އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ވާދަކުރުމަށް ފަހު އެ ގައުމުން އެނބުރި ރާއްޖެ އައުމުގެ ކުރިން އަވަށްޓެރި ސްރީ ލަންކާގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް މިވަގުތު މަޑުކޮށްގެންތިބި ނަމަވެސް އެ ޓީމްގެ ކުޅުންތެރިން ތިބީ ކަރަންޓީނުކޮށްފައި ނޫންކަމަށް ޓީސީގެ ކޯޗް މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްގައި ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ ވާދަކޮށް ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުން 1-5 އިން އެޓީމް ވަނީ ބަލިވެފަ އެވެ. މެޗަށް ފަހު އެނބުރި ރާއްޖެ އައުމުގެ ކުރިން ޓީސީ އަށް ލަންކާގައި މަޑުކުރަންޖެހުނީ ބަންގްލަދޭޝްގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާއެކު މިދިޔަ ހަފްތާގެ ތެރޭގައި އެ ގައުމުން މީހުން ރާއްޖެ އައުން ދިވެހި ސަރުކާރުން މަނާ ކުރުމާއެކު އޭގެ ދަށުން އެޅި ފިޔަވަޅެއްގެ ސަބަބުން ކަމަށް ބެލެވެ އެވެ. މި ސީޒަނުގެ މެދުތެރެއިން ޓީސީއާ ހަވާލުވި ކޯޗް ޝާޒް ލަންކާގައި ހުރެ “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުނެފައިވަނީ ލަންކާގައި 14 ވަރަކަށް ދުވަހު މަޑުކުރަންޖެހޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެހެން ނަމަވެސް ޓީމްގެ ކުޅުންތެރިން އެކަހެރިކޮށް ތިއްބުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން އަންގައިފައި ނެތް ކަމަށެވެ.
“ލަންކާގައި އަޅުގަނޑުމެން މިތިބެނީ މިތަނުގެ އެންމެ ފެންވަރު ރަގަޅު އެއް ހޮޓަލުގަ. މިތަނުގައި އެހެން ގައުމުތަކުން އައިސްގެން އުޅޭ ފަތުރުވެރިންވެސް އެބަ ތިބި. އެ މީހުންނާ އަހަރެމެންނާވެސް ދިމާވޭ. ކެއުން ހަމަޖެހިފައި އޮތީ ހަމަ މިތަނުގެ މެއިން ރެސްޓޯރެންޓުން. މިތަނުގެ ޖިމް އާއި އެހެން ވަސީލަތްތަކުގެ ބޭނުންވެސް އަހަރެމެންނަށް އެއްވެސް ހުރަހެއް ނެތި ބޭނުންކުރެވޭ. ދެން ކްލަބްގެ ފަރާތުން ކުޅުންތެރިންގެ ޑިސިޕްލިން ހިފެހެއްޓުމަށްޓަކައި ކުރަން އަންގާފައި އޮތް ކަމެއް ފިޔަވައި މިތަނުގަ އެ ކުޅުންތެރިންނަށް އެއްވެސް ރެސްޓްރިކްޝަނެއް ނޯންނާނެ.” 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު މިދިޔަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތަކުން މެޑަލް އެއް ހޯދައިދިން ކޯޗް ބުންޏެވެ.
ކޮލަމްބޯގައި ހުންނަ ހަތް ތަރީގެ ހޮޓަލެއް ކަމަށްވާ މަރިއާނޯ ބީޗްގައި ހުރެ ޝާޒް ބުނީ ޓީސީގެ ހުރިހާ ކުޅުންތެރިންގެ ހާލު ވެސް ރަގަޅު ކަމަށާއި ލަންކާގައި މަޑުކުރަން ޖެހުމަކީ އެއް ގޮތަކުން ބަލާއިރު ޓީމަށް ލިބުނު ފައިދާއެއް ކަމަށެވެ.
“އޭއެފްސީ ކަޕްގައި އަހަރެމެން ދެން ކުޅެންޖެހޭ މެޗް އަދި ފަސްކޮށްފައެއް ނެތް. އެހެންވީމަ މާލެ ގޮސް 14 ދުވަސް ވަންދެން ކަރަންޓީނުވެގެން ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނެތުމަށްވުރެ މިގޮތް ޓީމަށް މާބޮޑަށްވެސް ރަގަޅުކަމަށް ދެކެނީ. މިތަނުގަ ޕްރެކްޓިސް ކުރުމުގެ ފުރުސަތުވެސް ލިބޭ. އިރާދަކުރެއްވިއްޔާ މާދަމާ ނޫން އަނެއް ދުވަހު (މިއަދު) އަހަރެމެން ޕްރެކްޓިސް ފަށާނަން.” ޝާޒް ބުންޏެވެ.
“ފަހުމިނެޓް” އަށް އިތުރަށް މައުލޫމާތު ދެމުން ޝާޒް ބުނީ މިދިޔަ ބުދަ ދުވަހު އޮތް މެޗްގެ ކުރިން، ޓީމް ރާއްޖެ އައުމުން ނުވަތަ އައުމުގެ މަގުމަތީގައި ކަރަންޓީނުކުރަން ހަމަޖެހިފައިވާ ކަމަށް މީޑިއާ ގައި ހަބަރު ފެތުރުމާ ގުޅިގެން ކުޅުންތެރިންނަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ކުރި ކަމަށާއި، އެކަމަކު މެޗުން ބަލިވުމުގެ ސަބަބަކީ އެއީ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ޓީސީ ދެން ކުޅެންޖެހޭ މެޗް އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. މާލޭގައި ކުޅެން ހަމަޖެހިފައިވާ މި މެޗްގައި ޓީސީ ނުކުންނާނީ އިންޑިއާގެ ޗެންނާއި ސިޓީ އެފްސީއާ ދެކޮޅަށެވެ. މިއީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ޓީސީ ވާދަކުރާ ފުރަތަމަ ފަހަރެވެ.