ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫރޯ ފަސްކޮށްދޭން އިޓަލީ އިން ޔޫއެފާ ގައި އެދެނީ

ޔޫރޯ ފަސްކޮށްދޭން އިޓަލީ އިން ޔޫއެފާ ގައި އެދެނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 17 މާރޗް 2020

ފުޓްބޯޅަ ސީޒަން އެއްކޮށް ނިންމާލުމަށް، ޖޫން މަހު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް ފަސްކޮށްދޭން ޔޫއެފާއި އެދޭނެކަމަށް އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނުން ބުނެފި އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން މިވަގުތު އެންމެ ބޮޑު ނުރައްކަލެއްގައި އޮތް ގައުމަކީ އިޓަލީ އެވެ. އެހެންވެ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިޓާލިއަން ލީގުގެ ހިމެނޭ ގޮތަށް ކުޅިވަރުގެ ހުރިހާ ހަރަކާތެއް ވަގުތީގޮތުން މެދުކަނޑާލަން އެގައުމުން ވަނީ ނިންމައިފަ އެވެ.

މިއަހަރުގެ ޔޫރޯއާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އިޓަލީ ފެޑެރޭޝަނުގެ ރައީސް ގެންރިއޭލް ގްރަވީނާ ވިދާޅުވީ އެ އިދާރާގެ ނިންމުން މިއަދު އޮންނަ ޔޫއެފާގެ ކުއްލި ބައްދަލުވުމުގައި ހުށަހަޅާނެ ކަމަށެވެ.

“އަހަރެމެން މަސައްކަތް ކުރާނަން އިޓާލިއަން ލީގު ނިންމަން. ސަބަބަކީ ކްލަބްތަކުން ވީ ގުރުބާނީއާ ބައިވަރު އިންވެސްޓްމެންޓްތަކާ އެކު އެއީ (ލީގު ކުރިއަށްގެންދިއުން) އެންމެ އިންސާފުވެރި ގޮތް ކަމަށް ވާނެތީ. ޔޫރޯ ޗެމްޕިއަންޝިޕް ފަސްކުރަން އަހަރެމެން ޔޫއެފާއަށް ލަފާ އަރުވާނަން” އިޓަލީގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ގްރަވީނާ ވިދާޅުވި އެވެ.

ޔޫރޯއާ މެދު ގޮތެއް ނިންމުމަށް ކުއްލި ބައްދަލުވުމުން ޔޫއެފާ އިން މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ވީޑިއޯ ކޮންފަރެންސެއް ގޮތަށް ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ޔޫއެފާ އިން ވަނީ 55 މެމްބަރު އެސޯސިއޭޝަނަށާއި، ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނުގެ އިތުރުން ޔޫރަޕިއަން ލީގުގެ ބޯޑަށް ވެސް ދީފަ އެވެ. މީގެ އިތުރުން ކުޅުންތެރިން ރިޕްރެސެންޓް ކުރާ ފިފްޕްރޯ ވެސް ބައިވެރިކުރާ ގޮތަށް ނިންމާފައިވާ މި ބައްދަލުވުމުގައި ޔޫރޯގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔޫރޮޕާ ލީގާ މެދު އަމަލުކުރާނެ ގޮތަކާއި ގުޅޭގޮތުން ވެސް މިއަދު މަޝްވަރާކުރާނެ އެވެ.

މިއަހަރުގެ ޔޫރޯ ފުޓްބޯޅަ ޔޫރަޕްގެ އެކި ސިޓީތަކުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 އިން ޖުލައި 12 ވަނަ ދުވަހު ނިޔަލަށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔޫއެފާގެ ވިސްނުމަކީ މި ދަނޑިވަޅުގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ނުބާއްވައި އެ މުބާރާތް އެއް އަހަރު ފަސްކުރުމަށެވެ.

އިޓަލީގައި ކޮރޯނާވައިރަހުގެ ބިރުވެރިކަން ބޮޑުވުމުގެ ސަބަބުން އެގައުމުގެ ފެޑެރޭޝަނުން މީގެ ކުރިން ބުނެފައިވަނީ މި ފަހަރުގެ ސީޒަން ނިންމާލުމުގެ ފުރުސަތު ކުޑަކަމަށެވެ. އަދި، ލީގު ކުރުކޮށްލުމުގެ ގޮތުން ޕްލޭއޮފް މެޗުތަކެއް ކުޅުމާއި، މިހާރު ލީގު ތާވަލް އޮތްގޮތަށް ބަލައި ޗެމްޕިއަންކަން ކަނޑައެޅުމަށް އިޓަލީ ފެޑެރޭޝަނުން މީގެ ކުރިން ވަނީ ވިސްނައިފަ އެވެ. އެހެންނަމަވެސް މިހާރު އެވިސްނުން ބަދަލުކޮށް އިޓަލީން ބޭނުންވަނީ ސީޒަން ދިގުލައިގެން ދިޔަ ކަމުގައި ވީނަމަވެސް ސީޒަނުގެ ބާކި ބައި ފުރިހަމަ ކުރުމަށެވެ.

ގްރަވީނާ ވިދާޅުވީ އުއްމީދަކީ ޖޫން މަހުގެ 30 ހިސާބުގައި ލީގު ނިންމާލުން ކަމަށާއި، އެހެންނަމަވެސް ކޮރޯނާވައިރަހުގެ ހާލަތަށް ބަލައި ލީގު ނިންމާލަން އިތުރު މަސްދުވަހެއް ނަގާފާނެ ކަމަށެވެ. ގްރަވީނާ ވަނީ މިވަގުތު ފުޓްބޯޅަ ހުއްޓާލާފައިވާ ދަނޑިވަޅުގައި ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށް ނުގެންދިއުމަށް ވެސް ގޮވާލައްވާފަ އެވެ.

ކޮރޯނާވައިރަހުގެ ބިރުވެރިކަން އިންތިހާ އަށް ބޮޑުވެ މުޅި އިޓަލީ މިހާރު ވަނީ ލޮކްޑައުން ކޮށްފަ އެވެ. މިދިޔަ އާދީއްތަ ދުވަހު މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 368 އަށް އެރިއިރު މިއީ ވައިރަސް ފެތުރެން ފެށިފަހުން އެއް ދުވަހެއްގައި މިހާ ގިނައިން އެގައުމުގައި މީހުން މަރުވި ފުރަތަމަ ފަހަރެވެ. އެހެންވެ އަންނަ މަހުގެ ތިން ވަނަ ދުވަހު ލީގުގެ ކުޅުން އަލުން ފަށަން ނިންމާފައި އޮތަސް އެއީ ގާތްގަނޑަކަށް ނުވާނެކަމެއް ކަން އެގައުމުގެ ފެޑެރޭޝަނުން ވެސް ގަބޫލުކުރެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!