ސްޕެއިންގެ މަޝްހޫރު ކްލަބް ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސާންޒް ކޮރޯނާ ވައިރަހުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފައިވަނިކޮށް އިއްޔެ މަރުވެއްޖެއެވެ. އުމުރުން 76 އަހަރުގެ ސާންޒް މަރުވިކަން އޭނާގެ ދަރިފުޅު ލޮރެންޒޯ ސާންޒް ޑުރާން ޓްވިޓާގައި އާއްމުކުރި ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ.
“އަހަރެންގެ ބައްޕަ މަރުވެއްޖެ. ބައްޕަ އަކީ އަހަރެންގެ މުޅި ހަޔާތުގައިވެސް ދުށް އެންމެ މޮޅު އެންމެ ހިތްވަރު ގަދަ އަދި އެންމެ ބުރަކޮށް މަސައްކަތްކުރި މީހާ. އޭނާގެ އާއިލާ އާއި ރެއާލް މެޑްރިޑަކީ އޭނާގެ އެންމެ ބޮޑު ޝައުގު.” ސާންޒްގެ ދަރިފުޅު ޓްވިޓާގައި އާއްމުކޮށްފައިވާ ޕޯސްޓްގައި ލިޔެފައިވެއެވެ.
ލޮރެންޒޯ ސާންޒް ރެއާލް މެޑްރިޑްގެ ރައީސްކަން ކޮށްފައިވަނީ 1995 އިން 2000 އަށެވެ. އެ މުއްދަތުގެ ތެރޭގައި ރެއާލް މެޑްރިޑް ވަނީ ދެފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ސާންޒްގެ ޒައާމަތުގައި ރެއާލް މެޑްރިޑަށް ގެނައި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ޑިފެންޑަރު ރޮބާޓޯ ކާލޯސް، ނެދަލޭންޑްސްގެ މިޑްފީލްޑަރު ކްލެރެންސް ސީޑޯފް އަދި ކްރޮއޭޝިއާގެ ފޯވާޑް ޑާވޯ ސުކާ ހިމެނެއެވެ.
2000 ވަނަ އަހަރު އޮތް އިންތިހާބުގައި ސާންޒް ވާދަކުރި އިރު އޭނާ އެ އިންތިހާބުގައި ބަލިވީ ރެއާލް މެޑްރިޑަށް ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިން ގެނައުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރި ފްލޮރެންޓީނޯ ޕެރޭޒް އާ ވާދަކޮށެވެ.