މިއަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ގްރޫޕުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ. ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ޓީސީ މިއަދު މެންދުރު ފަހު ކުޅުނު މެޗުން ބަލިވީ 5-1 އިންނެވެ.
ބަންގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމްގައި މިއަދު ޓީސީ ބަލިވި ސަބަބަކީ ބަޝުންދަރާ އަށް ކުޅޭ އާޖެންޓީނާ އަށް އުފަން ފޯވާޑް ހާނަން ބާކޯސް ހިފަހައްޓާ ނުލެވުމެވެ. އިސްކޮޅުގައި ހަ ފޫޓު ހުންނަ ފޯވާޑް ވަނީ މިއަދުގެ މެޗުގައި އެޓީމުން ޖެހި ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ގޯލު ޖަހައިދިނީ ކޮސްޓަ ރިކާގެ ކުޅުންތެރިޔާ ޑެނިއެލް ކޮލިންޑްރެސް އެވެ.
35 އަހަރުގެ ބާކޯސް އަކީ އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް ހަތަރު މެޗު ކުޅެފައިވާ ކުޅުންތެރިއެކެވެ. ބާކޯސް ކުޅުނު ފާހަގަކޮށްލެވޭ ކްލަބްތަކުގެ ތެރޭގައި ބްރެޒިލްގެ ޕަލްމެއިރާސް އާއި ސްޕެއިންގެ ރޭސިން އަދި ޕޯޗުގަލްގެ ސްޕޯޓިން ކްލަބް ހިމެނެ އެވެ. އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ބަޝުންދަރާ އިން ބާކޯސްގެ ސޮއި ހޯދީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ.

ބަޝުންދަރާގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. – ފޮޓޯ: އޭއެފްސީ
މިއީ އޭއެފްސީ ކަޕްގެ ތާރީހުގައި ޓީސީ އިން ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވަނީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގެ ކޮލިފައިން ބުރުގައި ކުޅެފަ އެވެ. އެހެންނަމަވެސް އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ޕްރިލިމިނަރީ ބުރުގައި ބަލިވުމުން ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބުނީ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ބާކޯސް ޖެހީ ބޮލުންނެވެ. އެކަމަކު ޓީސީން ވަނީ މެޗުގެ 21 ވަނަ މިނެޓުގައި އިސްމާއީލް އީސާ (މެސީ) ޖެހި ގޯލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ އަލީ އަޝްފާގް (ދަގަނޑޭ) އަށް ކުރި ފައުލަކަށް ޓީސީ އަށް ލިބުނު ޕެނަލްޓީ އީސަ ފޮނުވާލުމުން ބަޝުންދަރާގެ ގޯލްކީޕަރު އަނީސޫރް ރަހްމާން އަތުގައި ޖެހިފައި ނުކުތް ވަގުތު އީސަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އެކަމަކު މެޗުގެ 26 ވަނަ މިނެޓުގައި ބޮލުން އިތުރު ގޯލެއް ޖަހައި ބާކޯސް ވަނީ ބަޝުންދަރާ އަށް އަލުން ލީޑު ނަގައިދީފަ އެވެ.
ދެ ވަނަ ހާފުގެ ހަތް ވަނަ މިނެޓުގައި ޓީސީ އަށް އަނެއްކާވެސް ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުސަތުގައި އީސަ ފޮނުވާލި ޕެނަލްޓީ ވަނީ ބަޝުންދަރާގެ ކީޕަރު މަތަކޮށްފަ އެވެ. މިއީ އީސަ އަށް ކީޕަރު ރަހްމާން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ޓީސީ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފި އުޅެނިކޮށް ލިބުނު ޕެނަލްޓީއަކުން ބާކޯސް ވަނީ މެޗުގެ 68 ވަނަ މިނެޓުގައި ހެޓްރިކް ހަދައި ބަޝުންދަރާ އަށް ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގައި ބަޝުންދަރާގެ ހަތަރު ވަނަ ގޯލު 76 ވަނަ މިނެޓުގައި ކޮލިންޑްރެސް ޖެހިއިރު އިތުރު ވަގުތުގައި ބާކޯސް ވަނީ މެޗުގައި އޭނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ޓީސީގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް މިއަދުގެ މެޗުގައި ބަޝުންދަރާގެ ހަމަލާއެއް ހުއްޓުވަނީ. – ފޮޓޯ: އޭއެފްސީ
ބަޝުންދަރާގެ ކޯޗަކީ މީގެ ދެ އަހަރު ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ އޮސްކާ ބްރުޒޮން އެވެ. ނިއު ދޫކޮށް ބަންގްލަދޭޝަށް ބަދަލުވުމަށް ފަހު ފުރަތަމަ ސީޒަނުގައި ވެސް އޭނާ ވަނީ ބަޝުންދަރާ އަށް ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަމިއްލަ ދަނޑުގައި މިއަދު މޮޅަށް ކުޅުނީ ވެސް އެޓީމެވެ.
މެޗުގައި ޓީސީން ވަނީ ބަޝުންދަރާގެ ގޯލަށް 13 ހަމަލާ ފޮނުވާލައި ގޯލާ އަމާޒުކޮށް ތިން ހަމަލާ ފޮނުވާލައިފަ އެވެ. އެހެންނަމަވެސް މިއަދު އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ.
https://www.facebook.com/fahuminet/photos/a.1753563491332424/2926870147335080/?type=3&__xts__%5B0%5D=68.ARDYCl9Y9vqqEFxQ9PhXNe0tsMt6mz2wz_saT7MS0zaRDczETvglaDyBABqc1wO1XoJJcP9xgLE_7BiByZCPCD3fNM66OW7JmSW-297cNCZbTy4H34Gh9gxxP4AwDslndN2xMo4Ot4tV6ToMjx5ELGEACO-aS9_L5E3v28qGp2HygTfFT5r4GyM0lk2w2FfdoA8r7nnl0MsuRnZkEeaOfSEsV_m5y-T7gOv8gr-tlTuUECqIT6KsZWjKsmYAll4VQHkOrYxa5bcZ48-H0vyG5dmsqydEjwCmHMUkEr8O0z4m5vnQ3xssVqGxSfPMvSvpRLcdXPq38I8aeO2KktRpXv-xh6aP&__tn__=-R
ޓިސީ އާއި ބަޝުންދަރާގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ އެވެ. ގްރޫޕުގެ ދެ ވަނަ މެޗުގައި އިންޑިއާގައި ޗެންނާއީއާ ދެކޮޅަށް މާޒިޔާ ނުކުންނާނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ. އަނެއް ބުރާ ދާނީ މި ގްރޫޕުން އެއް ވަނަ ހޯދާ ޓީމެކެވެ.