އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އަތުން މި ސީޒަނުގައި ހޯދި ދެ ވަނަ މޮޅާއެކު މެންޗެސްޓަރ ޔުނައިޓެޑުން ލީގުގައި ކުރިއަށް ދިއުމުގެ އިތުބާރު ރޭ ބޮޑުކޮށްފި އެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-0 އިންނެވެ.
މިއީ މި ސީޒަނުގައި ސިޓީ އަތުން ޔުނައިޓެޑުން ހޯދި ތިން ވަނަ މޮޅެވެ. މިދެޓީމު މިހާތަނަށް ހަތަރު ފަހަރު ވާދަކޮށްފައިވާއިރު ސިޓީ އަށް މޮޅެއް ލިބުނީ އިނގިރޭސި ލީގު ކަޕްގައި ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުންނެވެ. އެ މެޗުން މޮޅުވެ އެގްރިގޭޓް ނަތީޖާ އިން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައި ލީގު ކަޕްގެ ފައިނަލަށް ދަތުރުކޮށް ސިޓީން ވަނީ އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. ރޭގެ މެޗުގެ އިތުރުން ޔުނައިޓެޑުން ވަނީ މި ސީޒަނުގެ ލީގުގެ ފުރަތަމަ ބުރުގައި އަދި ލީގު ކަޕްގެ ދެ ވަނަ ލެގްގެ މެޗުގައި ސިޓީ ބަލިކޮށްފަ އެވެ. އަދި މިސީޒަނުގެ އެފްއޭ ކަޕްގައި ވެސް މި ދެޓީމު ވާދަކުރުމުގެ ފުރުސަތު އެބައޮތެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު ބްރޫނޯ ފެނާންޑޭސް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލް އެވެ. ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ފަހު ސިކުންތުގައި ޔުނައިޓެޑްގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޝިއަލް އަށް ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭނުމެއް ނުހިފުނެވެ. އަނެއްކޮޅުން ކައުންޓަ އެޓޭކުގައި އުފެއްދި ހަމަލާއެއްގައި ޔުނައިޓެޑްގެ ޑެން ޖޭމްސް ފޮނުވާލި ބާރު ހަމަލާއެއް ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ ހުއްޓުވައިފަ އެވެ.
ލީޑު ނެގުމަށް ފަހު ޔުނައިޓެޑުން ވަނީ ވަރަށް ބޮޑަށް ފަހަތައް ޖެހި ސިޓީގެ އެޓޭކުތައް ހުއްޓުވުމުގައި ކުރި ހޯދާފަ އެވެ. ސިޓީ އަށް ރޭ ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އަށް އަނިޔާވެ ނުކުޅެވުމެވެ. މެޗުގެ ދެ ވަނަ ހާފުގައި ސާޖިއޯ އަގުއޭރޯ ގޯލެއް ޖެހިނަމަވެސް އޭނާ އެވަގުތު އޮފްސައިޑުގައި ހުރިކަމަށް ވީއޭއާރުން ދެއްކުމުން އެ ގޯލު ބަލައެއް ނުގަތެވެ. މި ހާފުގައި ޔުނައިޓެޑްގެ ގޯލާ އަމާޒުކޮށް ސިޓީގެ ފިލް ފޯޑެން އާއި ބަދަލު ކުޅުންތެރިޔާ ގެބްރިއަލް ޖީސުސް ފޮނުވާލި ހަމަލާތައް ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އަދި، ފަހުކޮޅު ރަހީމް ސްޓާލިން އަށް ގޯލު ޖަހަން ލިބުނު ރަނގަޅު ފުރުސަތެއް ބޭކާރުވީ ރަނގަޅަށް ލައްވާނުލުމުންނެވެ.
ރޭގެ މޮޅާއެކު ޔުނައިޓެޑް މިހާރު ވަނީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ބަލިނުވެ 10 މެޗު ކުޅެފަ އެވެ. 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވިއިރު ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި މުއްދަތުގައި އެޓީމުން ވަނީ ބައިކޮޅަށް ގޯލެއް ނުވަދެ އަށް މެޗު ނިންމާލާފަ އެވެ.
“ސްކޮޑަށް ބެލިޔަސް ޓީމެއްގެ ގޮތުގައި ބެލިޔަސް އަހަރެމެނަށް ކުރިއެރުން ލިބޭކަން އިހުސާސްކުރެވޭ މިހާރު. ސަޕޯޓަރުން ބޭނުންވޭ މި ޓީމުން ނަތީޖާ ނެރެން. މިހާރު ސަޕޯޓަރުންނަށް އެމަންޒަރު ފެންނާނެ. އެހެންވީމަ އަހަރެމެން މިދަނީ ހަމަ ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅުވަމުން. އެކަމަކު އަދިވެސް މިއޮތީ ފަސް ވަނައިގައި. ޗެލްސީ އާއި ލެސްޓާ ސިޓީ އަތުލަން އިތުރު ޕޮއިންޓް އަހަރެމެންނަށް ބޭނުންވޭ” މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ޓީމުން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި، ދިމާވީ ނިންމާނުލެވުމުގެ މައްސަލަކަމަށެވެ.
“އެމީހުން މަޑުކޮށްގެން ތިބެ ދިޔައީ ދިގު ބޯޅަތަކެއްގައި ޑެން ޖޭމްސް އާއި އެންތަނީ މާޝިއަލް ބޭނުންކޮށްގެން ކައުންޓަރ އެޓޭކަށް ވިސްނަމުން. އަހަރެމެން ރަނގަޅަށް ކުޅުނު ނަމަވެސް ނަސީބު ދެރަކަމުން ގޯލެއް ވަނީ. އެމީހުން ތިބީ އަހަރެމެންނަށް ހެދޭނެ ގޯހަށް ވިސްނައިގެން” ސީޒަނުގައި ޔުނައިޓެޑް އަތުން ބަލިވި ތިން ވަނަ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
މިއީ ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އެއް ޓީމެއް އަތުން ސީޒަނެއްގައި ތިން މެޗުން ބަލިވި ދެ ވަނަ ފަހަރެވެ. 18-2017 ސީޒަނުގައި ގާޑިއޯލާ ވަނީ ލިވަޕޫލާ ވާދަކޮށް ތިން މެޗުން ބަލިވެފަ އެވެ.
މުހިއްމު މޮޅާއެކު ޔުނައިޓެޑް މިހާރު ވަނީ 45 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ގަދަ ހަތަރަކަށް ވާދަކުރާ ޗެލްސީ ހަތަރު ވަނައިގައި އޮތީ 48 ޕޮއިންޓާއެކު އެވެ. ޗެލްސީގެ ކުރިން ތާވަލުގެ ތިން ވަނައިގައި އޮތީ 50 ޕޮއިންޓް ހޯދާފައިވާ ލެސްޓާ އެވެ. މި ތިން ޓީމުގެ އިތުރުން 43 ޕޮއިންޓާއެކު ހަ ވަނައިގައި އޮތް ވުލްވްސް އާއި ހަތް ވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑް ވެސް އަންނަނީ މި ސީޒަނުގެ ގަދަ ހަތަރަކަށް ވާދަކުރަމުންނެވެ.
ރޭ ސިޓީ ބަލިވުމުން ލީގު ހޯދުމަށް ލިވަޕޫލުން ދެން ޖެހޭނީ ހަ ޕޮއިންޓް ހޯދާށެވެ. އެޓީމަށް ލީގުގައި ދެން އޮތީ އެވަޓަން އަދި ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. އެކަމަކު އަންނަ ބުދަ ދުވަހު ސިޓީން އަނެއްކާ އާސެނަލާ ދެކޮޅަށް ނުކުންނައިރު އެ މެޗުން ސިޓީ ބަލިވެއްޖެ ނަމަ އަން އާދީއްތަ ދުވަހު އެވަޓަން ބަލިކޮށްގެން ލިވަޕޫލަށް ލީގު ކަށަވަރުކުރެވޭނެ އެވެ.