މެޗަކުން ބަލިނުވެ 04-2003 ވަނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި އާސެނަލުން އެޓީމުގެ ނަން ވަގުތީގޮތުން “އާސެނާ” އަށް ބަދަލުކޮށް އެ ސީޒަނުގެ ކާމިޔާބީއާ ގުޅޭ ހާއްސަ ޑޮކިއުމެންޓްރީއެއް ރޭ ދައްކައިފި އެވެ.
އާސެން ވެންގާގެ ކޯޗުކަމުގައި ލީގުގައި ކުޅުނު 38 މެޗުން ބަލިނުވެ ހޯދި ކާމިޔާބީ އަކީ އިނގިރޭސި ފުޓްބޯޅައިގެ ދިގު ތާރީހުގައި އެއްވެސް ބަޔަކަށް ކުރެވިފައިވާ ކަމެއް ނޫނެވެ. އެހެންވެ އެ ސީޒަނުގެ އާސެނަލް ޓީމަކީ “އިންވިންސިބަލްސް” ގޮތުގައި އޮންނަނީ ލޭބަލް ކުރެވިފަ އެވެ.
އާސެނަލުން އެ ސީޒަނުގެ ލީގާ ގުޅޭ ހާއްސަ ޑޮކިއުމެންޓްރީއެއް ކްލަބުގެ ވެބްސައިޓާއި އެންޑްރޮއިޑް އެޕްލިކޭޝަނުން ރޭ ދެއްކީ ކޮރޯނާވައިރަސްއާ ގުޅިގެން އެންމެން ގޭގައި ތިބޭ ދުވަސްވަރެއްގައި އެ ސީޒަނުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނެވެ. ޑޮކިއުމެންޓްރީ ދެއްކުމުގެ ކުރިން އާސެނަލުން ވަނީ އެޓީމުގެ ޓްވިޓާ އެކައުންޓުގެ ނަން “އާސެނާ” އަށް ބަދަލުކޮށްފަ އެވެ. އެހެންނަމަވެސް ވަގުތީ ގޮތުން ނަން ބަދަލުކުރި ސީދާ ސަބަބެއް ކްލަބުން ހާމަކޮށްފައެއްނުވެ އެވެ.

“އެލް” އަކުރު ރިމޫވް ކޮށްލުމަށް ފަހު އާސެނަލްގެ ނަން ވަގުތީގޮތުން “އާސެނާ” އަށް ބަދަލުކޮށްފައި. “އެލް” އަކުރު އުނިކުރީ އެ ސީޒަނުގައި މެޗަކުން ބަލިނުވެ ލީގު ހޯދުމުން ކަމަށް ބެލެވޭ
ނަމަށް ގެނައި ބަދަލުން އާސެނަލްގެ ނަމުގެ ފަހަތުގައި އިންނަ “އެލް” އަކުރު ވަނީ އުނިކޮށްލާފަ އެވެ. ފަހަތުގައި އިންނަ އަކުރު އުނިކޮށްލުމުން ގިނަ ބަޔަކު ވަނީ އެކަމުގެ ސިއްރު ހޯދަން ޓްވީޓްކޮށްފަ އެވެ. ސީދާ ސަބަބު ޔަގީންނުވި ނަމަވެސް އާސެނަލްގެ ނަމުން “އެލް” އަކުރު އުނިކުރީ އެ ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ ލީގު ހޯދުމާ ގުޅިގެންކަމަށް ބެލެވެ އެވެ. އެ ކްލަބުގެ ސަޕޯޓަރަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ 38 މެޗުން ބަލިނުވެ ލީގު ހޯދުމުން “އެލް” އަކުރު ކްލަބުގެ ނަމުން އުނިކޮށްލީ ކަމަށެވެ. އޭނާ ކުރި ޓްވީޓަށް އާސެނަލުން ވަނީ “އިމޯޖީ” އަކުން ރިޕްލައި ވެސް ކޮށްފަ އެވެ.
ބަލިނުވެ ލީގު ހޯދުމުގެ ހަމައެކަނި ޓީމުގެ ޝަރަފް އާސެނަލުން އެ ސީޒަނުގައި ހޯދީ ކުޅުނު 38 މެޗުގެ ތެރެއިން 26 މެޗު ކާމިޔާބުކޮށް 12 މެޗު އެއްވަރުކޮށްގެންނެވެ. ލީގު ނިންމާލިއިރު ދެ ވަނައިގައި އޮތް ޗެލްސީއާ އެޓީމާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އޮތެވެ.
އެ ސީޒަނުގެ ލީގުގައި އާސެނަލްގެ ފްރާންސް ފޯވާޑް ތިއެރީ އޮންރީ 30 ގޯލު ޖެހިއިރު މޮޅު ކުޅުމެއްދެއްކި ރޮބާޓް ޕިރޭސް ވަނީ 14 ގޯލު ޖަހައިފަ އެވެ. އެކަމަކު ވަރުގަދަ ޓީމާއެކު އެ ސީޒަނުގައި އާސެނަލަށް ކާމިޔާބު ކުރެވުނީ ލީގު އެކަންޏެވެ. އެފްއޭ ކަޕާއި ލީގު ކަޕްގެ ސެމީ ފައިނަލުން ބަލިވިއިރު ޗެމްޕިއަންސް ލީގުގައި ބަލިވީ ކުއާޓާ ފައިނަލުންނެވެ. އަދި، ސީޒަން ހުޅުވި ކޮމިއުނިޓީ ޝީލްޑް މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ.
????
???? #Invincibles https://t.co/IuVnsqd5UY
— Arsenal (@Arsenal) March 27, 2020
“އިންވިންސިބަލްސް” ގެ ލަގަބް ލިބުނު ސީޒަނަށް ފަހު އާސެނަލަށް މިހާތަނަށް ލީގު ޗެމްޕިއަންކަން ހޯދިފައެއްނުވެ އެވެ. އޭގެ ފަހުން ލީގަށް ވާދަކުރާ ރޭހުގައި ވެސް އެޓީމު އުޅެނީ ފަހަތުގަ އެވެ. ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް 2004 ވަނަ އަހަރުގެ ފަހުން މިދިޔަ ސީޒަނުގެ ނިޔަލަށް އެޓީމުން ވަނީ އެފްއޭ ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ.
އާސެނަލްގެ “އިންވިންސިބަލްސް” ރެކޯޑާ އެންމެ ގާތަށް ޖެހިލި އެއް ޓީމަކީ މި ސީޒަނުގައި ލިވަޕޫލެވެ. ރަނގަޅު ފޯމެއްގައި އޮވެ މެޗުތަކުން މޮޅުވަމުން ދަނިކޮށް ލިވަޕޫލްގެ “އަންބީޓަން ރަން” އަށް މި ސީޒަނުގެ 28 ވަނަ މެޗުގައި ހުރަސްއެޅީ ވެޓްފޯޑުންނެވެ. އަމިއްލަ ދަނޑުގައި ވެޓްފޯޑުން ލިވަޕޫލް ބަލިކުރީ 3-0 އިންނެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޕްރިމިއާ ލީގު ހިމެނޭ ގޮތަށް ޔޫރަޕްގެ ބޮޑެތި ލީގުތައް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. އިނގިރޭސި ލީގުގެ ކުޅުން މެދުކަނޑާލާފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ލީގުގެ ކުޅުން އަލުން ފަށާނީ އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުންނެވެ. ޔޫރަޕްގެ ލީގު ތަކާއި ކްލަބް މުބާރާތްތައް ނިންމާލުމުގެ އެންމެ ފަހު ތާރީހެއް ގޮތުގައި ހަމަޖައްސާފައިވަނީ ޖޫން 30 އެވެ. އެހެންވެ ސީޒަން ކުރިއަށް ގެންދެވިނާތޯ ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.