ފުރަތަމަ ސަފްޙާ / ޚަބަރު / އިންސާފުވެރި ގޮތަކީ ލިވަޕޫލަށް ތަށި ދިނުން: ގުންޑޮގާން

އިންސާފުވެރި ގޮތަކީ ލިވަޕޫލަށް ތަށި ދިނުން: ގުންޑޮގާން

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 30 މާރޗް 2020

ކޮރޯނާވައިރަހުގެ ސަބަބުން މިފަހަރުގެ ސީޒަން ފުރިހަމަ ނުކުރެވުނު ކަމުގައިވިޔަސް އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި ލިވަޕޫލަށް ދިނުމަކީ އިންސާފްވެރިގޮތްކަމަށް މެންޗެސްޓަރ ސިޓީގެ ޖަރުމަނު މިޑްފީލްޑަރު އިލްކާއީ ގުންޑޮގާން ބުނެފި އެވެ.

މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ސަބަބުން އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން އަންނަ މަހުގެ 30 ވަނަ ދުވަހާއި ހަމައަށް މެދުކަނޑާލާފައިވާއިރު ލިވަޕޫލް އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށްވުރެ 25 ޕޮއިންޓް އިތުރަށް ހޯދައިގެން ޓޭބަލްގެ އެއްވަނައިގަ އެވެ. އިނގިރޭސި ލީގު ކާމިޔާބުކުރަން ލިވަޕޫލަށް މިހާރު ބޭނުންވަނީ ހަމަ އެންމެ ދެ މޮޅެވެ.

މިފަހަރުގެ ސީޒަން ހުއްޓާލަންޖެހިއްޖެ ނަމަ ލިވަޕޫލަށް ޕްރިމިއަރ ލީގުގެ ތަށި ދިނުމާ މެދު ދެކެނީ ކިހިނެއްތޯ ޖަރުމަނުގެ ބްރޯޑްކާސްޓިންގް ޗެނަލް އެއް ކަމަށްވާ ޒެޑްޑީއެފް އިން ކުރި ސުވާލަކަށް ޖަވާބުދެމުން ޕްރިމިއަރ ލީގުގެ ދެ ވަނައިގައި މިވަގުތު އޮތް ސިޓީ އަށް ކުޅެމުން އަންނަ ގުންޑޮގާން ބުނީ އެކަމާ މެދު އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

“ކުޅިވަރުކުޅޭ މީހެއްގެ ހައިސިއްޔަތުން އިންސާފްވެރިވުން މުހިއްމު. ލިވަޕޫލަށް ތަށި ދިނުމަކީ ހަމަ އެންމެ ރަގަޅު ކަމެއް.”  ޖަރުމަނުގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ 29 އަހަރުގެ ގުންޑޮގާން ބުންޏެވެ.

ޔޫރަޕްގެ އެންމެ މަޝްހޫރު ލީގުތައް އޮންނަ ފަސް ގައުމުގެ ތެރެއިން އިޓަލީ، ސްޕެއިން، ފްރާންސް އަދި ޖަރުމަނުގައި ކޮރޯނާވައިރަސް ފެތުރިފައިވާ މިންވަރަށް އިނގިރޭސި ވިލާތުގައި ވައިރަސް ފެތުރިފައި ނުވި ނަމަވެސް އެ ގައުމުގައި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ނިސްބަތުން ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަން ފާހަގަކުރެވެ އެވެ. އިނގިރޭސި ވިލާތުގައި ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ އަދަދު ވިހި ހާހާއި ގާތްކޮށްފައިވާއިރު އިއްޔެވެސް އެގައުމުން 2500 އަށް ވުރެ ގިނަ މީހުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވެ އެވެ.

ޔުއެފާގެ ރައީސް އަލެގްޒެންޑަރ ކެފެރިން ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ސީޒަންގެ ކުޅުން އަލުން ފެށޭގޮތް ނުވެއްޖެނަމަ މި ސީޒަން ގެއްލުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ގުންޑޮގާން ގަބޫލުކުރާ ގޮތުގައި ސީޒަން ކެންސަލްކޮށްފިނަމަ ކްލަބްތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ ސަބަބުން ފުޓްބޯޅައިގެ ކަންކަން ބަލަހައްޓާ އިދާރާތަކަށް މިކަމާ ގުޅޭގޮތުން ގޮތެއް ނިންމުމަކީ ދަތިކަމަކަށް ވާނެ އެވެ.

“މިކަމުގަ އެކި މީހުންގެ ހިޔާލު ތަފާތު. މި ސީޒަނުގަ ވަރަށް ރަގަޅު ނަތީޖާތަކެއް ހޯދައިފައިވާ ކުލަބްތަކަށް ސީޒަން ކެންސަލްކުރުމަކީ އެންމެ ރަގަޅު ގޮތްކަމަކަށް ޔަގީނުންވެސް ނުވާނެ. އެކަމަކު އަނެއްކޮޅުން ބަލާއިރު މި ސީޒަނުގައި މާ ރަގަޅު ނަތީޖާ ތަކެއް ނުނެރެވޭ ކްލަބްތަކަށް ނުވަތަ ރެލިގޭޝަންގެ ބިރު އޮތް ކްލަބްތަކަށް ސީޒަން ކެންސަލްކުރުން ވާނީ ވަރަށް ރަގަޅު ނިންމުމަކަށް.” ގުންޑޮގާން ބުންޏެވެ.

ގުންޑޮގާން އިތުރަށް ބުނެފައިވަނީ ކޮރޯނާވައިރަހުގެ ސަބަބުން ލީގު މެދު ކަނޑާލައިފައި އޮތުމުގެ ސަބުން ކްލަބަށް ލިބޭނެ ގެއްލުން ފޫބެއްދުމަށްޓަކައި ކްލަބުން އެދިއްޖެ ހާލަތެއްގައި މުސާރައިން ބައެއް އުނިކުރުމާ މެދު އޭނާގެ އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ.

“ޔަގީނުންވެސް އަހަރެން ދެކޭގޮތުގައި އެއީ ހަމަ އެންމެ ރަގަޅު ކަމެއް. އެކަމަކު އެކަމާ ގުޅޭގޮތުން އިނގިރޭސި ވިލާތުގައި އަދި މަޝްވަރާއެއް ނުކުރޭ.” ގުންޑޮގަން ބުނެފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!