ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ބާކީ އޮތް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކެންސަލްކޮށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި ސީޒަން ނިންމާލައިފި އެވެ.
ކޮރޯނާވައިރަހާއި ގުޅިގެން މެދުކަނޑާލާފައިވާ ފުޓްބޯޅަ ސީޒަން ނިންމާލިކަން ހާމަކުރީ މިރޭ އެފްއޭއެމުން މީޑިއާތަކާއި ހިއްސާކުރި ލިޔުމެއްގަ އެވެ. އެފްއޭއެމުން މީޑިއާތަކާއި ހިއްސާކުރި ލިޔުމުގައި ބުނެފައިވަނީ ކުރިން ހީކުރިގޮތާ ހިލާފަށް ކޮވިޑް-19 ގެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރެމުންދާތީ، އިދާރާތަކުގެ ލަފައާއި އެކު އެންމެންގެ ރަށްކަލަކަށްޓަކައި ސީޒަނުގެ ބާކީބައި ނުކުޅެން ނިންމީ ކަމަށެވެ.
“މިހާލަތުގައި ދިވެހި ސަރުކާރާއި އެޗްޕީއޭއިން ދެމުންދާ އިރުޝާދަށް އަމަލުކުރުމުގެ ގޮތުން މި އެސޯސިއޭޝަނުގެ މެމްބަރު ކްލަބްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި އެމީހުންގެ އާއިލާތަކުގެ ރައްކާތެރިކަމާއި އަދި އާއްމު ފަރުދުންގެ ރައްކާތެރިކަމަށްޓަކައި، މި އެސޯސިއޭޝަނުގެ ފުޓްބޯޅަ ސީޒަނުގައި ބައިވެރިވެފައިވާ ކްލަބްތަކާއި މަޝްވަރާ ކުރުމަށްފަހު 2020/2019 ގެ ފުޓްބޯޅަ ސީޒަން ނިންމާލުމަށް މި އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ” އެފްއޭއެމުން އާއްމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.
އެފްއޭއެމުން ބުނީ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ސީޒަން ނިންމާލިޔަސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އޮންނާނެ ކަމަށާއި، އެ މުބާރާތުގެ ތާރީހް ފަހުން އިއުލާންކުރާނެ ކަމަށެވެ. އަދި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޖަޒީރާ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެސް އޮންނާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. އެހެންނަމަވެސް އެކި ފަހަރުމަތިން ފަސްވެފައިވާ އެ މުބާރާތް އޮންނާނެ ވަކި ދުވަސްވަރެއް އެފްއޭއެމުން ހާމަކޮށްފައެއްނުވެ އެވެ.
އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލް ކުރުމުން އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ކޮލިފައިން ބުރުން ކްލަބް އީގަލްސް އަށް ވަނީ އޮޓަމެޓިކުން ފުރުސަތު ލިބިފަ އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބުނީ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާއަށެވެ. އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުން ފުރުސަތު ލިބެނީ އެފްއޭ ކަޕްގެ ޗެމްޕިއަނުންނަށެވެ. އެކަމަކު އެފްއޭ ކަޕް ކެންސަލް ކުރުމުން އީގަލްސް އަށް އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުން ފުރުސަތު ލިބުނީ ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. މިއީ އޭއެފްސީ ކަޕަށް އީގަލްސް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ސީޒަން ހުއްޓާލިއިރު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގެ މެޗުތައް ވަނީ ކުޅެފަ އެވެ. އެމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ޓީސީ ސްޕޯޓްސް ކްލަބާއި އީގަލްސްގެ އިތުރުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި މާޒިޔާ އެވެ. އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗުތައް ފަސްކުރަން ޖެހުނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޓީސީން ރަށުން ބޭރުގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކޮވިޑުގެ ނުރައްކަލާހެދި ރާއްޖެ ނާދެވި ކަރަންޓީނަށް ދާން ޖެހުމުގެ ސަބަބުންނެވެ. ޓީސީ ޓީމު މިވަގުތު ތިބީ ސްރީ ލަންކާގައި ތާށިވެފަ އެވެ. އެޓީމަށް ރާއްޖެ އާދެވޭނެ ސީދާ ދުވަހެއް ލަފާކޮށް ބުނަ އަދި ނޭނގެ އެވެ.
ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވީ ލީގުގެ ގަދަ ހަތަރު ޖާގަ ހޯދި މާޒިޔާ، އީގަލްސް، ޓީސީ އަދި ކްލަބް ގްރީން ސްޓްރީޓްސް އެވެ. ސީޒަން ނިންމާލިއިރު އެ މުބާރާތުގެ ފުރަތަމަ ސެމީގައި ވާދަކުރަން ހަމަޖެހިފައި އޮތީ މާޒިޔާ އާއި އީގަލްސް އެވެ.
އޭޝިއާގައި ވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އޭއެފްސީ ކަޕްގެ މެޗުތަކާއި ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިން މެޗުތައް ވެސް ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ. މީގެ އިތުރުން މިމަހުގެ 20 ވަނަ ދުވަހު އެފްއޭއެމުން ބާއްވަން ނިންމި އިންތިހާބީ ކޮންގްރެސް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ފުރިހަމަކުރެވުނީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި ދިވެހި ޕްރިމިއާ ލީގެވެ. ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑްގެ ދެ ލެގުގެ މެޗު ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު ބަލިކޮށް ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް ކްލަބެވެ.