އިޓަލީގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމުގެ ހަބަރުތައް މީޑިއާގައި ފެތުރެން ފަށައިފި އެވެ. އިޓާލިއަން ލީގުގެ އެއް ވަނައިގައި މިވަގުތު އޮތް ޔުވެންޓަސްގެ ފޯވާޑް ޑިބާލާ ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމުގެ އަޑުތައް ފެތުރެން ފަށައިފައި މިވަނީ އެ ޓީމްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކްލަބުން ހާމކުރިތާ އެއް ދުވަސް ވެފައި ވަނިކޮށެވެ.
އިޓަލީ އަށް އުފަން ޑިފެންޑަރު ރުގާނީ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވުމާއެކު ޔުވެންޓަސްގެ ކޯޗިން ސްޓާފުންނާއި ކުޅުންތެރިން މިހާރު ތިބީ އަމިއްލަ އަށް އެކަހެރިވެގެންނެވެ. އަދި، އެންމެ ފަހުން މިދިޔަ އާދީއްތަ ދުވަހުގެރޭ ޔުވެންޓަސް އިޓާލިއަން ލީގުގައި ބައްދަލުކުރި އިންޓަ މިލާންގެ ކުޅުންތެރިންވެސް ތިބީ ހަމަ އެގޮތަށް ކަރަންޓީނުވެގެން ކަމަށް ހަބަރުތައް ބުނެ އެވެ.
ޑިބާލާ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު ރޭ އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އަނެއް ހަބަރަކީ އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި ހަބަރެވެ. ދުނިޔޭގައި މިހާރު ހަލުއި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އަށް އާޓެޓާ ޕޮޒިޓިވް ވުމާއެކު އޭނާ އާއި ކްލޯޒް ކޮންޓެކްޓެއް ވެފައިވާ އާސެނަލްގެ ކޯޗިންގް ސްޓާފުން މިހާރު ވަނީ އަމިއްލައަްށް އެކަހެރިވެފައެވެ. އަދި އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު އާސެނަލް އިން ބްރައިޓަން އާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗް ވެސް ވަނީ މިހާރު ފަސްކޮށްފައެވެ.
އާސެނަލްގެ ކޯޗް ކަމާއި މިސީޒަންގައި އަލަށް ހަވާލުވި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވުމާއެކު ސީނިއާ ޓީމުގެ ހުރިހާ ކުޅުންތެރިން އަމިއްލައަށް ކަރަންޓީންވާންޖެހޭނެ އެވެ. ޔޫރޮޕާ ލީގުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ގްރީސްގެ އޮލިމްޕިއާކޯސް އާ ދެކޮޅަށް އާސެނަލް ކުޅުނު މެޗްގެ ފަހުން އޮލިމްޕިއާކޯސްގެ ވެރިޔާ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވި ހަބަރާއެކު އާސެނަލްގެ ކުޅުންތެރިން ކަރަންޓީނުގައި ތިބުމަށްފަހު ވީއްލިފައިވަނީ އިއްޔެ އެވެ. އަދި، އެކަމުގެ ސަބަބުން މިދިޔަ ބުދަ ދުވަހުގެ ރޭ ޕްރިމިއަރ ލީގުގައި އާސެނަލް އާއި މެންޗެސްޓަރ ސިޓީ ވާދަކުރަން ހަމަޖެހިފައި އޮތް މެޗްވެސް ވަނީ ފަސްކޮށްފައެވެ.
އާސެނަލްގެ ކޯޗްގެ އިތުރުން ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ކަލުމް ހަޑްސަން އޮޑޯއި ވެސް ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެފައިވާ ކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މިއީ އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުންތެރިއަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ޕްރިމިއަރ ލީގުގެ ބައެއް އެހެން ކުލަބްތަކުގެ ވަކިވަކި ކުޅުންތެރިން ވަނީ މިހާރުވެސް ރައްކާތެރިވުމުގެ ގޮތުން އަމިއްލައަށް ކަރަންޓީނު ވެފައެވެ. އޭގެ ތެރޭގައި ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނުނު ލެސްޓަރ ސިޓީގެ ތިން ކުޅުންތެރިއަކާއި، އާއިލާގެ މެންބަރެއްގެ ކިބައިން ކޮރޯނާ ވައިރަސްގެ އަސަރު ފެނިފައިވުމާއެކު އަމިއްލައަށް ކަރަންޓީނުވި މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު ބެންޔަމިން މެންޑީ ހިމެނެއެވެ.