ފުރަތަމަ ސަފްޙާ / ޚަބަރު / ކިތުނާ އަކީ އުފެދުމުގައިވެސް ސްޓްރައިކަރެއް، ބޭނުން ނުހިފުމުން ހައިރާންވޭ: މާޒިޔާ ކޯޗް

ކިތުނާ އަކީ އުފެދުމުގައިވެސް ސްޓްރައިކަރެއް، ބޭނުން ނުހިފުމުން ހައިރާންވޭ: މާޒިޔާ ކޯޗް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 10 މާރޗް 2020

މިއަހަރުގެ ދެ ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައި ދާދިފަހުން މާޒިޔާ އަށް ބަދަލުވި އާދަމް ނިޒާމް (ކިތުނާ) އަކީ އުފެދުމުގައިވެސް ސްޓްރައިކަރެއް ކަމަށާއި، ހަގު އުމުރެއްގައި އެ ކުޅުންތެރިޔާގެ ބޭނުން އެއްވެސް ކޯޗަކު އެންމެ ރަގަޅަށް ނުހިފުމުން ހައިރާންވާކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗް މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ދެވަނަ ޑިވިޝަންގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ރާއްޖެ ކުޅެންޖެހިފައި އޮތް މެޗުތަކަށް ތައްޔާރުވާން އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑުން ވެސް ފުރުސަތު ދީފައިވާ ކިތުނާ މާޒިޔާއާ ގުޅުނީ މިދިޔަ ހަފްތާގަ އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި މާޒިޔާ އިން ކުޅެންޖެހޭ ފުރަތަމަ މެޗްގައި ވާދަކުރުމަށް މިވަގުތު ޓީމާއެކު އިންޑިއާގެ ޗެންނާއީ ގައި ހުރި ކިތުނާގެ ބޭނުން މާޒިޔާ އަށް ހިފޭނީ ހަމައެކަނި އޭއެފްސީ ކަޕްގަ އެވެ. ރާއްޖޭގެ ޓްރާންސްފާ  ބާޒާރު ބަންދުވެފައި އޮތުމާއެކު މާޒިޔާއާ އެކު އިންޓަނޭޝަނަލް މެޗްތަކުގައި ކުޅުމުގެ ފުރުސަތު ކިތުނާ އަށް އޮތަސް މިހާރު ކުރިއަށްދާ އެފްއޭ ކަޕާއި، އަންނަ މަހު ފަށަން ހަމަޖެހިފައި އޮތް ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާގެ ޖާޒީގައި ކިތުނާ އަކަށް ނުކުޅެވޭނެ އެވެ.

މާޒިޔާގެ އެންމެ ތަޖުރިބާކާރު އެއް ފޯވާޑް އަސަދުﷲ ޢަބްދުﷲ އަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރުގައި ހުންނަންޖެހިފައިވާ ވަގުތެއްގައި ކިތުނާ ކަހަލަ އިތުބާރު ފޯވާޑެއް ޓީމާއި ގުޅުމަކީ މާޒިޔާގެ ކޯޗް މެސެޑޯނިއާގެ ސެކުލޮސްކީ އަށް އޮތް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ. މާޒިޔާގެ ކޯޗެއްގެ ގޮތުގައި ދެ ވަނަ ފަހަރަށް ރާއްޖެ އައިސް މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު އެޓީމަށް ކާމިޔާބުކޮށްދިން ކޯޗް ޓީމާއެކު ޗެންނާއީގައި ހުރެ “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުނީ ކިތުނާ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

“އޭނާގެ އިންޑިވިޖުއަލް ހުނަރު އެބަހުރި. އެއީ އުފެދުމުގައިވެސް ސްޓްރައިކަރެއް. ގޯލް އޭރިޔާގެ ތެރޭގައި މޮޅަށް ކުޅޭ ކުޅުންތެރިއެއް. ވަރަށް ތޫނުފިލި ކުޅުންތެރިއެއް. ލަނޑުޖެހުމުގެ ކުޅަދާނަކަން އޭނަގެ އެބަހުރި.” ކިތުނާއާ ގުޅޭގޮތުން ސުވާލުކުރުމުން ސެކުލޮސްކީ ބ. ގޮއިދޫ އަށް އުފަން 32 އަހަރުގެ ކުޅުންތެރިޔާ އަށް ތައުރީފު އޮއްސަން ފެށި އެވެ.

މާޒިޔާގެ ކުޅުންތެރިންނާއެކު ކިތުނާ (ވ. ދެ ވަނަ) މާޒިޔާ ކުޅުންތެރިންނާއެކު. މާޒިޔާ އަށް ބަދަލުވީ ކުރު މުއްދަތެއްގެ އެއްބަސްވުމެއްގައި

ސެކުލޮސްކީއަށް ކިތުނާއާ މެދު އޮތް ހަމައެކަނި ކަންބޮޑުވުމަކީ ކިތުނާގެ ފިޓްނަސް އެވެ. ދެ ވަނަ ޑިވިޝަންގައި މިފަހަރު ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އަށް އޭނާ ކުޅުނީ ޓީމާއެކު ފަރިތަނުކޮށެވެ. ސޮނޭވާފުށި ރިސޯޓްގައި ވަޒީފާ އަދާކުރަން ހުރެފައި ކުޅެން މާލެ އަންނަނީ ކޮންމެ މެޗެއްވެސް ފެށެން މަދު ވަގުތުކޮޅަކަށް ވެފައި އޮއްވަ އެވެ.

“މެޗުގެ ފުރިހަމަ ވަގުތު ހަމަވަންދެން ކުޅެވޭ ވަރަކަށް ފިޓެއް ނޫން. އެކަން އެގޮތަށް ވާނެކަން ގަބޫލުވެސް ކުރެވޭ. އޭނަ އައީ ދެ ވަނަ ޑިވިޝަންގެ ކްލަބަކުން ގަވައިދުން ޕްރެކްޓިސް ކުރުމެއް ނެތި. އަހަރެމެންނާ އެކު އަދި މިވީ ވަރަށް މަދު ދުވަސްކޮޅެއް.” އޭއެފްސީ ކަޕްގެ ޕްލޭއޮފް ގައި އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކުރުމަށްފަހު ގްރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައިކޮށްދިން ކޯޗު ބުންޏެވެ.

“ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އަށް ޓީމަށް އެހީވެވޭނެ. އޭއެފްސީ ކަޕްގެ ފުރަތަމަ މެޗާއި ދެ ވަނަ މެޗާއި ދެމެދު އަހަރެމެންނަށް އެއް މަސްދުވަސް ލިބޭ. އަހަރެން އުއްމީދު މިކުރަނީ އެ މުއްދަތުގެ ތެރޭގައި އޭނަގެ ފިޓްނަސް އާއި ޓެކްޓިކަލް ސްކިލްސް މިހާރަށްވުރެ ރަގަޅުކުރެވޭނެ ކަމަށް. އަދި ވާދަވެރި މެޗެއްގައި ރަގަޅަށް ކުޅެވޭ ވަރަށް އޭނާ 100 ޕަސެންޓް ފިޓްވާނެ ކަމަށް.” މާޒިޔާގެ ކޯޗް ބުންޏެވެ.

ކިތުނާގެ ހުނަރު ފެނިފައި ސެކުލޮސްކީ އަށް ލިބުނު އެންމެ ބޮޑު ހައިރާންކަމަކަށްވީ ކިތުނާ އަށް ރާއްޖޭގެ ބޮޑު ކްލަބަކުން ފުރުސަތު ލިބުން މިހާ ލަސްވުމެވެ.

“މީގެ ދިހައެއް ނުވަތަ ފަނަރަ ވަރަކަށް އަހަރު ކުރިން އެއްވެސް ކޯޗަކު އަދި ޓީމަކުން ކިތުނާގެ އެންމެ ރަގަޅު ބޭނުން ނުހިފުމުން އަހަރެން މިހިރީ ހައިރާންވެފަ.” މާޒިޔާގެ ކޯޗް ބުންޏެވެ.

ކިތުނާ ވަނީ މީގެ އަހަރު ތަކެއް ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބްގައި މަދު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އަދި މީގެ ކުރިން އޭނާ އަށް ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ސްކޮޑުން ވެސް ފުރުސަތު ލިބިފަ އެވެ. އެކަމަކު އެ ދެ ފުރުސަތުގެ ބޭނުން ކިތުނާ އަށް އެންމެ ރަގަޅަށް ނުހިފުނީ އޭރު މާލޭގައި ހުންނަން ދަތިވުމުންނެވެ.

އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި މާދަމާ މާޒިޔާ އިން ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ ރާއްޖެ ގަޑިން ހަވީރު 5:30 ގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!