ފުރަތަމަ ސަފްޙާ / ޚަބަރު / އޭޕްރީލްގެ ނިޔަލަށް އިނގިރޭސި ފުޓްބޯޅައިގެ ސަސްޕެންޝަން އިތުރުކޮށްފި

އޭޕްރީލްގެ ނިޔަލަށް އިނގިރޭސި ފުޓްބޯޅައިގެ ސަސްޕެންޝަން އިތުރުކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 މާރޗް 2020

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގު ހިމެނޭ ގޮތަށް ޕްރޮފެޝަނަލް ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއްގެ ސަސްޕެންޝަން އޭޕްރީލް 30 ގެ ނިޔަޔަލަށް އިނގިރޭސި އެފްއޭ އިން އިތުރުކޮށްފި އެވެ.

އިނގިރޭސިވިލާތުގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާއެކު އެފްއޭ އިން އެންމެ ފުރަތަމަ ފުޓްބޯޅައިގެ ހަރަކާތްތައް މެދުކަނޑާލީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް، ވައިރަސް ފެތުރުން ހުއްޓޭނެކަމަށް ލަފާކުރެވޭ މުއްދަތެއް ނޭނގޭތީ ސަސްޕެންޝަން އިތުރުކުރަން ނިންމީ އެވެ.

މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހު އިނގިރޭސި އެފްއޭ އިން އަންނަ މަހުގެ ނިޔަލަށް ސަސްޕެންޑް ކުރި މުބާރާތްތަކުގެ ތެރޭގައި ޕްރިމިއާ ލީގުގެ އިތުރުން އިނގިރޭސި ޗެމްޕިއަންޝިޕް ފުޓްބޯޅަ އާއި ވިމެންސް ޗެމްޕިއަންޝިޕްގެ އިތުރުން ސްކޮޑްލެންޑް، ވޭލްސް އަދި ނޮދާން އަޔަލެންޑުގައި ކުޅޭ ޕްރޮފެޝަނަލް ހުރިހާ ފުޓްބޯޅަ މެޗުތަކެއް ހިމެނެ އެވެ.

ފުޓްބޯޅަ ސަސްޕެންޑް ކުރުމާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން އެންމެ އަވަހަށް ވެސް ދެން ފަށާނީ އަންނަ މެއި މަހު އެވެ. އިނގިރޭސި އެފްއޭ އިން ބުނީ ލީގު މެޗުތައް ފެށުން ފަސްކުރީ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްވެފައިވުމާއެކު ސީޒަން ނިންމާލުމަށް އިތުރު ވަގުތު ލިބުމުން ކަމަށެވެ. ޔޫރޯ އެއް އަހަރު ފަސްކުރުމާއެކު ޔޫރަޕްގެ ލީގުތައް ޖޫން 30 ގެ ނިޔަލަށް ކުރިއަށް ގެންދެވޭނެ ކަމަށް ޔޫއެފާ އިން ވަނީ ބުނެފަ އެވެ.

ލީގުގެ ކުޅުން މެދުކަނޑާލިއިރު އެއް ވަނައިގައި ލިވަޕޫލް އޮތީ ޗެމްޕިއަންކަން ހޯދުމާ ދާދި ގާތުގަ އެވެ. ލީގުގައި ބާކީ އޮތް ނުވަ މެޗުގެ ތެރެއިން ޗެމްޕިއަންކަން ކަށަވަރުކުރަން އެޓީމަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ. އެހެންނަމަވެސް، 30 އަހަރު ފަހުން އެޓީމުން ލީގު ހޯދުމަށް ކުރާ އިންތިޒާރު މިވަނީ އަނެއްކާވެސް ދިގުވެފަ އެވެ.

އިނގިރޭސިވިލާތުގައި ކޮރޯނާވައިރަސް މިހާތަނަށް 2500 އަށް ވުރެ ގިނަ މީހުނަށް ވަނީ ޖެހިފަ އެވެ. އޭގެތެރޭގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ޒުވާން ކުޅުންތެރިޔާ ކަލުމް ހަޑްސަން އޮޑޯއީ ވެސް ހިމެނެ އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ސަސްޕެންޝަން އިތުރުކުރިއިރު ޔޫރަޕްގެ އެހެން ލީގުތައް ވެސް އަންނަ މަހުގެ ކުރީކޮޅު ފެށުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެހެންކަމުން، އިޓަލީ، ސްޕެއިން، ފްރާންސް އަދި ޖަރުމަނުން ވެސް އެގައުމުގެ ލީގުތައް ފަސްކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!