ރާއްޖޭގައި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރޭތީ ފުޓްބޯޅަ އާއި ބެޑްމިންޓަނުގެ ހުރިހާ ހަރަކާތްތަކެއް މެދުކަނޑާލައިފި އެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއަށް ވެސް އައިސްފައިވާއިރު މިހާތަނަށް 13 މީހަކު ރާއްޖޭން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި، މިހާރު ވެސް އަންނަނީ ބައެއް މީހުން މި ބައްޔަށް ޓެސްޓު ކުރަމުންނެވެ.
ބެޑްމިންޓަންގެ ގައުމީ ސްކޮޑުގެ ޕްރެކްޓިސްތަކާއި ޔޫތު ޑިވެލޮޕްމަންޓް (ވައިޑީޕީ) ގެ ހުރިހާ ޕްރޮގްރާމެއް ހުއްޓާލަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމީ އިއްޔެ އެވެ. އެ އެސޯސިއޭޝަނުން އާއްމުކުރި ބަޔާނެއްގައި ބުނީ، އެސޯސިއޭޝަނުން ކުރިއަށްގެންދާ ގައުމީ ބެޑްމިންޓަން ސްކޮޑުގެ ފަރިތަކުރުންތައް ހުއްޓާލީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
ގައުމީ ސްކޮޑުގެ ފަރިތަކުރުންތަކުގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ހދ، ނ، ބ، އަދި އައްޑޫ ސިޓީގައި ހިންގަމުންގެންދާ ވައިޑީޕީ ޕްރޮގްރާމްތައް ވެސް ހުއްޓާލާފަ އެވެ. ގައުމީ ސްކޮޑުގެ ޕްރެކްޓިހާއި ވައިޑީޕީ ޕްރޮގްރާމްތައް އަލުން ފަށާނެ ވަކި ތާރީހެއް ބެޑްމިންޓަން އެސޯސިއޭޝަނުގެ ބަޔާނުގައި ފާހަގަކޮށްފައެއްނުވެ އެވެ.
ފުޓްބޯޅަ މުބާރާތްތަކާއި ޓްރެއިނިންތައް މެދުކަނޑާލަން އެފްއޭއެމުން ނިންމީ މިއަދު އެވެ. އެ އެސޯސިއޭޝަނުން ހިއްސާކުރި ބަޔާނުގައި ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފައަކަށް ފަހު ކުރިއަށް ހުރި ހަރަކާތްތަކުގެ ޝެޑިއުލް އާއްމުކުރާނެ ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި މިވަގުތު ކުރިއަށްދަނީ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް އެކަންޏެވެ. ކުރިން އޮތް ޝެޑިއުލުގައި މާދަމާ އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅޭގޮތަށް އޮތީ ހަމަޖެހިފައިވަ އެވެ. އެފްއޭ ކަޕްގެ ފުރަތަމަ ސެމީގައި މާދަމާ ހަވީރު މާޒިޔާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރަން އޮތްއިރު މާދަމާ ރޭ ކުޅެން ހަމަޖެހިފައި އޮތީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އެވެ. އެހެންނަމަވެސް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ރާއްޖެ އައުމުގެ ބަދަލުގައި ޓީސީގެ ޓީމު މިހާރު ވަނީ އަވައްޓެރި ސްރީ ލަންކާގައި ސެލްފް އައިސޮލޭޓް ވެފަ އެވެ. ޓީސީން ލަންކާގައި އެކަހެރިވާން ޖެހުނީ ދާދިފަހުން ބަންގަލަދޭޝުން ކޮވިޑް-19 ފެނި އެގައުމުން ރާއްޖެ އަށް އެތެރެ ނުވެވޭ ގޮތް ހެދުމުންނެވެ.
އެފްއޭ ކަޕްގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިމަހު ފަހުކޮޅު ޗައިނާ އާއި ސީރިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުތައް މިހާރު ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ. އެހެންވެ ގައުމީ ޓީމުގެ ފަރިތަކުރުންތައް ވެސް މިވަގުތަށް ވަނީ މެދުކަނޑާލައިފަ އެވެ. އަނެއްކޮޅުން މި މަހު ގުރު ނަގަން ހަމަޖެއްސި ޖަޒީރާ ޗެމްޕިއަންޝިޕް ވެސް އެފްއޭއެމުން މިހާރު ވަނީ ރޯދައިގެ ފަހަށް ބަދަލުކޮށްފަ އެވެ. ސީޒަނުގައި ދެން ބާކީ އޮންނާނީ ޕްރެޒިޑެންޓްސް ކަޕެވެ. ކޮރޯނާވައިރަހުގެ ސަބަބުން އެފްއޭ ކަޕް މާބޮޑަށް ފަސްކުރަން ޖެހިއްޖެ ނަމަ ޕްރެޒިޑެންޓްސް ކަޕް މިއަހަރުގެ ބޭއްވުމުގެ ފުރުސަތު ކުޑަ އެވެ.
ބެޑްމިންޓަނާއި ފުޓްބޯޅައިގެ އިތުރުން މީގެ ކުރިން އެތުލެޓިކްސް އެސޯސިއޭޝަނުން ވެސް ވަނީ މާލެ އާއި އަތޮޅުތެރޭގައި ކުރިއަށްގެންދާ ތަމްރީނުތަކާއި ހުރިހާ މުބާރާތްތަކެއް ވެސް ފަސްކޮށްފަ އެވެ.