މާޒިޔާ 2-1 އިން މޮޅުވާން ދަނިކޮށް މެޗުގެ ފަހު ވަގުތު ޖެހި ގޯލާއެކު 2-2 އިން އެއްވަރުކޮށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިރޭ އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ އިން މާޒިޔާ އަތުން ޕޮއިންޓެއް ހޯދައިފި އެވެ.
އިންޑިއާގެ ޖަވާހާލާލް ނެހްރޫ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ދެޓީމު އެއްވަރުވިއިރު މި ގްރޫޕްގެ ފުރަތަމަ މެޗުގައި މިއަދު ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އިން ވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް 5-1 އިން ބަލިކޮށްފަ އެވެ.
މި މެޗަށް ނުކުތްއިރު މާޒިޔާގެ އަފްގާނިސްތާނު ގޯލްކީޕަރު އޮވޭސް އަޒީޒީ އާއި ސާބިއާގެ ޑިފެންޑަރު ޕީޓަ ޕްލަނިޗް ހުރީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. އަޒީޒީގެ ބަދަލުގައި ގޯލު ބެލެހެއްޓީ ގައުމީ ޓީމުގެ ބަދަލު ގޯލްކީޕަރު ހުސައިން ޝަރީފް އެވެ. އަދި، ޕްލަނިޗް ނެތުމުން ޑިފެންސް ލައިންގައި ހިމެނީ މުސާ ޔާމީން (ޔާންބެ) އެވެ. މާޒިޔާ އިން ވަނީ ދާދިފަހުން ކުރު މުއްދަތެއްގެ އެއްބަސްވުމެއްގައި އެޓީމާ ގުޅުނު އާދަމް ނިޒާމް (ކިތުނާ) ބެންޗުގައި ހިމަނައިފަ އެވެ.
މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާ އިންނެވެ. އޭރިޔާ ބޭރުން ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ފޮނުވާލި ބާރު ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވި ނަމަވެސް ޗެންނާއީގެ ގޯލްކީޕަރު ސްޕެއިންގެ ނައުޒެޓް ސަންޓާނާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޗެންނާއީ އިން ލީޑު ނަގައިދިން ގޯލު ޖަހައިދިނީ ސްޕެއިންގެ ފޯވާޑް އަޑޮލްފޯ މިރާންޑާ އެވެ. އޭރިޔާ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ވައްދާލީ ގޯލުގެ ކައިރި ކަނަށެވެ.
ޗެންނާއީން ލީޑު ނެގުމުން މާޒިޔާ އިން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފުގެ ބާކީ ބައިގައި ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. މިގޮތުން ހަމްޒާ މުހައްމަދު (ހަމްޕު) އޭރިޔާ ތެރެއިން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ދިން ބޯޅަ ފޮނުވާލުމުން ކީޕަރު ސަންޓާނާ ވަނީ ހުއްޓުވައިފަ އެވެ. އަދި، އޭގެ އިރުކޮޅެއް ފަހުން ޔާންބެ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ވެސް ސަންޓާނާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. މެޗުގެ 25 ވަނަ މިނެޓުގައި ޑިފެންޑަރު ޔާންބެ އަށް އަނިޔާވުމުން މާޒިޔާ އިން ވަނީ ބަދަލުގައި މުޖުތާޒް މުހައްމަދު (މުޖޭ) ކުޅެން އަރުވައިފަ އެވެ.
ފުރަތަމަ ހާފުގައި ޗެންނާނީގެ ކެޕްޓަން ރޮބާޓޯ އެސްލާވާ ފަހަތަށް ޖައްސާލި ބޯޅަ ކީޕަރަށް އަތުނުވެ ގޮސް ޖެހުނީ އަރިމަތީ ދަނޑީގަ އެވެ. ބޯޅަ ދަނޑީގައި ޖެހުނީ ކީޕަރު ހުރި ހިސާބަށް ވުރެ ދުރަށް އެސްލާވާ ބޯޅަ ފޮނުވާލުމުންނެވެ. އެހެންނަމަވެސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ކީޕަރު ވަނީ މާޒިޔާ ކުޅުންތެރިއަކަށް އެ ބޯޅަ ލިބުމުގެ ކުރިން ސާފުކޮށްލައިފަ އެވެ. އޭގެ ފަހުން ހަމްޕު އަށް ކުރި ފައުލަކަށް އޭރިޔާ ބޭރުން ލިބުނު ޖެހުމެއް އަފްގާނިސްތާނުގެ ޑިފެންޑަރު ޝަރީފް މުހައްމަދު ފޮނުވާލުމުން ދިޔައީ ގޯލުގެ ކުޑަ ތަންކޮޅެއް މަތިން ބޭރަށެވެ.

މިރޭ މާޒިޔާ އާއި ޗެންނާއި ސިޓީ އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮޓޯ: އޭއެފްސީ
ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓު ތެރޭ ހަމްޕު އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އަރިމަތިން ފޭދޫ އިއްބެ ނަގައިދިން ހުރަސް ސްޓެވާޓް ފައިގައި ލައްވާނުލައި ހަމްޕު އަށް ލިބުމުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. ހަމްޕު އަށް ބޯޅަ ލިބުނު އިރު ގޯލަށް ޖަހަން ލިބިފައި އޮތީ ހަނި އޭންގަލެކެވެ.
ފަހަތުގައި އޮތުމުން މާޒިޔާގެ ކޯޗު މަރްޖާން ސެކޮލޮސްކީ ވަނީ 61 ވަނަ މިނެޓުގައި އިބްރާހީމް އައިސަމްގެ ބަދަލުގައި އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ކުޅެން އަރުވައި އެޓޭކް ވަރުގަދަކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ގެ ގޯލުން މާޒިޔާ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ހަމްޕު ނަގައިދިން ޖެހުމަކުން އޭރިޔާތެރޭ ހުރެ 64 ވަނަ މިނެޓުގައި އިރޭ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ބޮލުންނެވެ. އެއްވަރު ކުރި ގޯލަށް ތިން މިނެޓު ނުވަނީސް މާޒިޔާގެ ކުޅުންތެރިން ގުޅިގެން އުފެއްދި ހަމަލާއެއްގައި ފޭދޫ އިއްބެ އެޓީމަށް ލީޑު ނަގައިދިނެވެ. ހުސައިން ނިހާން (ނިހާޓް) އޭރިޔާތެރޭގައި ހުސްކޮށްހުރި ފޭދޫ އިއްބެ އަށް ޖައްސާލުމުން އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މި ގޯލު ޖެހުމުގައި މި ކުޅުންތެރިންގެ އިތުރުން އިއްބެ ވަހީދު އާއި ހަމްޕުގެ ހިއްސާވެސް ބޮޑެވެ.
ދެ ވަނަ ހާފުގައި ޗެންނާއީ ސިޓީ އަށް މާމޮޅު ކުޅުމެއް ނުދެއްކުނުއިރު ލީޑު ނެގުމަށް ފަހު ވެސް މާޒިޔާ އިން ވަނީ އިތުރު ހަމަލާތައް އުފައްދައިފަ އެވެ. ފޭދޫ އިއްބެ ދިން ބޯޅައެއް 74 ވަނަ މިނެޓުގައި ސްޓެވާޓަށް ބޭނުން ނުކުރެވުނުއިރު އޭގެ މިނެޓެއް ފަހުން އިއްބެ ވަހީދު ޖެހި ބޯޅަ އަމާޒުވީ ކީޕަރު އަތަށެވެ. ޗެންނާނީ ސިޓީން މި ހާފުގައި ނުރައްކާތެރި ފުރަތަމަ ހަމަލާ ފޮނުވާލީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް މިރާންޑާ އެވެ. އޭނާ ޖެހި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައިރު ލީޑު ހިފެހެއްޓުމަށް މާޒިޔާ އިން ވަނީ ފަހު ފަސް މިނެޓަށް ކޮނޭލިއަސްގެ ބަދަލުގައި އަމްދާން އަލީ (އެންޑީ) ކުޅެން އަރުވައިފަ އެވެ. އެކަމަކު މިރާންޑާ ވަނީ މެޗުގައި ޗެންނާއީ ސިޓީ އަށް ދެ ވަނަ ގޯލު ޖަހައިދީ 89 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ ޗެންނާއީގެ ކުޅުންތެރިއަކު އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު ހުސެންގެ އަތުން ދޫވި ވަގުތު މިރާންޑާ ގޯލުގެ ތެރެއަށް ވައްދާލި ލަނޑެކެވެ.
އެއްވަރުކުރި ގޯލަށް ފަހު މެޗުގެ އިތުރު ވަގުތުގައި އިންޑިއާގެ 24 އަހަރުގެ ފޯވާޑް ވިޖޭ ނަގަޕަން އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ނަގަޕަން އަށް ގޯލުގެ އަރިމަތިން ލިބުނު ބޯޅަ ފޮނުވާލުމުން އަރިމަތިން ބޭރަށް ދިޔައިރު އެވަގުތު އެޓީމުގެ އެހެން ކުޅުންތެރިއަކު އޭރިޔާތެރޭ ހުހަށް އޮތެވެ.
ދެކުނު އޭޝިއާގެ ޓީމުތަކަށް ނިސްބަތްވާ އޭއެފްސީ ކަޕްގެ ގްރޫޕް އީގެ މެޗުތައް ދެން ކުޅޭނީ އަންނަ މަހުގެ 14 އަދި 15 ވަނަ ދުވަހު އެވެ. 14 ވަނަ ދުވަހު މާޒިޔާ އިން ގަލޮޅު ދަނޑުގައި ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ނުކުންނައިރު ޖެހިގެން އަންނަ ދުވަހު ޓީސީ އިން ގަލޮޅު ދަނޑުގައި ޗެންނާއި ސިޓީ އެފްސީއާ ވާދަކުރާނެ އެވެ.