ފުރަތަމަ ސަފްޙާ / ޚަބަރު / ކޮވިޑް-19: ރޮނާލްޑޯ އާއި މެސީ އެހީގެ ގޮތުގައި އެއް މިލިއަން ޔޫރޯ ދީފި

ކޮވިޑް-19: ރޮނާލްޑޯ އާއި މެސީ އެހީގެ ގޮތުގައި އެއް މިލިއަން ޔޫރޯ ދީފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 މާރޗް 2020

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އެކި ހޮސްޕިޓަލްތަކަށް އެހީގެ ގޮތުގައި 1 މިލިއަން ޔޫރޯ ދީފި އެވެ.

ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ޖޯޖް މެންޑޭސް އެހީ ފޯރުކޮށްދިނީ ޕޯޓޯ އާއި ލިސްބަންގައި ހުންނަ ހޮސްޕިޓަލްތަކަށެވެ. އެކި ވަސީލަތްތައް ތަރައްގީ ކުރުމަށް ރޮނާލްޑޯ އާއި މެންޑޭޒް ދިން އެހީގެ ޖުމްލަ އަދަދު އެއް މިލިއަން ޔޫރޯ އަށް އަރަ އެވެ. ރޮނާލްޑޯ އާއި މެންޑޭޒްގެ އެހީ ބޭނުންކުރާނީ ލިސްބަންގެ ސަންޓާ މާރިއާ ހޮސްޕިޓަލާއި ޕޯޓޯގައި ހުންނަ ސަންޓޯ އެންޓޯނިއޯ ހޮސްޕިޓަލުގެ އައިސީޔޫ އަށް ބޭނުންވާ މުހިއްމު ތަކެތި ގަތުމަށާއި އިތުރަށް ތަރައްގީކުރުމަށެވެ.

ރޮނާލްޑޯގެ އިސްނެގުމާއެކު މެންޑޭސް އެ ހޮސްޕިޓަލްތަކާ ކޮންޓެކްޓް ކުރިއިރު ލިސްބަންގައި ހުންނަ ހޮސްޕިޓަލަށް ދެ އިންޓެންސިވް ކެއާ ޔުނިޓް އިތުރުކުރަން ނިންމާފައިވަނީ ހާލަތު އެންމެ ގޯސް މީހުންނަށް ފަރުވާދިނުމަށެވެ. މީގެ އިތުރުން ފަންކާ އާއި ކޮމްޕިއުޓަރުގެ އިތުރުން އިންފިއުޝަން ޕަމްޕު އަދި އެނދު ވެސް ފޯރުކޮށްދޭނެ އެވެ. އަދި، ޕޯޓޯގައި ހުންނަ ހޮސްޕިޓަލަށް އެއް އިންޓެންސިވް ކެއާ ޔުނިޓް ފޯރުކޮށްދޭނެ އެވެ.

ރޮނާލްޑޯގެ މަޝްހޫރު އޭޖެންޓް މެންޑޭސް މިދިޔަ ހަފްތާ ވަނީ 1000 މާސްކާއި ދެ ލައްކާ ޕްރޮޓެކްޓިވް ގައުންސް ވެސް ޕޯޓޯގައި ހުންނަ ސައޯ ޖާއޯ ހޮސްޕިޓަލަށް ހަދިޔާކޮށްފަ އެވެ. އަދި، ޕޯޗުގަލްގެ އެކި ހޮސްޕިޓަލްތަކަށް އިތުރު އަށް ވެންޓިލޭޓަރު ހަދިޔާކުރަން ވެސް މެންޑޭސް ވަނީ ނިންމައިފަ އެވެ.

މެސީގެ އެހީތެރިކަން ފޯރުކޮށްދިން ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނެނީ ބާސެލޯނާ އާއި އާޖެންޓީނާގެ ހޮސްޕިޓަލްތަކެވެ. ބާސެލޯނާ އިން މެސީ ފައިސާ ހަދިޔާކުރީ ހޮސްޕިޓަލް ކްލިނިކަށެވެ.

ދީލަތި އެހީ ލިބުމުން ބާސެލޯނާގެ ހޮސްޕިޓަލުން ވަނީ މެސީ އަށް ޝުކުރު އަދާކޮށް ޓްވީޓްކޮށްފަ އެވެ. ޓްވީޓުގައި ބުނެފައިވަނީ މެސީގެ ފަރާތުން ހަދިޔާކުރި ޑޮނޭޝަން އެ ހޮސްޕިޓަލަށް ލިބިއްޖެ ކަމަށާއި، ކޮވިޑުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި މެސީ ދެމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރާ ކަމަށެވެ.

ރޮނާލްޑޯ އާއި މެސީގެ އިތުރުން ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗުންނާއި ކުޅުންތެރިން އަންނަނީ ކޮވިޑުން ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ.

ޗައިނާ އިން ފެނުނު ކޮވިޑް މިހާރު އެންމެ ބޮޑަށް ފެތުރެނީ ޔޫރަޕްގަ އެވެ. އޭގެތެރެއިން އިޓަލީ އަށް ފަހު ޔޫރަޕްގައި ހާލަތު އެންމެ ގޯހީ ސްޕެއިންގަ އެވެ. އެ ގައުމުން 42،058 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު 2،991 މީހުން ވަނީ މަރުވެފަ އެވެ. ސްޕޭނުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 5،400 ހެލްތު ވޯކަރުން ވެސް ހިމެނެ އެވެ.

ކޮވިޑްގެ ނުރައްކާ އިންތިހާއަށް ބޮޑުވެ ޔޫރަޕްގެ ބޮޑެތި ލީގުތަކާއި ޔޫއެފާގެ ކްލަބް މުބާރާތްތައް ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!