ފުރަތަމަ ސަފްޙާ / ޚަބަރު / ކޮރޯނާ ވައިރަސްގެ ސަބަބުން އިޓަލީގައި ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓާލައިފި

ކޮރޯނާ ވައިރަސްގެ ސަބަބުން އިޓަލީގައި ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓާލައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 10 މާރޗް 2020

އިޓަލީގައި ހަލުއި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް އެ ގައުމުގައި އެއްވެސް ކުޅިވަރު ހަރަކާތެއް ބޭއްވުން މަނާކޮށްފައިވާ ކަމަށް އިޓަލީގެ ބޮޑުވަޒީރު ގިސެއްޕޭ ކޮންޓޭ އިއުލާންކުރައްވައިފި އެވެ.

އިޓަލީ ސަރުކާރުގެ މި ނިންމުމާއެކު އެ ތާރީހްގެ ކުރިން ކުޅެން ހަމަޖެހިފައި އޮތް އިޓާލިއަން ލީގުގެ އެއްވެސް މެޗެއް ކުރިއަކަށް ނުގެންދާނެއެވެ. އެހެން ނަމަވެސް ބައިނަލް އަގްވާމީ ފެންވަރުގައި ކުޅެވޭ އެކި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ އިޓަލީގެ ކްލަބްތަކާއި، ގައުމީ ޓީމްތަކް ކުޅޭ މެޗްތަކަށް މި ނިންމުމުގެ ސަބަބުން ބަދަލެއް ނާންނާނެއެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން އިޓަލީގައި ކުރިއަށްގެންދާ ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމިއިރު އިޓާލިއަން ސެރީއޭ ގެ ފަރާތުން މީގެ ދުވަސްކޮޅެއް ކުރިން އޮތީ ލީގުގެ މެޗްތައް ސަޕޯޓަރުން ނުވައްދާ ކުޅެން ނިންމައިފައެވެ. އަދި ބައެއް މެޗްތައް ކުޅެން ކުރިން ހަމަޖެހިފައި އޮތް ތާރީހަށްވުރެ ފަސްވެސް ކޮށްފައި ވެއެވެ.

އިޓަލީގައި ކުޅިވަރު ހަރަކާތްތައް ހުއްޓާލުމުގެ އިތުރުން އިޓަލީގެ އެއްވެސް ހިސާބެއްގައި އާއްމު އެއްވުންތައް ބޭއްވުންވެސް ވަނީ އެގައުމުގެ ސަރުކާރުން މަނާކޮށްފައެވެ.

އިޓަލީ ސަރުކާރުގެ މި ނިންމުމުގެ ކުރިން އެގައުމުގެ އޮލިމްޕިކް ކޮމިޓީން އިޓަލީގެ ހުރިހާ ކުޅިވަރު ފެޑެރޭޝަންތަކާއި އެކު އިއްޔެ ބޭއްވި ހާއްސަ ބައްދަލުވުމަކަށްފަހު ވަނީ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ހުއްޓާލަން އެ ކޮމިޓީއަށް ފެންނަކަމަށް އަންގައިފައެވެ.

އިޓަލީ އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މިވަގުތު އެންމެ ހަލުއި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނަ ގައުމެވެ. މީހާތަނަށް އިޓަލީން ކޮރޯނާ ވައިރަސް ހުރި ހަތް ހާހަށްވުރެ ގިނަ މީހުން ފެނިފައިވާ އިރު އެ ވައިރަހުގެ ސަބަބުން 450 މީހުން އިޓަލީގައި މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިޓަލީގައި ކުރިއަށްގެންދެވޭ ހުރިހާ ކުޅިވަރު ހަރަކާތެއް ސަސްޕެންޑްކުރިކަން އެގައުމުގެ ބޮޑުވަޒީރު އިއުލާންކުރުމުގެ ކުރިންވެސް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވަނީ އިޓަލީގައި ކުރިއަށްގެންދާ ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލުމަށް އެދިވަޑައިގެންފައެވެ. އަދި، ވަޒީރުގެ އެ އެދިވަޑައިގަތުމާއި އެއްގޮތަށް ސެރީއޭ އިން އަމަލު ނުކުރުމާއި ގުޅިގެން ސެރީއޭ އިން ކުރަމުން އަންނަނީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވިދާޅުވެ ކުޅިވަރާ ބެހޭ ވަޒީރު ވަނީ މިދިޔަ ހަފްތާ ބަންދު ތެރޭގައި ފާޑުވެސް ވިދާޅުވެފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!