އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެކަން އެ ކްލަބުން ކަށަވަރުކޮށްދީފި އެވެ. މިއީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޔުވެންޓަސްގެ ދެ ވަނަ ކުޅުންތެރިޔާއެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލީް ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެނގުނު ހިސާބުން ޔުވެންޓަސްގެ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް މަޓުއިޑީ ވެސް ހުރީ އަމިއްލައަށް އެކަހެރިވެގެންނެވެ. ކޮރޯނާވައިރަސް އަށް މަޓުއިޑީ ޕޮޒިޓިވްވި ނަމަވެސް އުމުރުން 32 އަހަރުގެ ކުޅުންތެރިޔާގެ ހާލު ގޯސް ނޫންކަމަށް ޔުވެންޓަސް އިން ބުނެފައިވެ އެވެ.
މަޓުއިޑީ އަކީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ފްރާންސް ޓީމުގައި ހިމެނުނު މުހިއްމު ކުޅުންތެރިއެކެވެ.
ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ ކުޅިވަރު ހަރަކާތްތަކެއް މި ވަގުތަށް ވަނީ މެދު ކަނޑާލައިފަ އެވެ. މިއަހަރު ކުރިއަށްދާ ގޮތަށް ހަމަޖެހިފައި އޮތް ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.