އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެއްޖެއެވެ. ދުނިޔޭގައި މިހާރު ހަލުއި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އަށް އާޓެޓާ ޕޮޒިޓިވް ވުމާއެކު އޭނާ އާއި ކްލޯޒް ކޮންޓެކްޓެއް ވެފައިވާ އާސެނަލްގެ ކޯޗިންގް ސްޓާފުން މިހާރު ވަނީ އަމިއްލައަްށް އެކަހެރިވެފައެވެ. އަދި އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު އާސެނަލް އިން ބްރައިޓަން އާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗް ވެސް ވަނީ މިހާރު ފަސްކޮށްފައެވެ.
“މިއީ ހަގީގަތުގައިވެސް ވަރަށް ދެރަވާ ކަމެއް. އަހަރެންގެ ސިއްހީ ހާލަތު ތަންކޮޅެއް ގޯސްވާހެން ހީވާތީ އަހަރެން ޓެސްޓްކުރީ. އަހަރެންނަށް ހުއްދަ ލިބުނުހާ އަވަހަކަށް މަސައްކަތަށް އެނބުރި އަންނާނަން.” ސްޕެއިން އަށް އުފަން އުމުރުން 37 އަހަރުގެ ކޯޗް އާޓެޓާ ބުނެފައިވެއެވެ.
އާސެނަލްގެ ކޯޗް ކަމާއި މިސީޒަންގައި އަލަށް ހަވާލުވި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވުމާއެކު ސީނިއާ ޓީމުގެ ހުރިހާ ކުޅުންތެރިން އަމިއްލައަށް ކަރަންޓީންވާންޖެހޭނެ އެވެ. ޔޫރޮޕާ ލީގުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ގްރީސްގެ އޮލިމްޕިއާކޯސް އާ ދެކޮޅަށް އާސެނަލް ކުޅުނު މެޗްގެ ފަހުން އޮލިމްޕިއާކޯސްގެ ވެރިޔާ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވި ހަބަރާއެކު އާސެނަލްގެ ކުޅުންތެރިން ކަރަންޓީނުގައި ތިބުމަށްފަހު ވީއްލިފައިވަނީ އިއްޔެ އެވެ. އަދި، އެކަމުގެ ސަބަބުން މިދިޔަ ބުދަ ދުވަހުގެ ރޭ ޕްރިމިއަރ ލީގުގައި އާސެނަލް އާއި މެންޗެސްޓަރ ސިޓީ ވާދަކުރަން ހަމަޖެހިފައި އޮތް މެޗްވެސް ވަނީ ފަސްކޮށްފައެވެ.
އާސެނަލްގެ ކޯޗް އާޓެޓާ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާއިރު ޕްރިމިއަރ ލީގުގެ ކުރިއަށް ހުރި މެޗްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުއްލި ބައްދަލުވުމެއް މިއަދު ބާއްވާގޮތަށް މިހާރު ވަނީ ނިންމައިފައެވެ. ގަބޫލުކުރެވޭ ގޮތުގައި މިއަދު ބާއްވާ ބައްދަލުވުމުގައި މި ހަފްތާ ބަންދުގައި ކުޅެން ހަމަޖެހިފައިވާ ޕްރިމިއަރ ލީގުގެ ހުރިހާ މެޗެއް ފަސްކުރަން ނިންމާނެއެވެ.
އާސެނަލްގެ ކުޅުންތެރިންގެ އިތުރުން ޕްރިމިއަރ ލީގުގެ ބައެއް އެހެން ކުލަބްތަކުގެ ވަކިވަކި ކުޅުންތެރިން ވަނީ މިހާރުވެސް ރައްކާތެރިވުމުގެ ގޮތުން އަމިއްލައަށް ކަރަންޓީނު ވެފައެވެ. އޭގެ ތެރޭގައި ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނުނު ލެސްޓަރ ސިޓީގެ ތިން ކުޅުންތެރިއަކާއި، އާއިލާގެ މެންބަރެއްގެ ކިބައިން ކޮރޯނާ ވައިރަސްގެ އަސަރު ފެނިފައިވުމާއެކު އަމިއްލައަށް ކަރަންޓީނުވި މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު ބެންޔަމިން މެންޑީ ހިމެނެއެވެ.