެ އޯގަނައިޒިން ކޮމިޓީން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިވަގުތު ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާތީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުތަކަށް ބޯލެނބުމުގެ ގޮތުން އޮލިމްޕިކްސް ފަސްކުރަން ނިންމީ ކަމަށެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ އޮލިމްޕިކްސް އަކީ ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތެވެ. އަންނަ އަހަރުގެ ގޭމްސްގައި 11 ހާހަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާއިރު 33 ކުޅިވަރެއް އޮންނާނެ އެވެ.

މިއީ ޓޯކިޔޯގައި އޮލިމްޕިކްސް ގޭމްސް ބާއްވާ ދެ ވަނަ ފަހަރެވެ. އެކަމަކު މި ދެ ފަހަރު ވެސް އޮލިމްޕިކް ހަރަކާތް ކުރިއަށް ގެންދިއުމުގައި އެގައުމަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިވެފަ އެވެ. 1940 ވަނަ އަހަރު ޓޯކިޔޯގައި ބާއްވަން ހަމަޖެހުނު އޮލިމްޕިކްސް ވަނީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ކެންސަލްކޮށްފަ އެވެ. އެ އަހަރު ޖަޕާނުގައި އޮލިމްޕިކްސް ނުބޭއްވުމުން ޓޯކިޔޯ އަށް ވަނީ 1964 ވަނަ އަހަރުގެ އޮލިމްޕިކްސް ބޭއްވުމުގެ ފުރުސަތު އަލުންދީފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!