ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކިލިއަން އެމްބާޕޭ ކޮރޯނާވައިރަހަށް ޓެސްޓުކޮށް އޭނާގެ ނަތީޖާ “ނެގަޓިވް” ކަމަށް ދަށްކައިފި އެވެ. ހަލުވިކަމާއެކު މުޅި ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އެމްބާޕޭ ޓެސްޓް ކުރީ މިދިޔަ ތިން ދުވަހު އޭނާ ބަލިކޮށް އުޅުމުގެ ސަބަބުން އިއްޔެ އެވެ.
ބަލިކޮށް އުޅުމުގެ ސަބަބުން މިދިޔަ ދެ ދުވަހު ޕީއެސްޖީ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި އެމްބާޕޭ ބައިވެރިވެފައެއްނުވެ އެވެ. އެމްބާޕޭ ކޮރޯނާވައިރަހަށް ނެގެޓިވް ވުމަކީ އެޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގްގައި ޕީއެސްޖީ މިރޭ ބޮރޫޝިއާ ޑޯޓްމަންޓާ ދެކޮޅަށް ނުކުންނައިރު ރަށުން ބޭރުގައި އެޓީމު ވަނީ ޑޯޓްމަންޑް އަތުން 2-1 އިން ބަލިވެފަ އެވެ.
އެމްބާޕޭ އަކީ ދުނިޔޭގެ އެންމެ މަގުބޫލު ކުޅުންތެރިންގެ ތެރެއިން ކޮރޯނާވައިރަހަށް ޓެސްޓުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވެސް ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އެމްބާޕޭ ފަރިތަކުރުންތަކުގައި ބައިވެރިނުވީ ބަލިވުމުގެ ސަބަބުން ކަމަށެވެ. ކޮވިޑް-19 އަށް އެމްބާޕޭ ނެގަޓިވްވި ނަމަވެސް މިރޭގެ މެޗުގައި އޭނާ ކުޅޭނެ ކަމުގެ ޔަގީންކަމެއް ކޯޗު ޓުޗެލް ދީފައެއްނުވެ އެވެ.
ފްރާންސަކީ މިވަގުތު ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުން އަންނަ އެއް ގައުމެވެ. އެހެންކަމުން އެގައުމުގެ ލީގު މެޗުތައް ވެސް މިހާރު ކުޅޭގޮތަށް ނިންމާފައިވަނީ ސަޕޯޓަރުން ނުވައްދަ އެވެ. އަދި، ބައެއް މެޗުތަކަށް އެންމެ ގިނަވެގެން 1000 ސަޕޯޓަރުންނަށް ވަދެވޭގޮތަށް ވަނީ ލިމިޓް ކޮށްފަ އެވެ. ވައިރަސް ފެތުރޭތީ މިރޭ ޕީއެސްޖީ އިން ޑޯޓްމަންޓާ ދެކޮޅަށް ނުކުންނާނީ ވެސް ސަޕޯޓަރުން ނުލައި ފަޅު ދަނޑެއްގަ އެވެ.
ސަޕޯޓަރުން ނުލައި މިރޭ ކުޅޭ މެޗުން ޕީއެސްޖީ އަށް އަނެއް ބުރަށް ދެވެން އޮތީ ޑޯޓްމަންޑް ބަލިކޮށްގެންނެވެ. އެޓީމުގެ އެންމެ މުހިއްމު ތަރި އެމްބާޕޭ ވަނީ މި ސީޒަނުގައި ޕީއެސްޖީ އަށް ކުޅެދިން 32 މެޗުގައި 30 ގޯލު ޖަހައިފަ އެވެ. ފްރާންސްގެ ލީގުގައި އެމްބާޕޭ 18 ގޯލު ޖަހާފައިވާއިރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެމްބާޕޭ ވަނީ ހަ ގޯލު ޖަހައިފަ އެވެ.
ކޮރޯނާވައިރަހާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކުޅިވަރު ހަރަކާތްތައް މިހާރު ކުރިއަށްގެންދަނީ ސަޕޯޓަރުން ނުވައްދަ އެވެ. ޗެމްޕިއަންސް ލީގުގައި ސަޕޯޓަރުން ނުވައްދާ ކުޅޭ އެންމެ ފާހަގަކޮށްލެވޭ އަނެއް މެޗަކީ ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ނަޕޯލީއާ ވާދަކުރާ ދެ ވަނަ ލެގްގެ މެޗެވެ. މީގެ އިތުރުން އިޓަލީ ސަރުކާރުން މިހާރު ވަނީ އެގައުމުގެ ހުރިހާ ކުޅިވަރު ހަރަކާތެއް ސަސްޕެންޑް ކޮށް މުޅި ގައުމު ކަރަންޓީނުކޮށްފަ އެވެ. އަދި، އިޓަލީ ލީގުގެ މެޗުތައް އަންނަ މަހުގެ ކުރީކޮޅާ ހަމައަށް ފަސްކުރިއިރު ކޮޕަ އިޓަލިއާގެ ފައިނަލް ޝެޑިއުލްކޮށްފައިވަނީ މެއި މަހުގެ ފަހުކޮޅަށެވެ. ޗެމްޕިއަންސް ލީގުގެ މެޗުތަކުގެ އިތުރުން ޔޫއެފާ ޔޫރޮޕާ ލީގުގެ ބައެއް މެޗުތައް ވެސް މާދަމާ ރޭ ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.