ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިދިޔަ މަހު ބޮރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި 1-2 އިން ޕީއެސްޖީގެ މައްޗަށް ބޮރޫޝިއާ ޑޯޓްމަންޑުން ކުރި ހޯދައިފައިވަނިކޮށް ރޭ ޑޯޓްމަންޑް އަތުން ޕީއެސްޖީ މޮޅުވީ 0-2 އިންނެވެ. މި ނަތީޖާ އާއެކު ޕީއެސްޖީ އަށް ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރުވީ 2-3 ގެ އެގްރިގޭޓުން ކުރި ލިބިގެންނެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން ސަޕޯޓަރުން ނުވައްދައި ރޭ ކުޅުނު މެޗްގައި ޕީއެސްޖީން ޖެހި ދެ ލަނޑުގެ ތެރެއން ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ނޭމާ އެވެ. މެޗްގެ 28 ވަނަ މިނެޓްގައި ޑި މާރިއާ ނަގައިދިން ކޯނަރު ނޭމާ ބޮލުން ޖަހައި ޑޯޓްމަންޑްގެ ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑާއެކު އެގްރިގޭޓް ނަތީޖާ ހަމަހަމަވެފައި ވަނިކޮށް މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޕަބްލޯ ސަރަބިއާ ދިން ބޯޅައަކުން ހުއާން ބާނާޓް ގޯލް ޖަހައި މެޗްގެ ނަތީޖާ ޕީއެސްޖީ ކޮޅަށް ވަނީ އަނބުރާލައިފައެވެ.
ރޭގެ މެޗްގައި ޑޯޓްމަންޑުން ގިނަ އިރު ބޯޅަ ގެންގުޅެގެން ކުޅެފައިވީ ނަމަވެސް ޕީއެސްޖީގެ ގޯލަށް އެޓީމަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެފިއެއް ނުވެއެވެ. ފުރަތަމަ ލެގުގައި ޕީއެސްޖީ ކޮޅަށް ދެ ގޯލް ވައްދާލި ނޯވޭގެ ފޯވާޑް އާލިމްގް ބްރައުޓް ހާލަންޑް ރޭ ފެނުނީ ވަރަށް ލޮނު މަޑުކޮށެވެ. މެޗް ނިމުމުން ޕީއެސްޖީގެ ކުޅުންތެރިން ވަނީ 19 އަހަރުގެ ހާލަންޑަށް މަލާމާތް ރައްދުވާ ގޮތަށޤ އޭނަ ގޯލް ސެލެބްރޭޓްކުރާ ގޮތަށް ހަރަކާތްވެސްކޮށްފައެވެ.
ރޭގެ މެޗަށް ސަޕޯޓަރުން ދަނޑަށް ނުވެއްދި ނަމަވެސް ދަނޑު ބޭރުގައި ޕީއެސްޖީގެ އެތައް ސަތޭކަ ސަޕޯޓަރުން މެޗް ހިނގަމުންދިޔަ ގަޑީގައި ޖަމާވެ ތިއްބެވެ. އަދި މެޗް ނިމުމުން ޕީއެސްޖީގެ ކުޅުންތެރިން ވަނީ އެ ސަޕޯޓަރުންނާއެކު އުފާ ފާލުކޮށްފައެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ޕީއެސްޖީ ދަތުރުކުރިއިރު މިދިޔަ ތިން ސީޒަންގައިވެސް އެ ޓީމަށް ގަދަ 16 ގައި ތަޖުރިބާ ކުރަންޖެހިފައި އޮތީ ބަދު ނަސީބެވެ. 2016 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޕީއެސްޖީ ކެޓީ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 0-4 އިން ބާސެލޯނާގެ މައްޗަށް ކުރި ހޯދައިފައި ވަނިކޮށެވެ. އެންމެ ފަހުން އޮތް މުބާރާތުގެ ކުއާޓަރ ފައިނަލަށް ނުގޮސް ޕީއެސްޖީ ކެޓީ ގަދަ 16 ގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް ރަށުން ބޭރުގައި 0-2 އިން ކުރި ހޯދައިފައި އޮއްވައެވެ.