ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑޯ ހިންގާ ހޮޓެލް ހޮސްޕިޓަލަކަށް ހަދާކަށް ނޫޅޭ!

ރޮނާލްޑޯ ހިންގާ ހޮޓެލް ހޮސްޕިޓަލަކަށް ހަދާކަށް ނޫޅޭ!

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 16 މާރޗް 2020

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ފަސް ފަހަރު ހޯދައިފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޮރޯނާވައިރަސްގެ ބަލި މީހުންނަށް ފަރުވާދޭ ހޮސްޕިޓަލަކަށް އަމިއްލަ ގައުމުގައި ހިންގަމުން އަންނަ އޭނާގެ ހޮޓަލެއް ކަމަށްވާ ޕެސްޓާނާ ސީއާރު ސެވަން ހޮޓެލް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ އެ ހޮޓަލުން ދޮގުކޮށްފި އެވެ.

ސްޕެއިންގެ މަޝްހޫރު ނޫހެއް ކަމަށްވާ މާކާ ގައި ހޮނިހިރު ދުވަހު ޝާއިއުކުރި ހަބަރެއްގައިވާ ގޮތުން މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ ބަލި މީހުންނަށް ފަރުވާދިނުމަށްޓަކައި ޔުވެންޓަސް އަށް ކުޅެމުން އަންނަ އުމުރުން 35 އަހަރުގެ ރޮނާލްޑޯ ހިންގަމުން އަންނަ ދެ ހޮޓަލުގެ ތެރެއިން އެއް ހޮޓެލް، ހޮސްޕިޓަލަކަށް ބަދަލުކުރަން އޭނާ ހުރީ ތައްޔާރަށެވެ.

މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 160،000 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަހުގެ އަސަރުކޮށްފައިވާއިރު ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފައިވާ ފޯވާޑް ރޮނާލްޑޯގެ އުފަން ގައުމުގައިވެސް މި ބަލި އަންނަނީ މަޑުމަޑުން ފެތުރެމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ބަލި ޖެހިގެން އެގައުމުގައި ރިޕޯޓްކުރި މީހުންގެ އަދަދު އޭގެ ކުރީ ދުވަހަށްވުރެ ތިން ގުނަ އިތުރެވެ.

ރޮނާލްޑޯގެ ހޮޓަލެއް ހޮސްޕިޓަލަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅޭގޮތުން ލިޒްބަންގައި ހުންނަ ރޮނާލްޑޯ ހިންގާ ހޮޓަލެއްގެ މުވައްޒަފަކު ބުނެފައިވަނީ ވަގުތީގޮތުން އެ ހޮޓެލް ހޮސްޕިޓަލަކަށް ބަދަލުކުރުމާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިފައި ނުވާ ކަމަށެވެ.

“މިއީ ހޮޓަލެއް. މިތަން ހޮސްޕިޓަލަކަށް ބަދަލެއް ނުކުރާނެ. ފަހަރެއްގަ އެހެން ތަންތަން ބަދަލުކޮށްފާނެ. އެކަމަކު މިތަން ހުންނާނީ ހޮޓަލެއްގެ ގޮތުގައި.” ލިޒްބަންގައި ރޮނާލްޑޯ ހިންގާ ހޮޓަލުގެ ތަރުޖަމާނު ނެދަލެންޑްސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން އިޓާލިއަން ލީގު މެދުކަނޑާލައިފައި ވުމުގެ އިތުރުން އިޓަލީގައި ހަލުއި ކަމާއެކު އެ ވައިރަސް ފެތުރެމުން އަންނާތީ މިވަގުތު އަމިއްލަ ގައުމަށް އެނބުރި އައިސް ހުރި ރޮނާލްޑޯ އޭނާގެ ހޮޓަލެއް ހޮސްޕިޓަލަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ފެތުރެމުން އަންނަ އަޑުތަކާ ގުޅޭގޮތުން އަދި މިހާތަނަށް މީޑިއާގައި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

އެހެން ނަމަވެސް ރޮނާލްޑޯ ވަނީ ދާދިފަހުން ކޮރޯނާވައިރަހުގެ އަސަރުކޮށްފައިވާ މީހުންނަށާއި، އެ ބައްޔަށް ފަރުވާ ކުރުމުގައި ހަތަކާތްތެރިވާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން މީސްމީޑިއާގައި ބަޔާނެއް އާއްމުކޮށްފަ އެވެ.

“މިހާރު ދުނިޔެ ދެކެމުން މި އަންނަނީ ވަރަށް އުނދަގޫ ދުވަސްތަކެއް. މިއީ އެންމެންގެ ފަރާތުންވެސް އެހީތެރިކަން ބޭނުންވާނެ ވަގުތެއް. އަހަރެން މިއަދު މި ވާހަކަދައްކަނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ހައިސިއްޔަތަކުން ނޫން. އެކަމަކު މިއަދު އަހަރެން މި ވާހަކަ ދައްކަނީ ދަރިއެއްގެ ހައިސިއްޔަތުން. ބައްޕައެއްގެ ހައިސިއްޔަތުން އަދި މުޅި ދުނިޔެއަށް ބަލީގެ ސަބަބުން ކުރަމުން އަންނަ ނޭދެވޭ އަސަރާ މެދު ކަންބޮޑުވާ އިންސާނެއްގެ ހައިސިއްޔަތުން.” މީސް މީޑިއާގައި ރޮނާލްޑޯ އާއްމުކުރި ބަޔާނުގައި ލިޔެފައިވެ އެވެ.

“މިބަލީގެ ސަބަބުން އެމީހެއްގެ ގާތް މީހަކު މަރުވެފައިވާ އެންމެންނަށް އަހަރެންގެ ހަމްދަރުދީ ފޮނުވަން. އަދި އަހަރެންނާއެކު އެއް ޓީމަކަށް ކުޅެމުން އަންނަ ރުގާނީ އެކޭ އެއް ފަދައިން މި ބައްޔާ ހަގުރާމަކުރަމުން އަންނަ އެންމެންނާއެކު އަހަރެން އެބަހުރިން. އަދި، އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ބަލިޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ސިއްހީ އެހީތެރިން ކުރަމުން އެ އަންނަ އާދަޔާ ހިލާފް މަސައްކަތަށް އަހަރެންގެ ހިފެހެއްޓުމެއް ނެތް ސާބަސް ރައްދުކުރަން.”  ރޮނާލްޑޯ ބުނެފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!