އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި މިހާރު އޭސީ މިލާނުގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ މަގާމުގައި ހުރި ޕައޮލޯ މަލްޑީނީ އާއި އޭނާގެ ދަރިފުޅު ޑެނިއަލް މަލްޑީނީވެސް ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ. އިޓަލީ އާއި އޭސީ މިލާންގެ ކެޕްޓަންކަންވެސް ކުރިން ކޮށްފައިވާ މަލްޑީނީ އާއި އޭސީ މިލާނަށް މިހާރު ކުޅެމުން އަންނަ އޭނާގެ ދަރިފުޅު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވިކަން އޭސީ މިލާނުން ވަނީ ކަށަވަރުކޮށްދީފައެވެ.
އޭސީ މިލާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަހަށް 51 އަހަރުގެ ޕައޮލޯ މަލްޑީނީ ޕޮޒިޓިވްވިއިރު އޭނާ ހުރީ އަމިއްލައަށް އެކަހެރިވެގެން ކަމަށާއި، އަދި މަލްޑީނީ އާއި އޭނާގެ 18 އަހަރުގެ ދަރިފުޅު ބަލިން އެއްކޮށް ސަލާމަތްވަންދެން ތިބޭނީ ކަރަންޓީނުގައި ކަމަށެވެ. އަދި މިވަގުތު އެ ދެބަފައިންގެ ހާލުވެސް ރަގަޅުކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ޕައޮލޯ މަލްޑީނީ އާއި އޭނާގެ ދަރިފުޅު ޑެނިއަލް މަލްޑީނީ ނިސްބަތްވާ އިޓަލީ އަކީ މިވަގުތު ކޮރޯނާ ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވެފައި އޮތް ގައުމެވެ. މިހާތަނަށް ވައިރަހުގެ ސަބަބުން އިޓަލީގައި ފަސް ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު އެ ގައުމުގެ އެންމެ މަޝްހޫރު ކްލަބް ކަމަށްވާ ޔުވެންޓަސްގެ ތިން ކުޅުންތެރިއަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޔުވެންޓަސްގެ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެ ޓީމުގެ ފޯވާޑް ޕައުލޯ ޑިބާލާ އާއި ޑިފެންޑަރު ޑެނިއަލީ ރުގާނީ އާއި ފްރާންސްގެ މިޑްފީލްޑަރު ބައިސޭ މަޓުއިޑީ އެވެ.