ފުރަތަމަ ސަފްޙާ / ޚަބަރު / ކޮވިޑް-19: ޔޫރަޕްގެ ބައެއް ލީގުތައް ހުއްޓުމަކަށް!

ކޮވިޑް-19: ޔޫރަޕްގެ ބައެއް ލީގުތައް ހުއްޓުމަކަށް!

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 މާރޗް 2020

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ގައުމުތައް ނުރައްކަލަށް ހުށަހެޅި ޔޫރަޕްގެ މަޝްހޫރު ބައެއް ލީގުތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން ނިންމައިފި އެވެ. ކުރިއަށް ނުގެންދަން ޔޫރަޕުން މިއަދު ނިންމި ލީގު ތަކަކީ ސްޕެނިޝް ލަލީގާ އާއި ޕޯޗުގީޒް ލީގުގެ އިތުރުން ނެދަލެންޑްސްގެ ލީގެވެ. މި ތިން ލީގުގެ އިތުރުން އެމެރިކާގެ މަޝްހޫރު ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް) ވެސް ވަނީ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ސަސްޕެންޑްކޮށްފަ އެވެ.

ސްޕެނިޝް ލީގުގެ ކުޅުން ކުރިއަށް އޮތް ދެ ހަފްތާ އަށް މެދުކަނޑާލާފައިވަނީ ރެއާލް މެޑްރިޑްގެ މުޅި ޓީމު ކަރަންޓީނުކުރަން ޖެހުމާއި ގުޅިގެންނެވެ. ރެއާލްގެ ޓީމު ދެ ހަފްތާގެ މުއްދަތަކަށް ކަރަންޓީނަށް ދާންޖެހުނީ އެ ކްލަބުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. ރެއާލްގެ ބާސްކެޓްބޯޅަ ޓީމުން ވެސް ބޭނުންކުރަނީ ފުޓްބޯޅަ ޓީމުން ބޭނުންކުރާ ތަމްރީނު ވަސީލަތްތަކެވެ. އެހެންވެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ކޮރޯނާވައިރަސް އެރުމުގެ ބިރު މިހާރު ވަނީ ހީވެފަ އެވެ.

ރެއާލްގެ މުޅި ޓީމު ކަރަންޓީނު ކޮށްފައިވާތީ އެ ކްލަބުގެ ފަރިތަކުރުންތައް ވެސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. އަނެއްކޮޅުން އަންނަ ހަފްތާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އިންގްލެންޑުގައި ރެއާލުން ކުޅެން ހަމަޖެހިފައިވާ މެޗު ޔޫއެފާއިން މިހާރު ވަނީ ފަސްކޮށްފަ އެވެ.

ކޮވިޑް-19 ގެ ބިރުބޮޑުވެ ނެދަލެންޑްސްގެ ލީގުގެ ވެސް މެދުކަނޑާލީ ދެ ހަފްތާގެ މުއްދަތަކަށެވެ. ނެދަލެންޑްސް އިން ވަނީ އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ އިތުރުން ދެ ވަނަ ޑިވިޝަނުގެ މެޗުތައް ވެސް މި މުއްދަތަށް ފަސްކޮށްފަ އެވެ. ނެދަލެންޑްސް ލީގުގެ އެއް ވަނައިގައި އަޔަކްސް މިވަގުތު އޮތީ ދެ ވަނައިގައި އޮތް އޭޒެޑް އަލްކަމާއަށް ވުރެ ގޯލުގެ ތަފާތުން ކުރި ލިބޭތީ އެވެ. ފުޓްބޯޅަ ލީގުގެ އިތުރުން ނެދަލެންޑްސްގެ ސަރުކާރުން ވަނީ އެގައުމުގެ ކުޅިވަރު ގިނަ ހަރަކާތްތަކެއް މި ދަނޑިވަޅުގައި މަޑުޖައްސާލާފަ އެވެ.

ޕޯޗުގަލުން އެގައުމުގެ ލީގު މެޗުތައް މިއަދު އެންމެ ފުރަތަމަ ކުޅެން ނިންމީ ސަޕޯޓަރުން ނުވައްދަ އެވެ. އެހެންނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާއި ކްލަބްތައް އަދި ކުޅުންތެރިންގެ ޔޫނިއަނާ މަޝްވަރާ ކުރުމަށް ފަހު މިހާރު ލީގުގެ ކުޅުން ކުރިއަށް ނުގެންދަން ނިންމާފަ އެވެ. ޕޯޗުގަލް ލީގު މެދުކަނޑާލި ވަކި މުއްދަތެއް އެގައުމުގެ ފެޑެރޭޝަނުން ހާމަކޮށްފައެއްނުވެ އެވެ.

މީގެ ދެ ހަފްތާ ކުރިން ފެށި އެމެރިކާގެ މޭޖާ ލީގު ސޮކާ މެދުކަނޑާލީ 30 ދުވަހުގެ މުއްދަތަކަށެވެ. އެމްއެލްއެސްގެ ކޮމިޝަނަރު ޑޮން ގާބް ވިދާޅުވީ އެގައުމުގެ ލީގު ފަސްކުރީ ކޮރޯނާވައިރަހުގެ ބިރު ބޮޑުވެ އިދާރާތަކުން އެގޮތަށް ލަފާދިނުމުން ކަމަށެވެ. ގާބް ވަނީ ލީގުގެ ސަޕޯޓަރުންގެ ފަރާތުން މިވަގުތު ލިބެމުން އަންނަ އެހީތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ.

މަޝްހޫރު ހަތަރު ލީގުގެ ކުޅުން މެދުކަނޑާލަން ނިންމިއިރު ފްރާންސް ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް އެގައުމުން ވަނީ ނިންމައިފަ އެވެ. ކޮރޯނާވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ އިޓަލީގެ ހުރިހާ ކުޅިވަރު ހަރަކާތެއް ސަސްޕެންޑް ކޮށްފައިވާއިރު އެގައުމުގެ ލީގު އަލުން ފަށަން މިހާރު ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. އެހެންނަމަވެސް މި ބަލި ފެތުރުން އެގައުމުގައި މަޑުނުޖެހޭތީ މިހާރު އިޓަލީ ވަނީ ލޮކްޑައުންކޮށްފަ އެވެ.

އިޓަލީގައި ކޮރޯނާވައިރަސް ފުޅާކޮށް ފެތުރެމުންދާއިރު އެގައުމުގެ ޕްރޮފެޝަނަލް ފުޓްބޯޅައިގެ ދެ ކުޅުންތެރިއަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ޑެނިއެލް ރުގާނީ އާއި މިއަދު ޕޮޒިޓިވްވި ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑީނީ އެވެ. ރުގާނީ އަށް ކޮވިޑް-19 ޖެހުމާއި ގުޅިގެން ޔުވެންޓަސްގެ މުޅި ޓީމު މިވަގުތު ތިބީ ކަރަންޓީނުގަ އެވެ. އެކަމަކު ހާއްސަ ހުއްދައެއްގެ ދަށުން ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލަށް އަނބުރާ ދިއުމުގެ ހުއްދަ ސަރުކާރުން ދިނުމުން އޭނާ މިވަގުތު ހުރީ އާއިލާއާއެކު އުފަން ސިޓީ ކަމަށްވާ ޕޯޗުގަލްގެ މެޑެއިރާގަ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ޔޫއެފާ ޔޫރޮޕާ ލީގުގެ ބައެއް މެޗުތައް މިރޭ ނުކުޅެން ނިންމާފައިވާއިރު ބައެއް މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.

އިނގިރޭސި ލީގުގެ ހާލަތަށް ބަލާއިރު އާސެނަލްގެ ބައެއް ކުޅުންތެރިން ކަރަންޓީނުގައި ތިބުމުން މިދިޔަ ބުދަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އެޓީމުން ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ. އަނެއްކޮޅުން ލެސްޓާ ސިޓީގެ ތިން ކުޅުންތެރިއެއްގެ ގައިން ކޮރޯނާވައިރަހުގެ އަލާމާތްތައް ފެނުމުން މިހާރު އެކަހެރި ކޮށްފައިވާކަމަށް އެޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް މިއަދު ވަނީ ބުނެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!