ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 17 މާރޗް 2020

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް ކޮރޯނާވައިރަހުގެ ސަބަބުން އަންނަ އަހަރަށް ފަސްކުރަން ނިންމައިފި އެވެ. ޔޫރޯ އެއް އަހަރަށް ފަސްކުރަން ނިންމިކަން އިއުލާންކުރީ މިއަދު ޔޫއެފާއިން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނޯވޭގެ އެފްއޭ އިންނެވެ.

ޔޫއެފާގެ މެމްބަރު ގައުމުތަކާއެކު މިއަދު ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ޔޫރޯ ފަސްކުރަން ނިންމި ނިންމުމަށް ޔޫއެފާއިން އަމަލުކުރާނެކަން މިއަދު އިއުލާންކުރާނެ އެވެ.

މިއަހަރުގެ ޔޫރޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ ޖޫން 12 އިން ޖުލައި 12 ގެ ނިޔަލަށެވެ. އެހެންނަމަވެސް ފަސްކުރަން ނިންމި ނިންމުމާއެކު މިހާރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 ގެ ނިޔަލަށެވެ.

މި ނިންމުމާއެކު މިއަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ޔޫއެފާ ނޭޝަންސް ލީގާއި އޫރަޕިއަން އަންޑަ-21 ޗެމްޕިއަންޝިޕް ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރަން ނިންމި އިރު ޔޫއެފާ ވިމެންސް ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ވެސް އަންނަ އަހަރު ކުޅޭނެ އެވެ. އިންގްލެންޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ފަށާނީ ޖުލައި ހަތް ވަނަ ދުވަހު އެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ހަތަރު ދުވަސް ކުރި އެވެ.

The #EURO2020 groups have been drawn! ????

Which matches are you excited for? pic.twitter.com/CU7SvtNAXq

— UEFA EURO 2024 (@EURO2024) November 30, 2019

މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް 60 އަހަރު ފުރޭތީ ޔޫއެފާއިން ނިންމާފައިވަނީ މުބާރާތް ހާއްސަ ކުރުމުގެ ގޮތުން ޔޫރަޕްގެ ތަފާތު 12 ގައުމެއްގައި މުބާރާތް ކުރިއަށް ގެންދިއުމަށެވެ. އެހެންނަމަވެސް ޗައިނާއިން އުފަންވެގެން އައި ކޮރޯނާވައިރަސް މިހާރު ޔޫރަޕަށް ފެތުރުމުގެ ސަބަބުން ލީގުތަކުގެ ކުޅުން ވެސް ވަނީ މެދުކަނޑާލަން ޖެހިފަ އެވެ. ޔޫރޯ އަންނަ އަހަރަށް ފަސްކުރަން ނިންމުމުގެ އެންމެ ބޮޑު ސަބަބަކީ ޔޫރަޕްގެ ލީގުތައް ނިންމާލުމުގެ ފުރުސަތު ފުޓްބޯޅަ ފެޑެރޭޝަން ތަކަށް ދިނުމަށެވެ.

އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށްގެންދާ 12 ގައުމަކީ، އަޒަރުބައިޖާން، ބެލްޖިއަމް، ޑެންމާކް، އިންގްލެންޑް، ޖަރުމަނު، ހަންގޭރީ، އިޓަލީ، ނެދަލެންޑްސް، ރިޕަބްލިކް އޮފް އަޔަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިން އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!