ފުރަތަމަ ސަފްޙާ / ޚަބަރު / ސީޒަން ކުރިއަށް ނުގެންދެވިދާނެކަމުގެ ބިރު އެބައޮތް: ކެފެރިން

ސީޒަން ކުރިއަށް ނުގެންދެވިދާނެކަމުގެ ބިރު އެބައޮތް: ކެފެރިން

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 30 މާރޗް 2020

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ ސީޒަން އަންނަ ޖޫން މަސް ނިމުމުގެ ކުރިން ނުފެށިއްޖެ ނަމަ ސީޒަން ކުރިއަށް ނުގެންދެވިދާނެކަމުގެ ބިރު އެބައޮތް ކަމަށް ޔޫއެފާގެ ރައީސް އަލެކްސަންޑަރ ކެފެރިން ބުނެފި އެވެ.

ކޮވިޑްގެ ނުރައްކާ ޔޫރަޕަށް އިންތިހާއަށް ބޮޑުވެ ޔޫއެފާއިން މިހާރު ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އަދި، ޔޫރަޕްގެ ލީގުތަކާއި ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔޫރޮޕާ ލީގުގެ ކުޅުން ޖޫން 30 ގެ ކުރިން ނިންމުމަށް ޔޫއެފާއިން މިހާރު ވަނީ ބުނެފަ އެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތު ޔޫރަޕް ހިމެނޭ ގޮތަށް މުޅި ދުނިޔޭގައި ވެސް ގޯސްވަމުންދާތީ މެޗުތައް އަލުން ފެށިޔަސް ސަޕޯޓަރުން ނުވައްދާ ކުޅުމުގެ ފުރުސަތު ބޮޑެވެ.

“ފުޓްބޯޅަ އަލުން ފެށުމުގަ ކާމިޔާބު ނުވެއްޖެ ނަމަ މި ސީޒަން ގާތްގަނޑަކަށް ގެއްލޭނެ” ސްލޮވޭނިއާ އަށް އުފަން ޔޫއެފާގެ ރައީސް ވިދާޅުވި އެވެ.

ކެފެރިން ވިދާޅުވީ ފުޓްބޯޅަ އަލުން މެޗުތައް ފެށުމަށް ތިން ޕްލޭނެއް އެބައޮތް ކަމަށެވެ. އެއީ މެއި މަހުގެ މެދުތެރެއާއި ޖޫން މަހުގެ ކުރީކޮޅާއި އެމަހުގެ ފަހުކޮޅެވެ.

“އަންނަ ސީޒަން ފެށެން އޮންނަ ހިސާބުގައި ވެސް (އޮގަސްޓް/ސެޕްޓެމްބަރ) މި ސީޒަން އަލުން ފެށިދާނެ. އެކަމައެކު އޭރުން ޖެހިގެން އަންނަ ސީޒަން ފަސްވާނެ. އެންމެ ރަނގަޅު ހައްލެއް ހޯދާނީ ލީގުތަކާއި ކްލަބްތަކާ ވާހަކަދައްކައިގެން” ކެފެރިން ވިދާޅުވި އެވެ.

ޔޫރަޕްގެ ބައެއް ލީގުތައް އަލުން ފެށުން އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފައިވާއިރު ކޮވިޑް އެންމެ ބޮޑަށް ފެތުރެމުން އަންނަ ސްޕެނިޝް ލީގާއި އިޓާލިއަން ލީގު ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ. އެ ދެގައުމުގައި ކޮވިޑް ފެތުރެމުންދާ ރޭޓަށް ބަލާއިރު  އެގައުމުތަކުގެ ފުޓްބޯޅަ ސީޒަން އަލުން ފެށުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަށް ލީގުގައި ބާކީ މިހާރު އޮތީ ނުވަ މެޗެވެ. އަދި، އިނގިރޭސި ޗެމްޕިއަންޝިޕްގައި ކުޅޭ ކްލަބްތަކަށް 12 މެޗު އެބައޮތެވެ. އިނގިރޭސިވިލާތުން މިހާރު ވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް ސަސްޕެންޑްކޮށްފަ އެވެ. ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާއެކު އެވެ.

ކެފެރިން ވިދާޅުވީ މެޗުތައް އަލުން ފަށަން ޖެހުނަސް ސަޕޯޓަރުން ނުވައްދައި ކުޅެން ޓީމުތަކުން ތައްޔާރަށް ތިބެން ޖެހޭނެ ކަމަށެވެ.

“ހުރިހާ މެޗެއް ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހިއްޖެ ނަމަ އެއީ އަހަރެންނަށް ހިޔާލަށް ގެންނަން ވެސް އުނދަގޫ ކަމެއް. އެކަމަކު ސަޕޯޓަރުންނާ އެކީ ވިޔަސް އެމީހުން ދަނޑަށް ނުވައްދަ ވިޔަސް އަދިވެސް ނޭނގޭ މެޗުތައް އަލުން ކުޅެވޭނެ ކަމެއް” ކެފެރިން ވިދާޅުވި އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!