ފުރަތަމަ ސަފްޙާ / ޚަބަރު / ވެލެންސިއާގެ ފަސް ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

ވެލެންސިއާގެ ފަސް ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 15 މާރޗް 2020

ސްޕެއިން ލީގުގެ ކްލަބް ވެލެންސިއާގެ ފަސް ކުޅުންތެރިއަކާއި ކްލަބުގެ ސްޓާފެއް ކޮރޯނާވައިރަހަށް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެ ކްލަބުން ހާމަކޮށްފި އެވެ.

ކްލަބުން މިއަދު ރަސްމީކޮށް އެކަން ހާމަކޮށްފައިވީނަމަވެސް އެ ކުޅުންތެރިންގެ ނަންތައް އާއްމުކޮށްފައެއްނުވެ އެވެ. އެހެންނަމަވެސް، ވައިރަހަށް ޕޮޒިޓިވްވި އެއް ކުޅުންތެރިއަކީ އެ ކްލަބަށް ކުޅޭ އުމުރުން 33 އަހަރުގެ ޑިފެންޑަރު އިޒެކުއިލް ގެރޭ އެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ގެރޭ ވަނީ އިންސްޓަގްރާމްގައި އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާކަން އިއުލާންކޮށްފައެވެ. އެއާއެކު ގެރޭ ވެފައިވަނީ ސްޕެއިން ލީގުން މި ބައްޔަށް ޕޮޒިޓިވްވެ ފަރުވާ ހޯދަން ޖެހުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ސްޕެއިންގެ ލީގުގެ ކުޅުން ދެ ހަފްތާގެ މުއްދަތަކަށް މިދިޔަ ބުރާސްފަތި ދުވަހު މެދުކަނޑާލީ ރެއާލް މެޑްރިޑްގެ ކުޅުންތެރިން ކަރަންޓީނަށް ދާންޖެހުމާއި ގުޅިގެންނެވެ. ރެއާލްގެ ކުޅުންތެރިން ކަރަންޓީނަށް ދިޔައީ އެ ކްލަބުގެ ޓްރެއިނިން ފެސިލިޓީސްތައް ހިއްސާކުރާ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުންނެވެ.

އިޓަލީ ނަގާފައި ޔޫރަޕްގައި މިވަގުތު އެންމެ ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާ ގައުމަކީ ސްޕެއިން އެވެ.

“އަހަރެން 2020 ފަށަން މި ޖެހުނީ ބަދުނަސީބާއެކު. އަހަރެންގެ ހާލު ވަރަށް ރަނގަޅު އަދި އިދާރާތަކުން ދޭ އިރުޝާދުތަކަށް އިހުތިރާމް ކުރަންޖެހޭ” ގެރޭ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

ކޮރޯނާވައިރަހަށް ގެރޭ ފަރުވާ ހޯދަން ފަށާފައިވާއިރު މިދިޔަ މަހު ލިގަމެންޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން ސާޖަރީ އެއް ހަދައި މި ސީޒަނުގައި އޭނާ އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

މިދިޔަ މަހު ކުރި ސާޖަރީ އަށް ފަހު ގެރޭ. އޭނާ އަށް 2020 ގެ ފެށުން އައީ ބަދުނަސީބުކޮށް

މިދިޔަ ހަފްތާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އިޓަލީގެ އެޓަލާންޓާ އަތުން އެގްރިގޭޓުން ބަލިވެ މުބާރާތުން ކެޓި ވެލެންސިއާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައްޔަށް ޕޮޒިޓިވްގެ ކުޅުންތެރިންނާއި މުވައްޒަފު މިވަގުތު ތިބީ ފަރުވާ ހޯދުމަށް ގޭގައި ކަރަންޓީނުކޮށްފައި ކަމަށާއި، އެ އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

ކޮރޯނާވައިރަހަށް އެންމެ ގިނަ ކުޅުންތެރިން ޕޮޒިޓިވް ވެފައިވަނީ އިޓަލީގެ ސަމްޕްޑޯރިއާ އިންނެވެ. އެ ކްލަބުގެ ހަތް ކުޅުންތެރިއަކު މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނައިރު އިޓަލީގެ ފިއޮރެންޓީނާ އިން އިއްޔެ ވަނީ އެ ކްލަބުގެ ތިން ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާކަން އިއުލާންކޮށްފަ އެވެ. މި ތިން ކުޅުންތެރިންގެ ތެރޭގައި މިދިޔަ ޖެނުއަރީ މަހު އިނގިރޭސި ކްލަބް ވުލްވްސް އިން ލޯނު އުސޫލުން ފިއޮރެންޓީނާ އަށް ބަދަލުވި ފޯވާޑް ޕެޓްރިކް ކުޓްރޯނޭ ހިމެނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!