އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ އާއި އޭނާގެ ލޯބިވެރިޔާ އޮރިއާނާ ސަބަޓިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ. އުމުރުން 26 އަހަރުގެ ފޯވާޑް ޑިބާލާ އާއި އޭނާގެ ލޯބިވެރިޔާ އަށް ކޮރޯނާވައިރަހުގެ އަސަރުކުރިކަން ޑިބާލާގެ އިންސްޓަގްރާމް އެކައުންޓުގައި ލިޔެފައިވާ ޕޯސްޓެއްގައި އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.
“އަހަރެންނާއި އޮރިއާނާ ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައި. އެކަމަކު ނަސީބަކުން އަހަރެމެން ދެމީހުންގެ ހާލުވެސް ވަރަށް ރަގަޅު.” އިންސްޓަގްރާމްގައި ޑިބާލާ ލިޔެފައިވާ މެސެޖްގައި ބުނެފައިވެއެވެ.
ޑިބާލާ އަކީ އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްގެ ކުޅުންތެރިންގެ ތެރެއިން ކޮރޯނާވައިރަހަށް މިހާތަނަށް ޕޮޒިޓިވްވިކަން ކަށަވަރުވެފައިވާ ތިން ވަނަ ކުޅުންތެރިޔާ އެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޔުވެންޓަސްގެ އަނެއް ދެ ކުޅުންތެރިންނަކީ އެ ޓީމުގެ ޑިފެންޑަރު ޑެނިއަލީ ރުގާނީ އާއި ފްރާންސްގެ މިޑްފީލްޑަރު ބައިސޭ މަޓުއިޑީ އެވެ.
ޑިބާލާގެ ލޯބިވެރިޔާ އޮރިޔާނާ އަކީ އާޖެންޓީނާގެ މަޝްހޫރު ލަވަކިއުންތެރިއެއްގެ އިތުރުން ފިލްމީ ތަރިއެކެވެ. މޮޑެލްއެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާ އޮރިއާނާ އަކީ އާޖެންޓީނާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ގަބްރިއެލާ ސަބަޓިނީ އަށް ބޮޑުދައިތަ ކިޔާ ފަރާތެކެވެ.
ޑިބާލާ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވިކަމުގެ އަޑުތަކެއް މީގެ ކުރިންވެސް ފެތުރުނެވެ. އެކަމަކު އެފަހަރު އެކަން ޔުވެންޓަސް އިން ވަނީ ދޮގުކޮށްފައެވެ.
އިޓަލީ އަކީ މިވަގުތު ދުނިޔޭގައި އެންމެ ހަލުއިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުން އަންނަ ގައުމެވެ.