ފުރަތަމަ ސަފްޙާ / ޚަބަރު / އާޓެޓާ ކޮރޯނާވައިރަހުން އެއްކޮށް ރަނގަޅުވެއްޖެ

އާޓެޓާ ކޮރޯނާވައިރަހުން އެއްކޮށް ރަނގަޅުވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 24 މާރޗް 2020

މާޗް 12 ވަނަ ދުވަހު ކޮރޯނާވައިރަހަށް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާކުރަން ފެށި އާސެނަލް ކޯޗު މިކޭލް އާޓެޓާ އެބަލިން އެއްކޮށް ރަނގަޅުވެއްޖެ އެވެ.

ސްޕެއިނަށް އުފަން 37 އަހަރުގެ އާޓެޓާ، ބަލިން ރަނގަޅުވިކަން ހާމަކުރީ ސްޕެއިންގެ ޓީވީ ޗެނަލަށް ދިން އިންޓަވިއުއެއްގަ އެވެ. ބަލީގައި ހޭދަކުރި ދުވަސްތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން އާޓެޓާ ބުނީ ރަނގަޅުވާކަމުގެ އިހުސާސް ކުރެވެން ފެށީ ހަތަރު ވަރަކަށް ދުވަސް ފަހުން ކަމަށެވެ.

“ތިނެއް ނޫނީ ހަތަރު ވަރަކަށް ދުވަސް ނެގި ރަނގަޅުވާކަމުގެ އިހުސާސް ކުރެވެން. އޭގެފަހުން ހަކަތަ ލިބި ބަލީގެ އަލާމާތްތައް ނައްތާލެވުނު” އާޓެޓާ ބުންޏެވެ.

އާޓެޓާ ކޮރޯނާވައިރަހަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން އަމިއްލަ އަށް އެދުމުންނެވެ. އާޓެޓާ އާއި އާސެނަލްގެ ކުޅުންތެރިން ކަރަންޓީނަށް ދާން ޖެހުނީ އެޓީމުން ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ދެ ވަނަ ލެގްގައި މިދިޔަ މަހުގެ ފަހުކޮޅު ގްރީސްގެ އޮލިމްޕިއާކޯސް އަތުން ބަލިވެ ކެޓި މެޗަށް ފަހު އޮލިމްޕިއާކޯސްގެ އޯނަރު އެވަންގެލޯސް މަރިނާކިސްއާ ކޮންޓެކްޓް ވުމުންނެވެ. އެ މެޗަށް ފަހު އާސެނަލްގެ ބައެއް ކުޅުންތެރިންނާ މަރިނާކިސްއާ ދިމާވިއިރު، މާޗް 10 ވަނަ ދުވަހު މަރިނާކިސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

“އަހަރެންގެ ހާލު މިހާރު ރަނގަޅު. މިހާރު އެއްކޮށް ރަނގަޅުވެފައިވާކަމުގެ އިހުސާސް ކުރެވޭ” ބަލިން ރަނގަޅުވިކަން ހާމަކުރަމުން އާޓެޓާ ބުންޏެވެ.

ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން އާސެނަލްގެ ކުޅުންތެރިން މިއަދު ފަރިތަކުރުންތަކަށް ނުކުންނަ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް، އާޓެޓާ ކޮވިޑަށް ފަރުވާ ހޯދަން ޖެހުމުންނާއި ޔޫރަޕްގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާތީ އާސެނަލުން މިހާރު ވަނީ މުއްދަތެއް ނެތްގޮތަށް ފަރިތަކުރުންތައް ފަސްކޮށްފަ އެވެ. އާސެނަލުން ނެރުނު ބަޔާނެއްގައި ބުނީ މިވަގުތު ކުޅުންތެރިން ފަރިތަކުރުންތަކަށް ނެރުމަކީ ޒިންމާދާރުކަން ކުޑަ އަމަލަށް ވާނެކަމަށާއި، އެހެންވެ ފިރިހެން އަދި އަންހެން ފުޓްބޯޅަ ޓީމުގެ އިތުރުން އެކަޑެމީ ކުޅުންތެރިން ވެސް ގޭގައި ތިބެ އަމިއްލަ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރުމަށް އެދޭކަމަށެވެ.

އޮލިމްޕިއާކޯސްގެ އޯނަރަށް މިމަހުގެ 10 ވަނަ ދުވަހު ކޮވިޑް ޖެހިފައިވާކަން ޔަގީންވުމުން މާޗް 11 ވަނަ ދުވަހު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އާސެނަލުން ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ. އާޓެޓާ ބުނީ ސިޓީ މެޗަށް ތައްޔާރުވާން ފަރިތަކުރުންތައް ނިންމާލުމަށް ގެއަށް ދިއުމަށް ކާރުގައި އިން ގަޑީގައި ކްލަބުގެ ޑިރެކްޓަރުންގެ ބޯޑުން ގުޅައި މަރިނާކިސް ކޮވިޑަށް ޕޮޒިޓިވްވި ހަބަރު ދިން ކަމަށެވެ. އަދި، އޭނާއާ ދިމާވި އެންމެން ތިބީ ރިސްކެއްގައި ކަމަށް ޑިރެކްޓަރުންގެ ބޯޑުން އެދުވަހު އެންގި ކަމަށް އާޓެޓާ ބުނެފައިވެ އެވެ.

އާޓެޓާގެ ހާލު މިހާރު ރަނގަޅުވެފައިވާއިރު ޗެލްސީގެ ޒުވާން ވިންގް ކަލުމް ހަޑްސަން އޮޑޯއީ ވެސް އަންނަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ. އިނގިރޭސި ވިލާތުގައި ކޮވިޑްގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ޕްރިމިއާ ލީގު ހިމެނޭ ގޮތަށް ފުޓްބޯޅައިގައި ހުރިހާ ހަރަކާތެއް އޭޕްރީލް މަހުގެ ނިޔަލަށް ވަނީ މެދުކަނޑާލައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!