ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ސްޕެނިޝް ލީގު ހިމެނޭ ގޮތަށް ސްޕެއިންގެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އެވެ. މިކަން އިއުލާންކުރީ އިއްޔެ ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނާއި ލަ ލީގާ އިން އާއްމުކުރި ބަޔާނެއްގަ އެވެ.
ސްޕެއިންގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެން ފެށުމުން މިމަހުގެ ކުރީކޮޅު ވަނީ ދެ ހަފްތާގެ މުއްދަތަކަށް ލީގުގެ ކުޅުން މެދުކަނޑާލައިފަ އެވެ. އެގައުމުގައި ކުއްލި ހާލަތު މިހާރު އިއުލާންކޮށްފައިވާއިރު ދެން މެޗުތައް ކުޅޭނީ ހާލަތު ރަނގަޅުވެ ސްޕެއިން ސަރުކާރުން އެކަން އެންގުމުންނެވެ. އެހެންވެ ލީގުގެ ކުޅުން އަލުން ފެށޭނެ ސީދާ މުއްދަތެއް ލަފާކޮށްލަން ވެސް ނޭނގެ އެވެ.
ލީގުގެ ކުޅުން މެދުކަނޑާލިއިރު ދެ ޕޮއިންޓުގެ ލީޑަކާއެކު އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. ދެ ވަނައިގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑެވެ.
ސްޕެއިންގެ ފެޑެރޭޝަނާއި ލަ ލީގާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ފުޓްބޯޅަ އާއިލާގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށާއި، އަދި، ބަލީގައި މަރުވާ މީހުންގެ އާއިލާތަކަށް ތައުޒިއާ ދަންނަވާކަމަށެވެ.
ޔޫރަޕްގެ ލީގުތައް ފަސްކުރަން މަޖުބުރޫވުމުގެ ސަބަބުން ޔޫއެފާ އިން ވަނީ މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެހެންވެ ޔޫރަޕްގެ ކްލަބް މުބާރާތްތަކާއި ލީގުތައް ނިންމުމުގެ މުއްދަތު މިހާރު ވަނީ ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އެހެންވެ ގައުމުތަކުން މިހާރު ވިސްނުން ހުރީ އެ މުއްދަތުގެ ކުރިން ފުޓްބޯޅަ ސީޒަން ނިންމާލުމަށެވެ.
ސްޕެނިޝް ލީގު އެންމެ ފުރަތަމަ މެދުކަނޑާލީ ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ކުޅުންތެރިއަކަށް ކޮވިޑް-19 ޖެހުމާއި ގުޅިގެންނެވެ. އެއީ ބާސްކެޓްބޯޅަ ޓީމުން ރެއާލް މެޑްރިޑްގެ ފުޓްބޯޅަ ޓީމުގެ ތަމްރީނު ވަސީލަތްތައް ބޭނުންކުރާތީ ޓީމަށް އޮތް ރިސްކެއްގެ ބޮޑުކަމުންނެވެ. އޭގެ ފަހުން ސްޕެނިޝް ލީގުގެ ވެލެންސިއާގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ސްޕެއިންގައި ފަށާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 11 ވަނަ ދުވަހަށް ހަމަވާތީ އެ މުއްދަތު އިތުރު ކުރުމަށް ސްޕެއިންގެ ސަރުކާރުން ބޭނުންވެ އެވެ. އެހެންވެ، އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ވަކި މުއްދަތެއް ނެތްގޮތަށް އިތުރުކުރާނެކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޗައިނާ އާއި އިޓަލީ އަށް ފަހު ސްޕެއިން ހިމެނެނީ ކޮރޯނާވައިރަހުގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމުގެ ގޮތުގަ އެވެ. އެގައުމުގައި ހޯމަ ދުވަހުގެ ނިޔަލަށް 33،089 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 2182 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.