ފުރަތަމަ ސަފްޙާ / ޚަބަރު / ކޮވިޑް-19: މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑްގެ މެޗު ފަސްކޮށްފި

ކޮވިޑް-19: މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑްގެ މެޗު ފަސްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 މާރޗް 2020

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މެންޗެސްޓަރ ސިޓީ އިން އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު ޔޫއެފާއިން ފަސްކޮށްފި އެވެ.

މި ދެޓީމުގެ މެޗު ކުޅުމަށް ކުރިން ޝެޑިއުލްކޮށްފައިއޮތީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ސިޓީ އާއި ރެއާލްގެ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި އަންނަ ހަފްތާ ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ފްރާންސްގެ ލިޔޯންއާ ވާދަކުރަން ޝެޑިއުލްކޮށްފައިވާ މެޗު ވެސް ވަނީ ފަސްކޮށްފަ އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު ސިޓީން ވަނީ 2-1 އިން ކާމިޔާބުކޮށްފަ އެވެ. އަދި، ލިޔޯނުން ވަނީ ފުރަތަމަ ލެގްގައި 1-0 އިން އަމިއްލަ ދަނޑުގައި ޔުވެންޓަސް ބަލިކޮށްފަ އެވެ. މި ދެމެޗު ވެސް ފަސްކޮށްފައިވާއިރު އަލުން މެޗު ކުޅޭނެ ތާރީހް ފަހުން އިއުލާންކުރާނެ އެވެ.

ޔޫއެފާ އިން ސިޓީ އާއި ރެއާލްގެ މެޗު ފަސްކުރަން ނިންމީ ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮސިޓިވް ވުމާއި ގުޅިގެންނެވެ. ރެއާލްގެ ބާސްކެޓްބޯޅަ ޓީމު ތަމްރީނުތަކަށް ބޭނުންކުރާ ވަސީލަތްތައް ފުޓްބޯޅަ ޓީމުން ވެސް ބޭނުންކުރާއިރު، އެކަމާއި ގުޅިގެން ރެއާލްގެ މުޅި ޓީމު މިވަގުތު ތިބީ ކަރަންޓީނުގަ އެވެ.

ކޮރޯނާވައިރަސް މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ މުޅި އިޓަލީ މިހާރު ލޮކްޑައުންކޮ ކޮށްފައިވާއިރު ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ޑެނިއެލް ރުގާނީ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ރުގާނީ ބައްޔަށް ޕޮޒިޓިވް ވުމުން ޔުވެންޓަސްގެ ޓީމު ވެސް މިވަގުތު ތިބީ ދެ ހަފްތާގެ މުއްދަތަކަށް ކަރަންޓީނުކޮށްފަ އެވެ. އެކަމަކު ހާއްސަ ހުއްދައެއްގެ ދަށުން ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލަށް އަނބުރާ ދިއުމުގެ ހުއްދަ ސަރުކާރުން ދިނުމުން އޭނާ މިވަގުތު ހުރީ އާއިލާއާއެކު އުފަން ސިޓީ ކަމަށްވާ ޕޯޗުގަލްގެ މެޑެއިރާގަ އެވެ. އަނެއްކޮޅުން އިޓަލީގައި އިންތިހާއަށް މި ބަލި ފެތުރެމުން ދިއުމާއި ގުޅިގެން އިޓާލިއަން ލީގު ހިމެނޭ ގޮތަށް ކުޅިވަރުގެ ހުރިހާ ހަރަކާތެއް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. އިޓާލިއަން ލީގު ސަސްޕެންޑް ކޮށްފައި އޮތީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް ހާލަތަށް ބަލައި މި މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ބޮޑެވެ.

ރުގާނީގެ އިތުރުން އިނގިރޭސި ކްލަބް ސައުތެމްޓަން އާއި ނަޕޯލީ އަދި ބޮލޯނިއާ އަށް ކުޅެފައިވާ 28 އަހަރުގެ ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑީނީ ވެސް މިއަދުގެ ވަގުތެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އިޓަލީގެ ފޯވާޑް މިހާރު ކުޅޭ ކްލަބް ސަމްޕްޑޯރިއާއިން ބުނީ ބަލި ޖެހިފައިވާކަން ކަށަވަރުވުމުން ގަބިއަޑީނީ މިހާރު ކަރަންޓީނުކޮށް ފަރުވާކުރަން ފަށާފައިވާކަމަށެވެ. އެ ކްލަބުން ބުނީ ގަބިއަޑީނީގެ ހާލަތު ގޯސް ނޫންކަމަށާއި، ކުޅުންތެރިޔާގެ ހާލަތު ބަރާބަރަށް މޮނިޓަރ ކުރަމުން ދާނެކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!