ޔޫރަޕްގައި ކޮރޯނާވައިރަސް ފެތުރުން އިތުރުވެ އެތައް ބަޔަކު މަރުވަމުން ދާތީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔޫރޮޕާ ލީގު މިހާރު ޝެޑިއުލްކޮށްފައިވާ ގޮތަށް ނިންމާލުމުގެ ބިރު ބޮޑުވެ ދެ މުބާރާތުގެ ފޯމެޓަށް ބަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ޔޫއެފާއިން ފަށައިފި އެވެ.
ޔޫއެފާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ފައިނަލް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް ޖޫން މަހުގެ 27 ވަނަ ދުވަހު ކުޅޭ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ ތުރުކީގެ އިސްތަންބޫލުގަ އެވެ. އަދި، ޔޫރޮޕާ ލީގުގެ ފައިނަލް ޖޫން މަހުގެ 24 ވަނަ ދުވަހު ކުޅެން ޝެޑިއުލްކުރީ ޕޮލެންޑުގަ އެވެ. ޔޫއެފާ އިން މިހާރު ވަނީ މެއި މަހުގެ 24 ވަނަ ދުވަހު ކުޅެން ޝެޑިއުލްކޮށްފައިވާ އަންހެނުންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް ފަސްކޮށްފަ އެވެ.
ފައިނަލްތައް ފަސްކުރިކަން ޔޫއެފާއިން ކަށަވަރުކޮށްދީފައިވާއިރު، މިހާރު އެ އިދާރާއިން މަޝްވަރާ ކުރަމުން އަންނަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި ދެ ލެގް ކުޅޭގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް އެއް ލެގަށް ބަދަލުކުރުމަށެވެ. މިގޮތަށް ބަދަލުކުރާއިރު ޔޫއެފާގެ ވިސްނުން ހުރީ ނިއުޓްރަލް ދަނޑެއްގައި މި މެޗުތައް ކުޅޭށެވެ. ޔޫރަޕްގެ ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުން އަންނާނީ އާއްމުކޮށް ބާއްވާ ޝެޑިއުލާ އެއްގޮތަށް މި ސީޒަންގެ ކްލަބް ފުޓްބޯޅަ މުބާރާތްތައް ނިންމާލުމަކީ ދުރު ކަމެކެވެ.
ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އެއް ލެގަށް ބަދަލުކުރަން ޔޫއެފާއިން ވިސްނާ އެއް ސަބަބަކީ މިހާރު ހުއްޓާލާފައިވާ ޔޫރަޕްގެ ލީގުތައް އަލުން ފަށާނެ ތާރީހުތައް ދިމާވުމުގެ ފުރުސަތު ކުޑަވުމާއި ދެ ލެގަށް ކުޅޭ ބުރުތަކުގައި ގިނަ ދަތުރުތަކެއް ކްލަބްތަކުން ކުރަން ޖެހުމެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ހަތަރު މެޗު މިހާރު ނިމިފައިވާއިރު އަނެއް ހަތަރު މެޗުގެ ދެ ވަނަ ލެގްގެ މެޗުތައް ވަނީ ފަސްކޮށްފަ އެވެ. އެހެންވެ އެ ހަތަރު މެޗު ވެސް ކުޅޭނެ ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް ކުއާޓާ ފައިނަލާއި ސެމީ ފައިނަލް މެޗުތައް އެ ލެގަށް ބަދަލުކުރުމުގެ ފުރުސަތު ބޮޑެވެ. ޔޫރޮޕާ ލީގުގައި މިހާރު ކުރިއަށްދާ ގަދަ 16 ގެ އަށް މެޗުގެ ތެރެއިން ހަ މެޗުގެ ފުރަތަމަ ލެގް ނިމިފައިވާއިރު އަނެއް ދެ މެޗުގެ ފުރަތަމަ ލެގް ކުޅެފައެއްނުވެ އެވެ. ޔޫއެފާ އިން މިހާރު ވަނީ ޔޫރަޕްގެ ކްލަބް މެޗުތައް ހަފްތާ ބަންދުގައި ކުޅުމަށް ވެސް އެއްބަސްވެފަ އެވެ.
ޔޫއެފާ އިން ޔޫރަޕްގެ ކްލަބް މުބާރާތްތައް އެއް ލެގަށް ބަދަލުކުރާނީ ކްލަބްތަކާއި މަޝްވަރާ ކުރުމަށް ފަހު އެވެ. އެހެންނަމަވެސް، ޔޫރަޕްގެ ގަދަ ފަސް ލީގުގެ އެފްއޭ އިން ވެސް މިހާރު މަސައްކަތް ކުރަމުން އަންނަނީ ގައުމުތަކުގެ ލީގާއި ކަޕް މުބާރާތްތައް ނިންމާލާނެ ގޮތަކާމެދު މަޝްވަރާ ކުރަމުންނެވެ. ޔޫއެފާ ޔޫރޯ އަންނަ އަހަރަށް ފަސްކޮށްފައިވާއިރު ފުޓްބޯޅަ ސީޒަން ނިންމާލުމުގެ ފަހު ތާރީހުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ ޖޫން 30 އެވެ.