ފުރަތަމަ ސަފްޙާ / ޚަބަރު / ޓޯކިޔޯ އޮލިމްޕިކްސް އަންނަ އަހަރަށް ފަސްކޮށްފި

ޓޯކިޔޯ އޮލިމްޕިކްސް އަންނަ އަހަރަށް ފަސްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 މާރޗް 2020

ކޮރޯނާވައިރަހުގެ ސަބަބުން މިއަހަރު ޖަޕާނުގެ ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު ގޭމްސް އަންނަ އަހަރަށް ފަސްކުރަން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފި އެވެ.

އައިއޯސީ އިން މިގޮތަށް ނިންމީ ޖަޕާނުގެ ސަރުކާރާއި ޓޯކިޔޯ 2020 އޮލިމްޕިކްސްގެ އޯގަނައިޒިން ކޮމިޓީން ކުޅިވަރު ހަރަކާތް ފަސްކުރުމާމެދު އެއްބަސްވުމަކަށް އައުމުންނެވެ. މި ނިންމުމާއެކު އޮލިމްޕިކްސްގެ ބޮޑު ހަރަކާތުގެ އިތުރުން ޕެރަލިމްޕިކް ގޭމްސް ވެސް އަންނަ އަހަރަށް ވަނީ ފަސްކޮށްފަ އެވެ.

މި ކުޅިވަރު ހަރަކާތް ފަސްކުރުމާއި ގުޅޭގޮތުން އިއްޔެ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ އައިއޯސީގެ ރައީސް ތޯމަސް ބަޗް އަދި އޯގަނައިޒިން ކޮމިޓީގެ ރައީސް ޔޮޝީރޯ މޯރީއާ އެކު ކޮންފަރެންސް ފޯން ކޯލެއް ބާއްވައި މަޝްވަރާކޮށްފަ އެވެ.

“އަހަރެން އައިއޯސީގެ ރައީސް ބަޗް އަށް ހުށަހެޅިން މި ހަރަކާތް އަހަރަކަށް ފަސްކުރުމަށް. ބަޗް ވަނީ އަހަރެންގެ ހުށަހެޅުމަށް 100 ޕަސެންޓް ތާއީދުކޮށްފަ” ކޯލް ކޮންފަރެންސްގެ މަޝްވަރާތަކަށް ފަހު ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

އައިއޯސީ އާއި ޓޯކިޔޯގެ އޯގަނައިޒިން ކޮމިޓީން އިއްޔެ އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިވަގުތު ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާތީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުތަކަށް ބޯލެނބުމުގެ ގޮތުން އޮލިމްޕިކްސް ފަސްކުރަން ނިންމީ ކަމަށެވެ. އެހެންނަމަވެސް، މި ހަރަކާތް އަންނަ އަހަރުގެ ހޫނު މޫސުމުގެ ކުރިން ބޭއްވުމަށް އައިއޯސީ އާއި އޯގަނައިޒިން ކޮމިޓިން ނެރުނު ބަޔާނުގައި ބުނެފަ އެވެ.

އައިއޯސީ އިން ވަނީ ޓޯކިޔޯ އިން އޮލިމްޕިކްސް ބޭއްވުމަށް ކުރަމުން އައި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ. އަދި، ކޮވިޑުން ރައްކާތެރިވުމަށް ޖަޕާނުގައި އަޅާ ފިޔަވަޅުތައް ހަރުދަނާވުމުގެ ސަބަބުން އެ ބަލިން އަރައިގަތުމުގައި ޖަޕާނުން ކުރިއެރުން ހޯދާފައިވާކަން އައިއޯސީ އިން ވަނީ ފާހަގަކޮށްފަ އެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ އޮލިމްޕިކްސް އަކީ ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތެވެ. މިފަހަރުގެ ގޭމްސްގައި 11 ހާހަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވާއިރު 33 ކުޅިވަރެއް އޮންނާނެ އެވެ. އޮލިމްޕިކް ފަސްކުރިއިރު ޓޯކިޔޯގައި އެ ކުޅިވަރު ހަރަކާތް ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތީ ޖުލައި 24 އިން އޮގަސްޓް 9 ގެ ނިޔަލަށެވެ.

މިއީ ޓޯކިޔޯގައި އޮލިމްޕިކްސް ގޭމްސް ބާއްވާ ދެ ވަނަ ފަހަރެވެ. އެކަމަކު މި ދެ ފަހަރު ވެސް އޮލިމްޕިކް ހަރަކާތް ކުރިއަށް ގެންދިއުމުގައި އެގައުމަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިވެފަ އެވެ. 1940 ވަނަ އަހަރު ޓޯކިޔޯގައި ބާއްވަން ހަމަޖެހުނު އޮލިމްޕިކްސް ވަނީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ކެންސަލްކޮށްފަ އެވެ. އެ އަހަރު ޖަޕާނުގައި އޮލިމްޕިކްސް ނުބޭއްވުމުން ޓޯކިޔޯ އަށް ވަނީ 1964 ވަނަ އަހަރުގެ އޮލިމްޕިކްސް ބޭއްވުމުގެ ފުރުސަތު އަލުންދީފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!