ފުރަތަމަ ސަފްޙާ / ޚަބަރު / ރެއާލް މެޑްރިޑްގެ ރަސްމީ ސްޓޭޑިއަމް އެހީގެ މަސައްކަތަށް ދޫކޮށްފި

ރެއާލް މެޑްރިޑްގެ ރަސްމީ ސްޓޭޑިއަމް އެހީގެ މަސައްކަތަށް ދޫކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 30 މާރޗް 2020

ޔޭގައި މިހާރު ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ނުރައްކާ ސްޕެއިންގައި ވެސް ބޮޑުވެ އެގައުމުގެ އެތައް ހާސް ބަޔަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާތީ އެ ފަރާތްތަކަށް ފަރުވާދިނުމަށްޓަކައި ބޭނުންވާ ސިއްހީފަރުވާދޭ ވަސީލަތްތައް ގުދަންކޮށް އެތަކެތި ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ހަބެއްގެ ގޮތުގައި ބޭނުންކުރުމަށް ސްޕެއިންގެ މަޝްހޫރު ކްލަބް ރެއާލް މެޑްރިޑްގެ ރަސްމީ ސްޓޭޑިއަމް ކަމަށްވާ ސެންޓިއާގޯ ބާނެބައު އެ ކްލަބުން ދޫކޮށްފިއެވެ

ރެއާލް މެޑްރިޑުން މިކަން އިއުލާންކުރުމަށް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ކޮރޯނާވައިރަހުގެ ސަބަބުން އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ވިޔަފާރި ތަކުންނާއި އާއްމު ފަރާތްތަކުން ފޯރުކޮށްދޭ އެހީ ބަލައިގަތުމާއި އެކަމާ ގުޅޭ އެހެނިހެން އިންތިޒާމްތައްވެސް އެ ސްޓްޑިއަމްގައި ހަމަޖެހިފައި ހުންނާނެ އެވެ.

“ސްޓޭޑިއަމްގައި ރައްކާކުރެވޭ ހުރިހާ ތަކެއްޗެއްވެސް ސްޕެއިން ސަރުކާރުގެ ބެލުމުގެ ދަށުން ހަވާލުކުރެވޭނީ ސްޕެއިންގެ ސިއްހީ އިދާރާ ތަކާ. އެކަން އެގޮތަށް ކުރަނީ ސިއްހީގޮތުން ކުރިމަތިވެފައިވާ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ބޭނުންކުރަން ލިބޭ ތަކެތި އެންމެ ރަގަޅުގޮތުގައި ބޭނުންކުރެވޭކަން ކަށަވަރުކުރަން.” ރެއާލް މެޑްރިޑުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިއްޔެއާ ހަމައަށް ސްޕެއިންގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 56،000 އަށް އަރައިފައެވެ. އަދި އެ ވައިރަހުގެ ސަބަބުން އެ ގައުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4،000 އަށްވުރެ މައްޗަށް ގޮސްފަ އެވެ. ސްޕެއިން އަކީ އިޓަލީ ނެގުމަށްފަހު މިވަގުތު ޔޫރަޕްގައި ކޮރޯނާ ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ގައުމެވެ.

ކޮރޯނާވައިރަހުގެ ސަބަބުން އަންނަ މަހުގެ 12 ވަނަ ދުވަހާއި ހަމައަށް މުޅި ގައުމު ލޮކްޑައުން ކޮށްފައވާއިރު ސްޕެނިޝް ލީގުވެސް ވަނީ މިހާރު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ. ކޮރޯނާވައިރަހުގެ ސަބަބުން ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސާންޒް މަރުވުމުގެ އިތުރުން ސްޕެނިޝް ލީގުގެ ކްލަބެއް ކަމަށްވާ ވެލެންސިއާގެ ބައެއް ކުޅުންތެރިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަމަށް ރިޕޯޓްކޮށްފައިވާއިރު ސްޕެއިންގެ ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުން އަންނަނީ ވައިރަހުގެ ސަބަބުން އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ފައިސާގެ އެހީ ހަދިޔާކުރަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!