ފުރަތަމަ ސަފްޙާ / ޚަބަރު / ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ މި މަހު ކުޅޭ މެޗުތައް ފަސްކޮށްފި

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ މި މަހު ކުޅޭ މެޗުތައް ފަސްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 9 މާރޗް 2020

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ (ކޮވިޑް-19) ގުޅިގެން 2022 ގެ ވޯލްޑް ކަޕާއި 2023 ގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖޭން މި މަހު ފަހުކޮޅު ޗައިނާ އަދި ސީރިއާއާ ދެކޮޅަށް ކުޅެން ޝެޑިއުލްކޮށްފައިވާ މެޗުތައް ހިމެނޭ ގޮތަށް އޭޝިއާ ސަރަހައްދުގެ ކޮލިފައިން ހުރިހާ މެޗުތަކެއް ފީފާ އިން ފަސްކޮށްފި އެވެ.

މެޗުތައް ފަސްކުރިކަން ފީފާއިން މިހާރު ވަނީ އެފްއޭއެމަށް ވެސް އަންގައިފަ އެވެ. އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވަނީ ކޮލިފައިންގައި މި މަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ފީފާއިން ކެންސަލް ކޮށްފައިވާކަން މި ނޫހަށް ޔަގީންކޮށްދީފަ އެވެ.

އޭއެފްސީއާ މަޝްވަރާ ކުރުމަށް ފަހު ފީފާއިން މިގޮތަށް ނިންމީ ދެފަރާތުން ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. ފީފާއިން މެޗުތައް ފަސްކުރަން ނިންމުމުން އޭއެފްސީގެ އޮފިޝަލުން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކުއްލި ބައްދަލުވުމެއް ބާއްވައި މެޗުތައް ފަސްކުރަން ބޭނުންވާ ތާރީހުތައް ފީފާ އަށް ހުށަހެޅުމަށް ނިންމާފަ އެވެ.

ޗައިނާއާ ދެކޮޅަށް މި މަހު 26 ވަނަ ދުވަހު ކުޅޭ ގޮތަށް ޝެޑިއުލްކޮށްފައި އޮތްއިރު މިމަހުގެ 31 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ރާއްޖޭން ސީރިއާ ވާދަކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް، ފީފާގެ ނިންމުމާއެކު މި މެޗުތައް ފަސްކުރާނެ ސީދާ ތާރީހު އިއުލާންކުރާނީ ފަހުންނެވެ.

ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެންފެށި ކޮރޯނާވައިރަހުގެ ސަބަބުން ޗައިނާގެ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗު ސަޕޯޓަރުން ނުވައްދާ އެންމެ ފުރަތަމަ ކުޅެން ނިންމީ ތައިލެންޑުގެ ބުރިރަމް ޕްރޮވިންސްގެ ޗޭންގް އެރީނާ ސްޓޭޑިއަމްގަ އެވެ. އަދި، ރާއްޖެ ހިމެނޭ ގްރޫޕުގައި ގުއާމާއި ޗައިނާ ވާދަކުރަން އޮތް މެޗު ވެސް އޭރު ވަނީ ތައިލެންޑަށް ބަދަލުކޮށްފަ އެވެ.

ކޮލިފައިންގައި ގަލޮޅު ދަނޑުގައި ޗައިނާ އިން ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. އޭޝިއާ ސަރަހައްދުގެ ކޮލިފައިންގެ ގްރޫޕް އޭގެ ކޮލިފައިންގައި ރާއްޖެ އަށް ބާކީ އޮތީ ޗައިނާއާ ވާދަކުރާ މެޗުގެ އިތުރުން ސީރިއާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ މެޗާއި ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗެވެ.

ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދާފައިވާ ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަ ޕޮއިންޓާއެކު ރާއްޖެ ހަތަރު ވަނައިގައި އޮތްއިރު ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕުގައި ޗައިނާ ނޫން ހުރިހާ ގައުމަކުން ވަނީ ފަސް މެޗު ކުޅެފަ އެވެ.

ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް އަންނަނީ ފަސްކުރަމުންނެވެ. ވައިރަހުގެ އަސަރު ދެމިގެންދާނެ މުއްދަތެއް ލަފާކުރަން ނޭނގޭތީ އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!